ads
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، މި މަހު މާލެ ސަރަހައްދުން 59 ކޭސް ވަނީ ރިޕޯޓުކޮށްފައި - ފޮޓޯ:އަވަސް
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަނީ، މި މަހު މާލެ ސަރަހައްދުން 59 ކޭސް
ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި މި މަހުގެ މިހާތަނަށް މާލެ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ ސަބަބުން ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅު ދުޅަވުން އަދި އެކަމުގެ އުދަނގޫތައް ގިނަ ދުވަސްތަކަކަށް ކުރިމަތިވެ އެވެ.

ޗިކުންގުންޔާ ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުންނެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރިއެއް ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގަ އެވެ.

ޗިކުންގުންޔާ ފެތުރެމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ހެލްތު މިނިސްޓަރު ވިދާޅުވީ މި މަހު އެކަނި މިހާތަނަށް މާލެ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗިކުންގުންޔާ އާއި ޑެންގޫ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން. މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަން،" "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ހަލީލް ވިދާޅުވި އެވެ.

ޗިކުންގުންޔާގެ އަލާމަތްތައް:

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
  • ގަދައަށް ބޮލުގަ އާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތްބިހިތަކެއް ނެގުން (ރޭޝް)

ޗިކުންގުންޔާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށް މަންމަގެ ފަރާތުން ޖެހުމުންނާއި ތުއްތުކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އެހެނިހެން ބަލިތައް ތަހައްމަލު ކުރާ މީހުންނަށެވެ.

ސާފު ފެން ހަރުލާ ކޮންމެ ކޮންމެ ތަނެއްގައި ނުވަތަ އެއްޗެއްގައި އީޑީސް މަދިރި ބިސް އަޅާ އާލާވެ އެވެ. ޑެންގީ އަދި ޗިކުންގުންޔާ ފަތުރާ މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެ ތަކެތީގައި މަދިރީގެ ބިސް ހަރުލާފައި ހުރެ އެވެ. އަދި ހަލާކުނުވެ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހުރެ އެވެ.

ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވާނެ ގޮތް:

  • މަދިރި އާލާވާ ގޮތަށް ގެ އާއި ގޯތި ތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލުން
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާ ގޮތަށް ފޭރާންލުން
  • މަދިރިގެ ބޭނުން ކުރުން
  • ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
  • މަދިރި ގިނަވާ ވަގުތުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
  • މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން

ޗިކުންގުންޔާއަށް ފަރުވާ ދިނުމަށް ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުމާއި އަރާމު ކުރުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން ހިމެނެ އެވެ. އަދި ހުމާއި ގައިގައި ރިއްސުމުގެ އަލާމާތްތަކަށް ޕެނަޑޯލް ނުވަތަ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން ހިމެނެ އެވެ.

ތިން ދުވަހާއި ހަތް ދުވަހަށް ވުރެ ގިނަ ދުވަހު ހުން އަންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް