- ވެރިން އަދުލުވެރިވުން
ވެރިކަންކުރުމުގައި އަދުލުވެރިވާ، އަދުލުވެރި ވެރިންނަށް ގިޔާމަތް ދުވަހު ކާމިޔާބާއި، ފަލާހާއި، ނަސްރު ލިބެ އެވެ. މުސްލިމް ވެރިއެއްގެ އައިޑެންޓިޓީއަކަށް ވާންވީ ރައްޔިތުންނަށް އަދުލުވެރިވުމަށެވެ. ވަކިން ހާއްސަކޮށް މާތްﷲގެ އަމުރުފުޅުތައް މި ބިންމަތީ އަދުލުވެރިކަމާއިއެކު، ތަންފީޒު ކުރުމުގައި އަމާނާތްތެރިވުން ވަރަށް މުހިންމެވެ.
އެހެން ހިޔާވަހިކަމެއް ނުވާދުވަހު ﷲ 7 ބާވަތެއްގެ މީހުންނަށް ހިޔާވަހިކަން ދެއްވައެވެ. އެއީ އަދުލުވެރި އިމާމާއާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، މިސްކިތައް ހިތްޖެހިފައިވާ މީހާއާއި، ﷲގެ ވަޖުހަފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވާ މީހާއާއި، ހަސަބާއި ނަސަބުން މަތިވެރި އަންހެނަކު ފާހިޝްކަމަކަށް އެދުމުން އެކަމަށް އިންކާރުކުރާ މީހާއާއި، އޭނާގެ ކަނައަތުންދޭ ސަދަގާތް ވައަތަށްވެސް ނޭނގޭހާ ސިއްރުން ސަދަގާތްދޭ މީހާއާއާއި އެކަނި ތަނެއްގައި އިނދެ ﷲ ހަނދުމަކޮށް އޭނާގެ ދެ ލޮލުން ކަރުނަ އޮހޮރުވާމީހާއަށެވެ.
މި ހަދީސްފުޅުގައި އެންމެ ފުރަތަމަވެސް އަދުލުވެރި ވެރިން - އިމާމު ގެންނެވުމުގެ ހިކުމަތަކީ ވެރިމީހާ ރަނގަޅުވެއްޖެނަމަ ރައްޔިތުން ރަނގަޅުވާނެކަން ބުނެދިނުމެވެ. އަދި އެފަދަ ވެރިއެއްގެ ގިޔާދަތުގެ ދަށުން ގައުމު ތަރައްގީވެ ފާގަތިކަން އާއްމުވާނެކަން ޔަގީންކޮށްދިނުމެވެ. އެހެންކަމުން މުސްލިމުންގެ ވެރިން އިސްކަންދޭންވީ ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަށާއި އަނިޔާވެރިކަން ނައްތާލުމަށެވެ.
ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުގެ ޒިންމާއަކީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވީ ހިނދު ކޮންމެ މީހަކު އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަންޖެހެ އެވެ. އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީވެސް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް މީސްތަކުންނަށް ބާރުއެޅުމާއި، އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި، މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުމެވެ. އަދުލުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އަދި ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ.
އަދުލުވެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އައްނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މާތްﷲ އަމުރު ކުރައްވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށެވެ. ދެން އެ އަށް ފަހު އަމުރު ކުރައްވަނީ ހުކުމް ކުރާ ނަމަ އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށެވެ. ވެރިންނަށް ކިޔަމަންވުމަށް މާތްﷲ އަމުރު ކުރައްވާފައިވާ އާޔަތް ވަނީ މި އާޔަތާ ޖެހިގެންނެވެ. މިއިން ދޭހަވަނީ ވެރިންނަށް ރައްޔިތުން ކިޔަމަންވުމަށް ވުރެ ކުރިން ވެރިން ރައްޔިތުންނަށް އަދުލުވެރިވާން ޖެހޭ ކަމެވެ.
- ވެރިން ވަތަން ދެކެ ލޯބިވުން
ދީނާއި އަގީދާއަށް ފަހު، އެންމެ އަގުބޮޑު އެއްޗަކީ ވަތަނެވެ. އެއީ، ވަތަންދެކެ ފަހުރުވެރިނުވާ ނަމަ އިންސާނާ ފުރިހަމަ ނުވާތީއެވެ. މިކަމަށް ބާރު ދެނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން ހިސާރުކޮށް ރޭގަނޑާ ދުވާލު އެ ބިމަށް ބޮން އޮއްސާ ހަމަލާދީ ގާޒާގެ ރައްޔިތުން އެ މީހުންގެ ވަތަނުން ބޭރުކުރަން ބޭނުން ވިޔަސް އެ މީހުން އެ ބިމުން ނުފައިބާ ތިބި ތިބުމެވެ. ސަބަބަކީ ބިމާއި ވަތަނަށް ފަލަސްތީނުގެ ރައްޔިތުން ހުރި ކުލުނެއްގެ ބޮޑުކަމެވެ.
ޒައިނިސްޓުން ފެނާއި، ކާބޯތަކެއްޗާއި، ގޭހާއި، ކަރަންޓާއި އަސާސީ ބޭނުންތަކުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމުކުރަނީ ވެސް އެ މީހުންގެ ވަތަނުން ބޭރުކުރުމުގެ ނިޔަތުގައި އެވެ. ނަމަވެސް، ފަލަސްތީނު ރައްޔިތުންގެ ކިބައިން ދުނިޔެއަށް އެ ސާބިތު ކޮށްދެނީ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެކެވެ. ފަލަސްތީނުގެ ވެރިން - އިމާމުންގެ މިނިވަންކަމުގެ ނިދާ އަކީ އަމިއްލަ ގައުމުގެ ދާހިލީ އަދި ހާރިޖީ އެންމެހައި ކަންކަން "ނީލަމުގައި ވިއްކެންނެތްކަމުގެ" ރޫހެވެ.
ކީރިތި ރަސޫލާ ސއވ. ވެސް އެ ކަލޭގެފާނުގެ ވަތަން ކަމުގައިވާ މައްކާގެ ބިންދެކެ ލޯބިފުޅުވާކަން ފާހަގަވާ އެތައް ހެކިތަކެއްވެ އެވެ. އެގޮތުން މައްކާގެ މުޝްރިކުން އެ ކަލޭގެފާނު މައްކާގެ ބިމުން ނެރެލި ދުވަހު، ވަރަށް އަސަރުން ފުރިގެންވާ އިބާރާތަކުން ވަތަން ދެކެ ލޯބިވާ މިންވަރު ހާމަކުރެއްވި އެވެ. މިކަމުން ދަލީލު ކޮށްދެނީ ވަތަންދެކެ ލޯބިވުމުގައި ވެރިންގެ ބައިވެރިވުމެވެ.
ވަތަނަށްޓަކާ ކޮންމެ ވެރިއަކު ވެސް އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި ގައުމު ބިނާކުރުމުގައި ތެދުވެރިވެ ކޮންމެ ވެރިއެއްގެ އެޑްމިނިސްޓްރޭޝަންގައި އެބައެއްގެ ހިއްސާ އަދާކުރުން ހިމެނެ އެވެ. އަދި ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމެވެ. އެގޮތުން، ގައުމު ބިނާކުރުމުގެ ތެރޭގައި، އާންމު ހިދުމަތްތައް ދިނުމަށް ބިނާކުރެވިފައިވާ ބިނާވެށިތައް ރައްކާތެރިކުރުމާއި، ގައުމުގެ މަގުތަކާ ވަސީލަތްތައް މީހުންނަށް ދަތި ނުވާނޭހެން ބޭނުން ކުރުމާއި، ތައުލީމު ހާސިލް ކުރުމަށް ފަހު ގައުމަށް އޭގެ ފައިދާ ހޯދައިދިނުން ހިމެނެ އެވެ. އަދި މިކަންކަމަށް މަގު ފަހިކުރުމަށް ވެރިން ލީޑާރިޝިޕް ދައްކާ ރައްޔިތުންނަށް މަގުދައްކައިދީ ލުއިތައް ތައާރަފްކުރަން ޖެހެ އެވެ.
ވެރިން އަދުލުވެރިވެ، ވަތަން ދެކެ ލޯބިވުމުގައި މުސްލިމު ވެރިންގެ އަމަލުތައް ސީދާ ކޮށްފިނަމަ ހުރިހާ ބާވަތެއްގެ މަސްލަހަތު ފުރިހަމަވެގެން ދާނެ އެވެ. އާހިރު ނަތީޖާ އަކީ ދިވެހިން އިސްލާމީ އަގީދާއިން ބޭރުކޮށް، ކާފަރު ކުރަން އުޅޭ ގައުމުތަކާއި ޖަމިއްޔާތައް ބަލިކަށިވުމެވެ. އެފަދަ ނުބައި ރޭވުންތަކުން ސަލާމަތްވާން ވެރިން އަދުލުވެރިވެ، ވަތަން ދެކެ ލޯބިވާ ވެރިންނާއެކު ދިވެހިން އެކަތިގަނޑަކަށްވާން އެބަ ޖެހެއެވެ. މިކަން ވާންއޮތީ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކަކުން މަސައްކަތް ފަށާ، ދުލުންނާއި ލޮލުންނާއި ކަންފަތުންނާއި ސިކުނޑިން ވިސްނާ ނަމައެވެ.
ދިވެހިރާއްޖޭގެ ބިމަކީ ބަރަކާތްތެރި ފަސްގަނޑެކެވެ. މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވާފައި އެވެ. މި ވަތަން މި އަގީދާއިން ބޭރަށްލެވޭތޯ މަސައްކަތް ކުރާ ގައުމުތަކާއި ޖަމާއަތްތަކާއި ޖަމިއްޔާތައް ވަރަށް ގިނަ އެވެ. ހާލަތާއި ވަގުތަކީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ ކަމެކެވެ. ނުބައި ރޭވުންތަކުން މި ވަތަން ސަލާމަތް ކުރައްވާށި އެވެ. އާމީން