ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(16 މާރިޗު 2024 އާ ގުޅޭ) "ނާދިފް...! އަހަރެންގެ ކެބިން ކޮބާ..؟"

"އޫޕްސް... ހަމައެކަނި ބުނަން އޮތް އެއްޗަކީ ނުވަތަ އަހަން އޮތް އެއްޗަކީ ތިއީ..؟" ބާރަށް ހިނިގަނޑެއް ޖަހާލަމުން އަހަރެން ބުނީމެވެ.

ދަތްކުނޑި ވިކާލާފައި އަނެއް ފަރާތަށް މިޒްރާ އެނބުރުނެވެ.

"ބޭރަށް ނިކުމޭ...! އަހަރެންގެ ކެބިންގެ ކުރިމަތީން ފެންނާން ހުންނާނެ ކޮޓަރިއެއް.. އެއީ ކަލޭގެ ކެބިން..! ކުރިއަށް ވުރެން ކުޑަވާނެ...! ނޫނޭ..! ނޫނޭ..! މާބޮޑަށްވެސް ކުޑަވާނެ..! އެކަމަކު އަހަރެން އުއްމީދުކުރަނީ، ކޮންމެވެސް ގޮތަކުން ފޫބައްދާލާނެކަމަށް...!" މަލާމާތަށް އަހަރެން ބުނެލީމެވެ.

ލިބުނު ހިތްހަމަޖެހުމަކީ އޭނާގެ ރުޅިގަދަވެ ރަތް އަނގުރު އަލިފާނަށް ބަދަލުވަމުންދިޔަ މޫނުގެ ކުލަވަރެވެ. ކޮންމެ ސިކުންތަކުން އެމޫނުގެ ކުލަވަރު ބަދަލުވަމުންދިޔައެވެ. އަހަރެންގެ ބާރު ހިނިގަނޑު ކޮންޓްރޯލްކުރުމަށް އަހަންނަށް ކުޅަދާނައެއް ނުވިއެވެ.

"ފައިން..!"

ބުނުމާއެކު ބޭރަށް ނިކުތުމަށް އޭނާ އެނބުރެލިއެވެ.

"މިޒްރާ...! އިޓްސް.. ސަރ! ނޮޓް މާދިފް..! އަހަރެންގެ ކޮފީ ހިފައިގެން ދިހަމިނެޓްތެރޭގައި ހުންނާންޖެހޭނީ މިތާ ތެރޭގައި..!"

ހަމަ އެންމެ އެއްޗެއްވެސް ނުބުނެ އޭނާ ނިކުމެގެން ހިނަގައްޖެއެވެ.

"ކިހާދެރަ..! ކުޑަކޮށްވެސް ރިއެކްޓް ކޮށްލާފަ ދިޔަނަމަ ކޮންފަދައެއް..!" އަހަރެންގެ ގޮނޑިއަށް އަހަރެން ވެއްޓިގަތީމެވެ.

"ފުރަތަމަ ޝަރުތު... ފުރިހަމަ ކުރެވިއްޖެ! ޝުކުރިއްޔާ.. ޑޭ-ޑް..!"

...........................

"ތިމާ މީހާއަކީ ކިހާފެންވަރެއްގެ ކާކުކަމަށް ހިތައް އަރައިގެން އެ އުޅެނީ.. ކާމިޔާބުކަމާއެކު އޭނާއަށް ކުރެވޭނީ އެ ޒާތުގެ ކަންކަން.." އަހަރެންގެ އާ ކެބިންގެ ދޮރު ހުޅުވާލަމުން އަހަރެންގެ އަމިއްލަ ދުލައް އައި ހުރިހާ އެއްޗެއް ކިޔާލީމެވެ. އަޑުއަހާނެ އެހެންމީހަކު އެތާކު ނެތެވެ.

އެތެރެއަށް ލާން ހިފާލި ނޭވާ ބޭރަށް ނިކުތަ ނުދީ ހިފަހައްޓާ ލެވުނެވެ.


ދެ ލޯ ބޮޑުވެ އަހަރެންގެ އަނގަ ބޮޑުތަނުން ހުޅުވުނެވެ. ސީރިޔަސްލީ..! އެއްފަހަރާ ދެމީހަކަށްވެސް މި ކެބިންގައި ހަމަޖެހިގެން ނުތިބެވޭނެއެވެ.  ދިގު ކުޑަދޮރެއް ހުއްޓެވެ. ކިރިޔަކިރިޔާ ފައިލްއެއް ބާއްވާލެވޭވަރުގެ ކުޑަކުޑަ ޑެސްކެއް ހުއްޓެވެ. އިށީނުމަށްޓަކައި ހުރީ ސްޓޫލްއެކެވެ. ފުރިހަމަ ގޮނޑިއެއްގެ މިންވަރުވެސް އެތަނުގައި ނެތެވެ. ޑެސްކް މަތީގައި ހިމަދިގު ލައިޓަކާއި ސީލިންގ ފަންކާއެއް ހުއްޓެވެ. އޮފީހުގައި އަހަރެން ނަމާދަށް އަރަންގެންގުޅޭ މުސައްލައާއި ދޮޅި އޮތީ ފާރުކައިރީގައި ޓައިލްސްމަތީގައެވެ. ދުވެފައި ގޮސް އެ ނަގާފައި ވަތްގަނޑަކަށް ލީމެވެ.

ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކު، އަހަރެންގެ ނާއުއްމީދުތައް ދިޔައީ އިތުރުވަމުންނެވެ. ޝައްޔާން ސަރގެ ހުށަހެޅުން ގަބޫލުކުރެވުނު ކަމުގެ މޮޔަހިތައް އެރިއެވެ. ކޮންމެ ހިނދުކޮޅެއް ވެއަތުވަމުންދިޔައީ އެކަމަށްޓަކައި ހިތާމަކުރަމުންނެވެ.

މޭޒުމަތީގައި އަހަރެންގެ ދަބަސް ބާއްވާލާފައި ސްޓޫލްގައި އިށީނީ މޭޒަށް ބަލައިވެސް ނުލާ ކުރިމަތީގައި ހުރި ކުޑަދޮރަށް ސަމާލުކަން ދެމުންނެވެ.

މި މުޅި ކޮޓަރީގައިވެސް ހަމައެކަނި އަމާންކަމެއްލިބެން ތަނަކީ މި ކުޑަދޮރެވެ.

އަހަރެން ބޭރަށް ބަލައިލީމެވެ. އަހަރެންގެ ކުރީގެ ކެބިންގެ ކުޑަދޮރުން ފެންނާނީ ހިތްގައިމު ރީތި މޫދާއި ގަދަ ނޫ ކުލައިގެ ކަނޑެވެ. އެކަމަކު މިހާރު މިފެންނަނީ ކާރޫބާރު ބޮޑު ވެހިކަލްތަކުން ތޮއްޖެހިފައިވާ މަގުމައްޗެވެ.

"ޔާﷲ މިކަމުގައި މިއަޅާއަށް ގަދަ ހިއްވަރު މިންވަރު ކުރައްވާ ކާމިޔާބު ކުރުމުގެ ކުޅަދާނަކަން ދެއްވާންދޭވެ..!"

އަހަރެންގެ ކަކުލުގައި ބޯއަޅާލީމެވެ. ތަސައްލީއަކަށްޓަކައި ރޯލަން ބޭނުންވިއެވެ. އެކަމަކު އެންމެ ކަރުނައެއްވެސް އަހަރެންގެ ލޮލުން ނުވެއްޓުނެވެ.

ނާއުއްމީދާއި ހިތާމައިގައި އަހަރެން ގެއްލިފައި ވަނިކޮށް ބާރަށް ދޮރުހުޅުވާލިއަޑު އިވުނެވެ.

"ވަޓް... ދަ.....!!!! ދިސް... އިޒް ޔޯރ ނިއު ކެބިންގ..؟؟!! ލައިކް ސީރިއަސްލީ..!!"

އަލްހަމުދު ލިއްލާހި ޝުކުރު...! ޒެއިން..!

"ދިސް އިޒް އޯލް އައި ހޭވް ނައު.. ޒެއިން..!"

އަހަރެންނާއި ދާދި ގާތަށް އައިސް ކުޑަކަކޫޖަހާފައި ޒެއިން ތިރިވިއެވެ.

"ދެރަނުވޭ ބެސްޓީ.." ޒެއިން ބުންޏެވެ.

"އަހަންނަކަށް ނުވިސްނޭ އޭނާއަށް އަހަރެން ހަދަންވީ ގޮތެއްވެސް.. ހެދޭނެ ގޮތެއްވެސް.." ގޮތް ހުސްވެ މާޔުސްކަމާއެކު އަހަރެން ބުނީމެވެ.

"އޭނާއާއި ކައިވެނި ކޮށްގެންނުން ތިހުރީ.." ފޫހިކަމާއެކު ޒެއިން ބުންޏެވެ.

"ހަމައެކަނި ޝައްޔާން ސަރއަށްޓަކައި.."

އިސްޖަހާލަމުން އަހަރެން ބުނީމެވެ.

"ހޫމް..! އަހަރެންވެސް ގަބޫލުކުރަން..! އޯ-ކޭ މިޒްރާ އަޑުއަހާބަލަ..! އަހަރެންގެ މިޒްރާއަކީ ތިހާ ހިއްވަރުދެރަ، ބަލިކަށި ކުއްޖެއް ނޫން.. އެނގިއްޖެތަ..؟ ކެންސަރގެ ތާރޑް ސްޓޭޖުން އަހަރެން ސަލާމްވެފައި މިހުރީ ހަމައެކަނި އަހަރެންގެ މިޒްރާގެ ސަބަބުން.. އެ ހުރިހާ ދުވަހު އަހަރެންގެ ހުރިހާ ޒިންމާއެއް އުފުލާ، ނާއުއްމީދުވިޔަ ނުދީ އަހަރެންނަށް ހިތްވަރުދީ، އަހަރެން ސަލާމަތްކުރީ ﷲގެ މިންވަރުފުޅާއެކު، މިޒްރާގެ ކިހާ މަސައްކަތަކުން...؟ ޑޮކްޓަރުން ކިތައްފަހަރު އުއްމީދު ކަނޑާލި..؟ ދުނިޔެއަށް އަމާންކަމުގެ ނޭވާއެއް ދެން ނުލެވޭނެކަމަށް ކިތައް ޑޮކްޓަރުންބުނި..؟ އެކަމަކު އުއްމީދު ކަނޑާނުލާ ޔޫރަޕްގައި އަހަރެން ގޮވައިގެން ހޮސްޕިޓަލްގައި އުޅެމުން، ނުވަ މަސްވަންދެން  މި ކޮމްޕެނީގެ ޒިންމާވެސް ބަރާބަރަށް އުފަލީ ތި މިޒްރާ..! އަހަރެންގެ މަންމައެއްގެ ދައުރުވެސް އަދާކޮށްދިނީ ތި މިޒްރާ ނޫންތަ..؟ ހަނދާން އެބަހުރިތަ..؟" ޒެއިން ބުންޏެވެ. އަހަރެންނަށް ވިސްނައިދިނުމަށްޓަކައެވެ.

މާނައެއް ނެތް ހިނިތުންވުމަކާއެކު ޒެއިންއަށް އަހަރެން ބަލައިލީމެވެ.

"ތިފޭކް ސްމައިލް އަހަރެން ބޭނުމެއް ނޫން..!" ޒެއިން ބުންޏެވެ.

"ޒެއިން..! އަހަރެން..! އަހަންނަށް..! ހަޔާތުގެ މި މަރުހަލާ.. އަހަންނަށް ވަރަށް އާ..! މީގައި އަމަލުކުރާނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނޭ.. ދެން..، ނާދިފްއާއި މުއާމަލާތުކުރުމާއި، އޭނާގެ ކަންކަން ތަހަންމަލްކުރަން... އަހަންނަކަށް...!"

އަހަރެންގެ ޖުމުލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ކުއްލިޔަކަށް ވަރަށް ބާރަށް ދޮރުހުޅުވި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"މިސިޒް މިޒްރާ މަންސޫރު..! ކޮންކަމަކާ މުއާމަލާތުކުރާނެ ގޮތާއި ކޮންކަމެއް ތަހަންމަލް ކުރާނެ ގޮތް ނޭގިގެން ތިއުޅެނީ..؟"

ދޮރު ހުޅުވުމާއެކު އިވުނު ޖުމުލައާއެކު އަހަރެންނާއި ޒެއިންއާއި ދެމީހުން އެކުގައި ކޮޅަށް ތެދުވީމެވެ. 

"ނާދިފް... އެއީ... އަހަރެން...!"

"އަހަރެން ބުނިން އަހަރެންގެ ކޮފީ ހިފައިގެން ބަރާބަރު ދިހަ މިނެޓްތެރޭގައި އަންނާށޭ.." މުޅިތަނަށް އަޑުއިވޭވަރަށް ނާފިދް ހަޅޭއްލަވައިގަތެވެ.

"އަ.. އަ.. އަ. ހަ..ރެން ހަމަ .. މިވަގުތު .. މި އަންނަނީ.. ކޮފީ ... ހިފައި..ގެން" ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.

"މިޒްރާ...! މިފާޑުގެ ކަންކަން ދެވަނަ ފަހަރަށް ތަކުރާރުވެގެން ނުވާނެކަން ހަނދާންކުރާތި.. އޯ-ކޭ..؟ އަދި އެއްކަންތައް..! އަހަރެންގެ ނަމުން އަހަންނަށް މުޚާތަބުކޮށްގެން ނުވާނެ..! އިޓްސް ސަރ..!" އަހަރެންނަށް އިންޒާރުދިނުމާއެކު ނާދިފް އެނބުރުނީ ޒެއިން އާއި ދިމާއަށެވެ.

"ކަލެއަށް މި ކޮމްޕެނީން ބޮޑު މުސާރަދެނީ ބޭކާރުގޮތުގައި ވަގުތު ހޭދަކުރާށާ، މާފޮޅުވަންތަ..؟ ހަވާލުކުރެވިފައި ހުރި މަސައްކަތްތައްކުރަން ހަމަ މިހާރު ދޭ..!" ހަޅޭއްލަވައިގެންފައި ނާދިފް ނިކުމެގެން ހިންގައްޖެއެވެ.

ޒެއިންއާއި ދިމާއަށް އަހަރެން ބަލާލިއިރު ޒެއިން ހުރީ އަހަންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

"އައެމް ސޮރީ ފޯ ދެޓް.." އަހަރެން މަޢާފަށް އެދުނީމެވެ. އިތުރަށް ކުރެވޭނީ ކީއްހެއްޔެވެ؟

"އިޓްސް އޯ ކޭ މިޒްރާ..! އަހަންނަށް ވަޢުދުވޭ، ތިޔަށްވުރެން އަމިއްލަ ނަފުސައް ވަރުގަދަ ވާނަން ކަމަށް..! އަހަރެންގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި، ކޮންމެ ހިނދެއްގައި އަހަންނަށް ގުޅާތި..! ކޮންމެފަދަ ކަމެއްގައި ބޭނުންވިޔަސް.. އެންމެ ގާތުގައި ހުންނާނަން.." ޒެއިން ބުންޏެވެ.

މިވަރަށް ޒެއިން ހިތްހަމަނުޖެހިފައިވަނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަހަރެން ބޮލުގެ އިޝާރާތުން ހަރަކާތްކޮށްލަމުން ބުނީމެވެ.

"ޕްރޮމިސް "

.................

"ޕްރީޝާ.. ބޭބީ .. ކަމް..! ސިޓް"

ލޯބި ލޯބި ހިނިތުންވުމަކާއެކު ހިނގާލާފައި އައިސް އަހަރެންގެ އުނގުގައި ޕްރީޝާ އިށީނެވެ.

"ސޯ.. ވަޓްސް އަޕް..؟" އަހަރެންގެ ކަނދުރާއި ދެއަތް އަޅުވާލަމުން ޕްރީޝާ އަހާލިއެވެ.

"ލައިޓްސް އެންޑް ފޭންސް..!" މަޖާވެލާފައި އަހަރެން ބުނީ ޕްރީޝާ ހެއްވާލުމުގެ ބޭނުމުގައެވެ.

"ދެން ނާދިފް..! ބޭބީ ސީރިއަސް ވެބަލަ..!" ޕްރީޝާ ބުނުމުން، އަހަރެން ހޭން ފެށީމެވެ.

އާންމުގޮތެއްގައި ޕްރީޝާގެ ހިނިތުންވުމަކީ އަހަރެންގެ މުޅި ދުވަހުގެ އުފާވެރިކަމެވެ. ނަމަވެސް މިއަދު ތަފާތެވެ. އަހަރެންގެ ހިތް އެދެނީ ' ޕޮޓޭޓޯ ފޭސް' މިޒްރާ އަށެވެ. ސަބަބު ޚުދު އަހަންނަށްވެސް ނޭގެއެވެ.

"ދެން ބުނެބަލަ.. ނާދިފް.." ޕްރީޝާ ބުނެލިއެވެ.

ކުރިއަށްވުރެންވެސް އަހަރެންނާއި ޕްރީޝާ ގާތްކޮށްލީމެވެ.

"ބޭބީ.. މިތަނުގައި ނުވަތަ، ތި މާނަކުރާ ކަންތައްތަކުގައި ހިނގަމުންދާ ކަންތައްތައް އަހަރެން ނުބުންޏަސް ނިކަން އަވަހަށް އެނގިގެން ދާނެ.." އަހަރެން ބުނީމެވެ. ތަފްސީލަށް ދާން ހިތެއް ނޭދުނެވެ.

"އަސްލު މާނަޔަކީ..! އެކަންކަން އިހަށް އެއްފަރާތްކޮށްލާ..!" އިޝްގީ ވަގުތުކޮޅެއް އަހަރެން ބޭނުންވިއެވެ.

"ކީއްވެ..؟" ކުއްލި ސުވާލެކެވެ.

ޕްރީޝާގެ ހިނިތުންވުން ފަނޑުވެގެންދިޔަ މަންޒަރު ދުށީމެވެ.

ޕްރީޝާގެ އުނަގަނޑުގައި އަހަރެންގެ އެއްއަތުން ބައްދާލާފައި، އަނެއް އަތުން އޭނާގެ އިސްތަށިގަނޑު ކަންފަތްކައިރިއަށް ޖައްސާލީމެވެ. އަދި ދެހަށިގަނޑު ފިތޭވަރަށް އަހަރެންނާއި ޕްރީޝާ ގާތްކޮށްލީމެވެ.

"ސަބަބަކީ އެއަށްވުރެން މާ މުހިއްމު ވާހަކައެއް ދައްކަންވެފައި އޮތީމައި..." ޕްރީޝާގެ ކަންފަތާއި އަހަރެންގެ ތުންފަތް ދާދި ގާތްކޮށްލާފައި އަހަރެން ބުނީމެވެ.

"އޯހ.. ރިއަލީ..؟" ޕްރީޝާގެ ސުވާލެކެވެ.

"އާހހހ.. އަސްލު ވާގޮތަކީ... މި ވާހަކަ ނުބުނެވެނީސް އަހަރެންގެ ހިތައް އަމާންކަމެއް ނުލިބޭނެ.." ތަފާތު ގޮތްތަކެއް މޫނުމަތީން ދައްކާލަމުން އަހަރެން ބުނީމެވެ.

"އެއީ ކޮން ކަމެއް..؟ ނާދިފް.. ބުނެބަލަ..!" ޅަގޮތް ދައްކާލަމުން ބުންޏެވެ.

"އައި.." ޕްރީޝާގެ ބުމަ މައްޗަށް ހިއްލާލަމުން، އަހަރެން ޖުމުލަ ނިންމަން ފުރުސަތު ދިނެވެ.

"އަ އި..."

"ޔޫ ވަޓް ނާދިފް..؟" ޕްރީޝާގެ ކެތްތެރިކަން ކޮޅުންލާކަން އަހަންނަށް އެގެއެވެ.

"އައި ލަވް ޔޫ..! މީ އަސްލު ކުރީ ދުވަހު ބުނަން އުޅެފައި ނުބުނެވި އޮތް އެއްޗެއް ދޯ.. އެދުވަހު ޑޭޑް އައީ.. ޕްރީޝާގެ ބުނުމަށް އަހަރެން ޖަވާބު ދޭން އުޅެނިކޮށް ޑޭޑްގެ ... ޑްރާމާތައް... އެހެންވެ ޕެނޑިންގ ގަ އޮތް ކަމެއް މި ނިންމާލެވުނީ!!"  ދެމީހުންގެ ދެމެދު ކަންކަން ރަގަޅުކޮށްލަން އަހަރެން ބޭނުންވީއެވެ.

"އާވވވވ... ބޭބީ... އައި ލަވް.." ޕްރީޝާގެ ބައި ފުރިހަމަ ނުކުރެވެނީސް ކެބިންގެ ދޮރު ހުޅުވިއްޖެއެވެ.

އަހަރެންވެސް ރުޅިގަދަވިއެވެ. އަހަރުމެން ދެމީހުންނަށް "ނިންމަން" އެހެންމީހުން ފުރުސަތު ނުދެނީ ކީއްވެ ހެއްޔެވެ؟

ދޮރާއި ދިމާއަށް އަހަރެން ބަލައިލީމެވެ.

"އޯހހ.. މި ޒް ރާ މަ ން ސޫ ރު.." އަކުރުތަކަށް ދަމާލާފައި އަހަރެން ބުނީމެވެ.

އަހަރެންގެ އުނގުން ތެދުވަން ޕްރީޝާ އުޅުނެވެ. ނަމަވެސް ކުރިއަށްވުރެންވެސް ގައިގޯޅިކޮށް އަހަރެން ބައްދާލީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް