ads
ހުޅުމާލޭ ސަލާހުއްދީން ސްކޫލް: - ފޮޓޯ: އަވަސް
ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަނީ
އިތުރު ކުދިންނަށް ޖާގަ ދިނުމަށް ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން ނިންމައިފި އެވެ.

ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، ހުޅުމާލެ 2 ގެ ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން އެޑިއުކެޝަން މިނިސްޓްރީން ނިންމައިފި އެވެ.

ސަލާހުއްދީން ސްކޫލްގައި ކިޔަވައިދޭން ފެށީ އޮގަސްޓް 2022 ގަ އެވެ. ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، އެ ސްކޫލަށް ވެސް އަންނަނީ ބާރު ބޮޑުވަމުންނެވެ.

މިހާރު އެ ސްކޫލްގައި 2053 ކުދިން ކިޔަވަ އެވެ.

ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް މިއަދު ވިދާޅުވީ، އަންނަ ދިރާސީ އާ އަހަރު އެ ސްކޫލުގައި ދެ ދަންފަޅި އަށް ކިޔަވައިދޭން ފަށާނެކަން މިނިސްޓްރީން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އެގޮތަށް ނިންމުމުން ގިނަ ދަރިވަރުންނަށް އެ ސްކޫލުން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ބުދަ ދުވަހު ފޭސްބުކްގައި ވިދާޅުވީ، ހުޅުމާލެ 2 ގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ކުދިންނަށް އެ ފިޔަވަހީގެ ސްކޫލަކުން ޖާގަ ހޯދުމަށް އެދި ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

"ދެ ވަނަ ފިޔަވަހިން ސްކޫލް ޖާގަ އަށް އެދި މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ވާހަކަ ދަންނަވަމެވެ. މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1000 އަށް ވުރެ އިތުރުވާ ނެކަމަށް ބެލެވެ އެވެ،" މިނިސްޓަރު ލިޔުއްވާފައި ވެ އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023 ގެ ދިސާރީ އަހަރު ނިމޭނީ އަންނަ މަހު އެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް