ads
މާލޭގައި އަލަށް ގާއިމްކުރި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކުރުން ---- ‏ފޮޓޯ: ވެމްކޯ
އަލަށް ގާއިމްކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ވެމްކޯއާ ހަވާލުކޮށްފި
މާލޭގައި އަލަށް ގާއިމްކުރި މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.

މާލޭގައި ޒަމާނީ ފެންވަރަށް އަލަށް ގާއިމްކުރި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވެމްކޯއާ ހާވާލުކުރުމުގެ އެއްބަސްވުމުގައި އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި ހެދި މި އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް 184 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސްޓޭޝަން ވެމްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މި ފެސިލިޓީއާއެކު މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މި ފެސިލިޓީއަށް ގަޑިއަކު ނުވަތަ ދުވާލަކު 300 އުޅަނދަށް އެއީ ވެހިކަލްއަށް ސާވިސް ދެވޭވަރުގެ ކެޕޭސިޓީ ހުރި ފެސިލިޓީއެއް މިއީ، މާލެ ތެރެއިން އަންނަ ކުނި މި 300 އުޅަނދު މި ދެންނެވި ގަޑިއެއްހާއިރު ތެރޭގައި ކޭޓާ ކުރެވިގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ވެމްކޯގެ މަސައްކަތް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިސްޓްރީން އިއުލާން ކޮށްފައިވާ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން މުޅި ރާއްޖެ ހިމެނޭހެން މިފަދަ އިތުރު ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގި މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.

އަލަށް ގާއިމްކުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއި އެޑްމިން ބިލްޑިން ފަރުމާކޮށްފައިވަނީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހުގަ އެވެ.

ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިން ޖާގައެއް ގާއިމްކޮށްފަ އެވެ. އަދި މި ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ ޖާގައަކާއި، ވެހިކަލް މެއިންޓެނެންސް ގަރާޖަކާއި، ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ފްރަންޓް އޮފީހެއް ވެސް ގާއިމްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް