ads
ސެކަންޑް ޗާންސް..!؟
(17 މާރިޗު 2024 އާ ގުޅޭ) އަހަރެންގެ އުނގުން ތެދުވަން ޕްރީޝާ އުޅުނެވެ. ނަމަވެސް ކުރިއަށްވުރެންވެސް ގައިގޯޅިކޮށް އަހަރެން ބައްދާލީމެވެ. ޓިކެޓްނުނަގާ، ޝޯއެއް ހިލޭ ބަލާލުމުގެ ފުރުސަތު މިޒްރާއަށް ދިނުމަކުން ގޯހެއް ނެތެއްނޫން ހެއްޔެވެ.؟

"ނާދި ފ ... އައި މީން ސަރ،  ޔޯރ ކޮފީ.." މިޒްރާ ބުނެލި އެވެ.

"ހޫމް.. ކަންކަން ދަސްކުރާލެއް ވަރަށް އަވަސް...! މިތާގަ ބައިންދާ" އަހަރެންގެ ލޮލުގެ އިޝާރާތަށް ކިޔަމަންވުމުގެ ގޮތުން، އަހަރެން އިޝާރާތްކޮށްލި ތަނުގައި ކޮފީތަށި ބޭންދިއެވެ.

ދެބުމަގޮއްޖަހާލާފައި ޕްރީޝާއާއި ދިމާއަށް މިޒްރާ ބަލަމުން ދިޔަކަން އަހަންނަށް އެގެއެވެ. އޭގެ ފައިދާ ފުރިހަމައަށް މިވަގުތު އަހަރެން މިދަނީ ނަގަމުންނެވެ. މި ކައިވެންޏަށް އަހަރެން އެއްބަސްވީ ހަމައެކަނި ޕްރީޝާއަށްޓަކައި އޭނާގެ ރޭވުމާއެއްގޮތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ހަގީގަތުގައި، ކަންކަން ކުރިއަށް މިދާގޮތް އަހަންނަށްވެސް ވަރަށް މަޖަލެވެ. މިއީ ރަގަޅު މުނިފޫހިފިލުވުމެކެވެ.

އަހަރެން  ޕްރީޝާއަށް ބަލައިލީމެވެ.

"ބޭބީ ޔޫ ވޯންޓް ސަމްތިންގ..؟" ވަރަށް ލޯބިން އަހަރެން ސުވާލުކުރީމެވެ. މިޒްރާގެ އަގު އިތުރަށް ދަށްކޮށްލުމުގެ ގޮތުންނެވެ.

ނޫނެކޭ ބުނުމަށް ޕްރީޝާގެ ބޮލުން ހަރަކާތް ކޮށްލިއެވެ.

"މިތާގަ ލައިވް ޝޯ އެއް ކުރިއަށްދަނީތަ..؟" ބުމަ ހިއްލާލާފައި މިޒްރާއަށް އަހަރެން ބުނީމެވެ. އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގައެވެ.  

"އަދި އެއް ކަންތައް..! އަހަރެން ގެއަށް ދިއުމުގެ ކުރިން މުޅި ގެ އޮންނަންޖެހޭނީ ސާފުކޮށް ނިންމާފަ.." މިޒްރާ ނިކުންނާން އެނބުރެލި ވަގުތު އަހަރެން ބުނީމެވެ.

"ޔެސް.. ސަރ.." ފަސްއެނބުރި ބަލައިވެސް ނުލާ އަހަންނަށް ޖަވާބު ދީފައި އޭނާ ނިކުމެއްޖެއެވެ.

އަހަރެންގެ ނަޒަރު ސީދާ ކޮށްލީ ޕްރީޝާ އަށެވެ. ފަޚުރުވެރިކަމާއެކުއެވެ.

"މިހާ އަވަހަށް ހުރިހާ ކަމެއް ނިންމާލީ...!؟" ކުޑަކުއްޖަކު އުފަލުން ފުންމާލާފަދައިން  އަހަރެންގެ އުނގުގައި ޕްރީޝާ ފުމެން ފެށިއެވެ.

"އަނނ..ހާނނ.." ހަމަ އެ ފޯރީގައި އަހަރެންވެސް ޖަވާބު ދިނީމެވެ.

"ސޯ.. މައި ލަވް..! ކުރިއަށް ހުރީ ކޮން ޕްލޭންތަކެއް..؟" މިޒްރާ އާއި ދޭތެރޭގައި އަހަރެން ކަންކަންކުރާ ގޮތް އިތުރަށް އެނގެން ބޭނުންވާތީ ޕްރީޝާ އެހިއެވެ.

"ޕްލޭންސް...!؟ އަސްލު ހަގީގަތުގައި.. ރޭވުންތަކެއް ހަދާކަށް ނުވެސްޖެހޭ.. ވަގުތާއި ހާލަތާއެކު އޭނާއަށް ދޭންޖެހޭ އަނިޔާތައް އޮންނަނީ ސިކުނޑިއަށް ޖަމާވެފަ..! ލެޓްސް ސީ.. ބޭބީ..!" ހަގީގަތަށް އަހަރެން ބުނީމެވެ.

"އޯހ.. ރިއަލީ...!؟ އެކަމަކު ހަނދާންކުރާތި އޭނާގެ މަޅިއެއްގައި ނުޖެހޭތި.. އެއީ މަކަރުވެރި، ހީލަތްތެރި އަންހެނެއް.. އޭނާގެ ރޭވުމެއްގެ ދަށުން ނާދިފްއާއި ގާތްވިޔަ ނުދޭތި.." އިންޒާރުގެ ރާގުގައި ޕްރީޝާ ބުންޏެވެ.  

"އަހަރެންގެ މިހާލޯބި، މިހާ ހިތްގައިމު، އަބަދު އައިސް އުނގުގައި އޮންނަ ގަރލްފްރެންޑެއް ހުންނައިރު އެހެން އަންހެނަކަށް އެ ނަޒަރުން ބަލާލާނެ ފުރުސަތެއްވެސް ނުލިބޭނެ ދޯ..! އެކަހަލަ.... އަލުވިއެއްކަހަލަ މޫނެއް ލާފައި ހުރި އަންހެން ކުއްޖަކަށް އަހަރެންގެ މި ހިތެއް ނުލެނބޭނެ.." ޕްރީޝާ އަޑުއަހަން ބޭނުންވާނެ ޖަވާބު އަހަރެން ދިނީމެވެ. ޚިޔާލެއްގެ ތެރެއަށް ޕްރީޝާ ގެއްލުނީ ހިނދުކޮޅެއްގެ ތެރޭގައެވެ.

ޕްރީޝާގެ ލޮލަށް އަހަރެންގެ ނަޒަރު ހުއްޓާލީމެވެ.

އެ ލޮލުގެ ތެރެއިން އެއްވެސް އިހްސާސެއް އަހަންނަކަށް ނުފެނުނެވެ. މުށިކުލައިގެ ކަޅިއަށް އަހަރެންގެ ހުރިހާ ސަމާލުކަމެއް ދިނީމެވެ. ހަމައެއްވެސް އަސަރެއް ނުފެނުނެވެ. އަހަރެންނަށްޓަކައި އެ ލޮލުން ކުޑަމިންވަރެއްނަމަވެސް ލޯބީގެ ޖަޒުބާތެއް ދެކެން މި ހިތް ބޭނުންވެއެވެ. މިއީ އަބަދުވެސް އަހަރެން އިހްސާސްކުރާން ބޭނުންވާ ޚާއްސަކަމެކެވެ.

ހަގީގަތުގައި މިއީ ކިތަންމެ ބޭނުންވިޔަސް މިހާތަނަށް ލިބިފައި ނެތް އުފަލެކެވެ.  އަހަރުމެން ދެމީހުންގެ ގުޅުމުގައި ލޯބީގެ އިހްސާސްތަކާމެދު ވާހަކަދެކެވި، ހިއްސާކުރުމަކީ ޕްރީޝާ ގަޔާވާކަމެއް ނޫންކަން އަހަރެންނަށް އެގެއެވެ. ޕްރީޝާއަށް ލޯތްބަކީ ބޭނުންވި ކޮންމެ ހިނދެއްގައި ގައިގޯޅިވުމާއި ލޯބީގެ ގުޅުންތައް ހިންގުމާއި، އަގުބޮޑެތި ހަދިޔާތަކާއި ހުށަހަޅާ ކޮންމެ ކަމެއް ވަގުތުން ކޮށްދިނުމެވެ. އެކަމުން ޕްރީޝާއަށް ހިނިތުންވުން ގެނެސްދެއެވެ. އަހަރެންގެ އުފަލަކީ އޭނާގެ ހިނިތުންވުމެވެ.

ޕްރީޝާގެ ލޯތްބަށް އަހަރެން ޝައްކެއް ނުކުރަމެވެ. އެކަމަކު، އެ ލޮލުން އަހަންނަށްޓަކައި ޚާއްސަކަމެއް ދެކެން އަބަދުވެސް ބޭނުންވެއެވެ. އެ ރީތި ލޮލުން އަހަރެންގެ ނަޒަރު ދުރަށް ނުލަމެވެ. އޭނާގެ ފޯނު ރިންގުގެ އަޑު އިވުމާއި ހަމައަށެވެ.

"އޯހހ.. ޝ-ޓ ނާދިފް..! އައި  ނީޑް ޓު ޓޭކް ދިސް ކޯލް..!" އަހަރެންގެ އުނގުން ފުންމައިގެން ތެދުވަމުން ޕްރީޝާ ބުންޏެވެ.

"ޝުއަރ.." އަހަރެން ބުނީމެވެ.

"އެބަ އަންނަން ވަރަށް އަވަހަށް.." ޖުމުލަ ނިމުނުއިރު ކެބިންގެ ދޮރު ލެއްޕިއްޖެއެވެ.

އަނެއްކާވެސް އަހަރެންގެ ސިކުނޑި ތަފާތު ވިންދަކުން އިޝާރާތްކޮށްލިއެވެ. ޕްރީޝާއަށް މި އަންނަ ފޯންކޯލްގެ ހަގީގަތް ބެލުމަށް އަހަރެންގެ ސިކުނޑި ބުނަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މީގެ ކުރިން އަހަރެންގެ ކުރިމަތީގައި ފޯން ކޯލްތަކަށް ޖަވާބު ދިނަސް، މިހާރަކަށް އައިސް މިކަންކަން ތަފާތެވެ.

އަހަރެންގެ ފޯންކޯލަކަށް ޖަވާބުދޭން ދުވަހަކުވެސް ޕްރީޝާއާއި ދުރަކަށް ނުޖެހެމެވެ. ރަސްމީ ކޯލެއް ވިޔަސް، ނުވަތަ އެހެން ޒާތެއްގެ ކޯލެއްވިޔަސް އަހަރެން ތަފާތެއް ނުކުރަމެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ފަހަރަކު އަހަރެން އެކަމާ ސުވާލުކޮށްފީމެވެ. އެކަމަކު އެނޫން ކޮންމެވެސް އެހެންކަމަކަށް އަހަރެންގެ ޚިޔާލު އަނބުރާލާފައި ޕްރީޝާ އެކަން އޮއްބާލައެވެ. އޭގެ ހަގީގަތަކީ ކޮބައިތޯ ބަލަން އަހަރެން ބޭނުމެވެ.

..........................

'އެންމެ ގަދަ ރިހުމަކީ ތިބާގެ ނުތަނަވަސްކަމުގެ ހަމަހިމޭން ތަޖުރިބާއެވެ. މިއީ މާނައެއް ނެތް ރިހުމެއްކަމުގައި ނޫނީ ނުވިސްނޭނެއެވެ. މާނައެއް ނެތަސް، އެކަނިމައިއެކަނި އެކަހެރިވެ އިނދެ މި ރިހުން ތަހަންމަލްކުރަންޖެހުނު ސަބަބާމެދު ފިކުރުކުރެވޭނެއެވެ. އެމީހުން ތިބާއަށް ވޭންދެނިވި އަނިޔާ ކުރާނެއެވެ. ފުންހިތާމައިގައިވާ ނަފުސަށް ކުރިމަތިވަނީ ކިހާވަރެއްގެ،  ކަންތައްތަކެއްކަން އެމީހުންނަށް އިހްސާސްވެސް ނުކުރެވޭނެއެވެ. އަނިޔާއާއި ގަދަވޭންތަކުގެ ތެރޭގައި ހިއްދަތިވުމަށް އެމީހުން ތިބާ ދޫކޮށްލާނެއެވެ. ވަށައިގެންވާ ހަމަ އެއްވެސް މީހަކާ ތިޔަ ރިހުން ހިއްސާވެސް ނުކުރެވޭނެއެވެ. ލިބެމުންތިދާ ހިތްދަތިކަން ތިބާއަކަށް ނުވެސް ހުއްޓުވޭނެއެވެ. ބިރުވެރިކަމަކީ މިއީއެވެ.'  

ދާދި ގާތުގައި ފޮތް ބާއްވާލާފައި ކުޑަދޮރުން  އަނެއްކާވެސް އަހަރެން ބޭރު ބަލާލީމެވެ.

ފެންނަ ފެނުމަށް އެންމެންވެސް އުޅެނީ ވަރަށް އަވަދިނެތިއެވެ. އެކަކަށްވެސް އަނެއްމީހާއަށް ދޭނެ ވަގުތެއް ނެތެވެ. މިއީ މި ޒަމާނުގައި ދިވެހިންގެ އާދައެވެ. ދިރުމެއް ނެތް ދިރިއުޅުމަކައިގެން އެންމެން ތެޅިފޮޅެނީއެވެ. މިއީ މިވަގުތު އަހަންނަށް އިހްސާސްކުރެވޭ ގޮތެވެ. އަހަރެންނަށް ކުރެވޭނެ ހަމައެއްކަމެއްވެސް ނެތެވެ.

ގެއަށްދާން ހިތައް އެރުވުމަކީވެސް އަމިއްލަ ނަފުސު ކަތިލުންކަހަލަ ކަމެކެވެ. މިތަނުގައި މަޑުކުރުމަކީވެސް މިހާރު ތަކުލީފެކެވެ. އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ ޚާއްސަދުވަސްތައް އަހަރެން ގުރުބާންކުރީ މި އޮފީހަށެވެ. އަހަރެންގެ ރެއާއި ދުވާލު  ހޭދަކުރީ މި ކޮމްޕެނީ ކުރިއެރުވުމަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި އެމީހުންގެ ފަރާތުން އަހަންނަށް މިލިބުނީ....!! އަހަރެންގެ ކުޑަވެސް ކުށެށް މިކަމުގައި އެބައޮތް ހެއްޔެވެ؟ ދުނިޔޭގެ އިންސާފަކީ މިއީ ހެއްޔެވެ؟

ޝައްޔާން ސަރގެ އެހީއަކަށްވެސް އަހަންނަށް އެދެވޭކަށް ނެތެވެ. ޔަގީންވާ ކަމަކީ، އެތައް ގޮތަކުން ނާދިފް އެވަނީ ޝައްޔާން ސަރއަށް ޝަރުތުތަކެއް މަޖުބޫރުކޮށްފައިކަމެވެ.

އަހަރެންގެ މި 'އާ ކެބިން'ގެ ދޮރު ހުޅުވުމާއި ހަމައަށް އަހަރެން އިނީ ޚިޔާލުގެ ދުނިޔޭގައެވެ. އަހަރެންގެ ނަޒަރު ކުޑަދޮރުން، ކޮޓަރީގެ ދޮރަށް ބަދަލުކޮށްލީމެވެ. އިސްޖަހާލައިގެން ޖޯއި ކޮޅަށް ހުއްޓެވެ. ޖޯއި އަކީ ކޮމްޕެނީގެ ރިސެޕްޝަނިސްޓެކެވެ. އޭނާއަކީ ޕްރީޝާގެ ވަރަށް ގާތް އެކުވެރިއެކެވެ. އެދެމީހުން އޮފީސްތެރޭގައި ބައްދަލުކޮށް ހީސަމާސާކޮށް ވާހަކަދައްކާ ނުހެދިޔަސް، އެމީހުންގެ ގާތްގުޅުން އަހަންނަށް އެގެއެވެ.

"އެތެރެއަށް ވަދޭ ޖޯއި.." އަހަރެން ބުނީމެވެ.

"މެޑަމް.. ޖީ އެމްގެ މަގާމަށް މެޑަމް ޝޯޓް ލިސްޓްކުރި ހުރިހާ ކެނޑިޑޭޓުން މިވަގުތު ހާޒިރުވެ އެބަތިބި.. އިންޓަވިއު ފަށާނީ ކިހާ އިރަކު ތޯ..؟ ދެން... އަދި... ކޮން  ތާކު.. ތޯ؟" އަހަރެންގެ އާ ކޮޓަރިއަށް ނަޒަރު ހިންގާލަމުން، ޖެހިލުންވުމާއެކު ޖޯއި ބުނެލިއެވެ.

"މިތާނގަ.. ޖާގަ ވަރަށް ކުޑަ ދޯ..! އިތުރު މީހަކު އިށީންނާނެ ޖާގައެއްވެސް ނެތް..!" ނާއުންމީދާއެކު އަހަރެންގެ އިހުސާސް ހާމަކުރީމެވެ. ހިނިތުންވުމާއެކު ވާހަކަދެއްކޭތޯ މަސައްކަތްކުރީމެވެ.

އިސްދަށަށް ޖަހާލަމުން ބޮލުގެ އިޝާރާތުން ޖޯއި އެއްބަސްވިއެވެ.  އަހަރެންނަށް ޖޯއި ކުރާ އިހްތިރާމާމެދު އަހަރެން ދުވަހަކުވެސް ސުވާލު ނުއުފައްދަމެވެ. ޖޯއިގެ މާޔޫސްކަން އަހަންނަށް ފެނުނެވެ. އެކަމަކު އޭނާވެސް ކުރާނީ ކީއްހެއްޔެވެ؟

"އިޓްސް އޯ-ކޭ ޖޯއި.." ލުއި ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

"އަހަރެން ޝައްޔާން ސަރ އަށް ދެންނެވިން މެޑަމްގެ ޖާގަ ބަދަލުނުކުރުމަށް.. އާދޭސްވެސް ދެންނެވިން.. އެކަމަކު ސަރ.." ޖޯއިގެ އަޑުގައި ތެދުވެރިކަން ވިއެވެ. އަހަރެން ހިނިތުންވެލީމެވެ.

"ކޮންފެރެންސް ހޯލަށް އިންޓަރވިއު ބަދަލުކޮށްލާ.." އަހަރެން ބުނީމެވެ.

"ޔެސް މެޑަމް.." ލުއި ހިނިތުންވުމަކާއެކު ޖޯއި ހިނގައްޖެއެވެ.

"ވިސްނަވިސްނާފައި ބޯ ގޮއްވިޔަކަސް، ވާނެ ފައިދާއެއް ނޯންނާނެ.. މިޒްރާ މަންސޫރް... މަސައްކަތައިގެން ކުރިއަށް ދާންވީ.." އަމިއްލަ ނަފުސައް ވާހަކަ ދެއްކުމަކީ ކުޑައިރުންސުރެންވެސް އަހަރެންގެ އާދައެކެވެ.

ޓިޝޫއަކުން މޫނު ފޮހެލާފައި އިސްތަށިގަނޑު ރަގަޅުކޮށްލީމެވެ.  ޝޯޓްލިސްޓް ކޮށްފައި ހުރި ސީވީ ފައިލްތައް ހިފައިގެން އަހަރެން ނިކުތީމެވެ.

ހެނދުނުގެ ދިހަގަޑި ފަންސަވީސް ހާއިރެވެ.

ކޮންފެރެންސް ހޯލްގެ ދޮރުހުޅުވާލާފައި އެތެރެއަށްވަދެ، ފައިލްތަކުގެ  މަސައްކަތުގައި އަހަރެން  ޝާމިލްވީމެވެ. ޝޯޓްލިސްޓްކޮށްފައި ދިހަ ފައިލް އެބައޮތެވެ.

ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނީ އެވަގުތުއެވެ.

"ފުރަތަމަ ކެނޑިޑޭޓް މިހުރީ.. މެޑަމް.." ޖޯއި ބުންޏެވެ.

"އެތެރެއަށް ފޮނުވާލާ.." އަހަރެން ހުއްދަ ދިނީމެވެ.

ފުރަތަމަ ކެނޑިޑޭޓްގެ ފައިލް އަހަރެން ހުޅުވާލީމެވެ. ފުރަތަމަވެސް އަޅައިގަތީ  ސީވީގެ ފުރަތަމަ ގަނޑުގެ ކަނާތްފަރާތުގައި ހަރުކޮށްފައި އިން ޕާސްޕޯޓް ސައިޒްގެ ފޮޓޯއެވެ.

"އިޓް ވޯޒް ހިމް!"

.....................................

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް