ads
ބައްސާމް
އެފްއޭއެމްގެ ޑިވެލޮޕްމެންޓް ފަންޑް ފީފާއިން ސަސްޕެންޑްކޮށްފި
އެފްއޭއެމަށް ދެމުން އައި، ފީފާގެ ޑިވެލޮޕްމެންޓް ފަންޑު، ފީފާއިން ސަސްޕެންޑްކޮށްފިއެވެ.

ފީފާ ޑިވެލޮޕްމެންޓް ފަންޑާ ގުޅުން ހުރި ކަންތައްތަކެއް ފީފާއިން ބަލަމުންދާކަމާއި އަދި ފީފާއިން އެ ފަންޑު ސަސްޕެންކޮށްފައިވާކަން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ މުހައްމަދު ޖައުޝަން ޝަރީފްވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ފީފާގެ ޑިވެލޮޕްމެންޓް ފަންޑް ފީފާއިން ސަސްޕެންޑްކުރިއިރު، އެފްއޭއެމަށް ފީފާއާއި އޭއެފްސީން ލިބޭ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއް ފެންމަތިވެ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށްވަނީ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިހާރު ފެށިފައިމިވާ ބައްސާމްއާ ދެކޮޅަށް ކުރާ ދައުވާގެ ކުށް ސާބިތު ވެއްޖެ ނަމަ ބައްސާމްގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދައުވާއެއް، ބައްސާމްއާ ދެކޮޅަށްވަނީ އުފުލާފައެވެ. 

އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.  މީގެ ތެރެއިން ހިޔާނާތްތެރިވުމުގެ ދައުވާއަކީ، ފީފާއިން ދީފައިވާ 10000 ޑޮލަރު އަމިއްލަ އެކައުންޓަށް ލައި އެ ބޭނުން ކުރި ދައުވާއެކެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ބައްސާމާ ދެކޮޅަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ ފީފާއިން ދިން ފައިސާ ލޯންޑަރކުރިކަމުގެ ދައުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބޭރުގެ އިދާރާތަކުން ދޭ އެއްވެސް ފައިސާއަކަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް