ads
އާރުޑީސީ ތަހުގީގަށް ހާޒިރުވާން ފައްޔާޒަށްް ޗިޓް ފޮނުވައިފި
އާރުޑީސީ ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ ތަހުގީގަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށް ޗިޓް ފޮނުވައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައިގެ ތަހުގީގަށް މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާއިލް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ. އެޗިޓްގައިވާ ގޮތުން ފައްޔާޒު ހާޒިރުކުރަނީ އާރުޑީސީގެ ހިޔާނާތުން ހިންގި މުއާމަލާތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސުވާލުކުރުމަށެވެ. 

މި ޗިޓް ސޯޝަލް މީޑިއާގައި އާއްމުކުރައްވާ ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީކަމަށެވެ. އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. 

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން." ފައްޔާޒު ވިދާޅުވިއެވެ.

އާރުޑީސީގެ ހިޔާނާތުގެ މައްސަލަ ހުށައެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަގައި 3 މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި  ސަރުކާރުގެ އިސްވެރިންގެ އެކައުންޓތަކަކަށާއި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް މި ފައިސާ މި 3 މީހުން ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.  

މީގެ އިތުރުން 160 ހާސް ރުފިޔާ ކުންފުންޏާއި ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ އެކައުންޓަށް ފޮނުވާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

 މި މައްސަލަ އާއި ގުޅިގެން 3 ތަނެއް ބަލާ ފާސްކޮށް އެ ތަންތަނުން ބޭނުންވާ އެތަށް ބައިވަރު ޑޮކިއުމަންޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލަގައި މައިގަނޑު ހިމެނެނީ 3 ފަރާތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުންވެސް މި މައްސަލަގައި އާރްޑީސީގެ 10-15 ވަރަކަށް ސްޓާފުން ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް