ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މި މަހުން ފެށިގެން މަޖިލީހުގެ ދައުރު ނިމެންދެން އެ މަނިކުފާނު މުސާރަ އުނިކޮށްދިނުމަށް އެދިވަޑައިގެންފި އެވެ.

މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ނަޝީދު ވަނީ ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގެންފަ އެވެ. ގާނާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ. މަޖިލީސް ޖަލްސާތަކަށް ވަޑައިނުގަންނަވަ އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލުކުރެއްވި ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށެވެ.

އޭގެ ތެރެއިން، ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ. ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، މި މަހުން ފެށިގެން، މި ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް، 19 ވަނަ މަޖިލީހުގެ ފުރަތަމަ ރައީސްކަން ކުރެއްވި ނަޝީދު އެދިވަޑައިގަންނަވަ އެވެ.

މި ހިނގަމުން އަންނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާނެ އެވެ.

ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ. އޭގެ ފަހުން އެ މަނިކުފާނު މުސާރަ ނަންގަވަމުން ގެންދަވާތީ މީގެ ކުރިން ފާޑުކިޔުން ވެސް އަމާޒުވިއެވެ.

މަޖިލީހުގެ އިދާރާއިން މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު 31 ގައި ބުނެފައިވަނީ ނަޝީދު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވިކަން އެ އިދާރާއަށް އަންގާފައިނުވާ ކަމަށެވެ.

އަދި، އެ މަނިކުފާނު މާގާމުން ޗުއްޓީ ނުނަންގާވާ ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމުސީލުކުރައްވަން ބާކީ އޮތް ތިން މަސް ދުވަހު، މަގާމުގެ އިނާޔަތްތަކާއި މުސާރަ ހިނގާނެ ކަމަށް މަޖިލީހުން އޭރު ބުންޏެވެ.

"އެހެންކަމުން އޭޕްރީލް 2024، އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަން،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންގެ އިނާޔަތް އުނިކުރިއަސް، ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވަ އެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވި އެވެ.

ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް 10،000ރ. ގެ އިނާޔަތް އުނިކުރަން ފިނޭންސްގައި 2019 ވަނަ އަހަރު އެދިވަޑައިގެންފަ އެވެ.

އެހެންވެ، އެ މަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ޖުމްލަ ލިބިވަޑަގަންނަވަމުން ގެންދެވީ 160،000ރ. އެވެ

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަގުބޫލު އެއް ސިޔާސީ ލީޑަރެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅު ނޫސްވެރިކަމުން ފެއްޓެވި ނަޝީދުގެ ސިޔާސީ ހަޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް