ads
އިޒްރޭލުން މިފަހުން ގާޒާއަށް ދިން ހަމަލާއެއްގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި - ފޮޓޯ: ރޮއެޓާސް
ގާޒާގައި ތިބި ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުން: އދ
ފަަލަސްތީނުގެ ގާޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ގަދަ ބާރުން ވަދެގަނެ, ޔަހޫދީ އިޒްރޭލު ސިފައިން ހިންގި ގަތުލުއާންމާ ގުޅިގެން, އެ ތަނުުގައި ތިބި ބަލިމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވެއްޖެ އެވެ.

އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ ހަފްތާގައި ވަނީ، ގާޒާގެ އާންމުންނަށް ބަނޑަށް ޖެހުމުގެ ހާލަތެއް ކުރިމަތިވިޔަ ނުދިނުމަށް، ގާޒާއަށް ބޭނުން ޖެހިފައިވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދެވޭނެ ހުރިހާ ގޮތްތަކެއް ފަހިކުރުމަށް އިޒްރޭލުގެ މައްޗަށް އަމުރުކޮށްފަ އެވެ. 

ރައްދުގައި އިސްރާއީލުން ބުނީ އެހީ ފޯރުކޮށްދިނުމުގައި ފެއިލްވެފައި ވަނީ އދ އާއި އެހީ ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެން ޖަމުއިއްޔާތައް ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ, ހޮސްޕިޓަލުގައި މި ވަގުތު ތިބި ބަލި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ސިއްހީ ފަރުވާ ދިނުމަށް އެހެން ހަސްފަތާލުތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމުގައެވެ.

"ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ސިއްހީ ހިދުމަތްތައް އަލް-ޝިފާ [ހަސްފަތާލުގައި] ލިބެން ނެތުމާއި, ފަރުވާ ދިނުމަށް އެ މީހުން އެހެން ތަންތަނަށް ބަދަލު ކުރުން ލަސްވުމާ ގުޅިގެން އިތުރު ބަޔަކު ޝަހީދުވާނެ. އެ މީހުން އެހެން ސިއްހީ މަރުކަޒުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ." ޓެޑްރޯސް ވިދާޅުވި އެވެ.

އިސްރާއީލުން ގާޒާގައި ކުރިއަށްގެންދާ އަނިޔާވެރި ޖަރީމާތަކުގެ ތެރޭގައި ތާށިވެފައިތިބި އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން އަންނަނީ އެކި ވަރުގެ ހުރަސްތައް އަޅަމުންނެވެ.

ޓެޑްރޯސް ވިދާޅުވީ, ޔަހޫދީންގެ ލާއިންސާނީ އުދުވާނުގައި ގާޒާގެ 36 ހަސްފަތާލަށް ހަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން މި ވަގުތު ސިއްހީ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދެވެނީ 10 ވަރަކަށް ހަސްފަތާލުން ކަމަށާއި, އެ ތަންތަނުން ވެސް އެކަށީގެންވާ ފެންވަރެއްގައި ހިދުމަތް ފޯރުކޮށްދެވެމުން ނުދާ ކަމުގައެވެ.

your imageއިޒްރޭލުން މިއަދު ގާޒާއަށް ދިން ހަމަލާއެއްގައި ކުޑަކުދިންތަކަކަށް އަނިޔާވެފައި - ފޮޓޯ: ރޮއެޓާސް 

ގާޒާ ހަނގުރާމައިގައި މިހާތަނަށް 32,975 ފަލަސްތީން ރައްޔިތުން ޝަހީދުވެ، 75،215 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ހަމާސް އިން ގާޒާގައި ހިންގާ ހެލްތު މިނިސްޓްރީއިން ބުނެ އެވެ.

ރަފާ އާއި އެހެނިހެން ބައެއް ސަރަހައްދުތަކުން އާންމުން ހުސްކުރާނެ ގޮތްތައް އިޒްރޭލުގެ އަސްކަރިއްޔާއިން ހުށައަޅާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ވަނީ މިހަފްތާގައި ހާމަކޮށްފަ އެވެ.

ސީބީއެސްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލަން އެއްބަސްވި ނަމަވެސް ރަފާއަށް އިޒްރޭލު ސިފައިން ވަދެގަންނާނެ ކަމަށެވެ. 

ނަތަންޔާހޫ އަންނަނީ އދ އާއި ދުނިޔޭގެ އެހީ ދޭ ޖަމާއަށްތަކާއި ސަރުކާރުތަކުގެ ވާހަކަތަކަށް ބީރުކަންފަތެއް ދީ ގާޒާ ސުންނާފަތިކޮށް އެތަނުގައި ދިރިއުޅޭ ފަލަސްތީނީންގެ ނަސްލު ނައްތާލުމަށް މަސަކަތްކުރަމުންނެވެ.

ހިއުމަން ރައިޓްސް ވޮޗް ގެ އެސޯސިއޭޓް ކްރައިސިސް އެންޑް ކޮންފްލިކްޓް ޑިރެކްޓަރު ގެރީ ސިމްޕްސަން ބުނެފައިވަނީ ގާޒާއިން ޝަހީދުވަމުންދާ މީހުންގެ އަދަދުތަކުން، އަދި ހާއްސަކޮށް އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިންގެ އަދަދުތައް ގިނަ ކަމުން ހާމަކޮށްދެނީ އިސްރާއީލުން އާންމުންގެ ފުރާނަ އަށް ނުބަލާ މިންވަރު ކަމަށެވެ. އަދި އެކަމުގައި ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިމެނޭނެ ކަމަށާއި އެކަންތައްތައް ތަހުގީގު ކުރެވެން ޖެހޭނެ ކަމަށްވެސް ސިމްޕްސަން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް