ads
ރައީސް ޑރ. މުއިއްޒު
އައްޑޫ ރައްޔިތުން އުއްމީދު ކުރަމުން އައި ތަރައްގީ ހޯދައިދޭނަން: ރައީސް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކެނޑިޑޭޓުން ހޮވައިދީފި ނަމަ އައްޑޫ ސިޓީގެ ރައްޔިތުން އުއްމީދުކުރަމުން އައި ތަރައްގީ އެ ސިޓީއަށް ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ މަރަދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ޕްލޭންގެ ތެރެއިން މުހިއްމު މަޝްރޫއުތަކެއް އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 20 އަހަރުގެ މާސްޓާ ޕްލޭންގައި އައްޑޫއަށް ގެންނަން ބޭނުންވާ ތަރައްގީ ވެސް ހިމަނާފައިވާ ކަމަށެވެ. އަދި އެ ޕްލޭނާ ގުޅިގެން ހަދާ ގާނޫނު ވެސް ފާސްކުރެވޭނީ މަޖިލިހުގެ ތެރެއިން ކަމަށާއި، އަބަދު އެއް ބަޔަކަށް އައްޑޫއަށް ބަސް ކިޔުމުގެ ފުރުސަތު ދިނުމުން ދެމެހެއްޓެނިވި ތަރައްގީ ގެނެވިފައި ނުވާކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ރައީީީީީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ އަޖުމަ ބަލާލުމުގެ ވިސްނުމުގައި ނަމަވެސް ބަދަލެއް ގެނެސްދޭން އެދިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުން އެކަން ކޮށްދީފިނަމަ ނަތީޖާ ނެރެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ނަތީޖާ ނެރެދީ އައްޑޫ ސިޓީގެ ރައްޔިތުން ތާ އަބަދު ތިޔަ އުއްމީދުކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މިފަހަރު،" - ރައީސް ޑރ. މުއިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އާއި ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން އެއާޕޯޓު ބޮޑުކުރުން ފަދަ ކަންކަން އައްޑޫ ސިޓީަށް ކޮށްދެއްވާނެ ކަމަށެވެ. 

އަދި އައްޑޫއަށް ތަރައްގީ ގެނައުމަށްޓަކައި ރައްޔިތުން އަތުގުޅާލުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް