ads
ޕީއެންއެފް އުފައްދަން ބާއްވަން އުޅުނު ޖަލްސާއަށް ގިޔާސުއްދީނަށް ވަނަ ނުދީ ފުލުހުން ސްކޫލް ބަންދުކޮށްގެން. ފޮޓޯ: އަދަދު
ޕީއެންއެފްގެ ޖަލްސާއަށް ފުލުހުން ހުރަސްއެޅި ސަބަބު ބުނެދިނީ ރައީސް އޮފީހުން
ރަޢީސް ޔާމީން އިސްވެ ހުންނަވާ އުފައްދާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސްއެޅި ސަބަބު ރައީސް އޮފީހުން ބުނެފިއެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ގިޔާސުއްދީން ސްކޫލުގައި މިރޭ ފަށަން ތައްޔާރުވެފައިވަނިކޮށް ފުލުހުން ހުރަސްއަޅާ އެ ސްކޫލްގެ ގޭޓް ބަންދުކޮށް މީހުން ވަނަ ނުދީ ވަނީ ހިފަހައްޓާފައެވެ. 

ޖަލްސާގެ ބައިވެރިން ގިޔާސުއްދީންނަށް ވަނުމަށް ހުރަސް އެޅުމުން ޕީއެންއެފްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވަނީ ބޭނުންކޮށްފައެވެ. 

މިކަމާއި ގުޅިގެން ރައީސް އޮފީހުން މިރޭ ބުނީ ޕީއެންއެފް އުފައްދަން ގިޔާސުއްދީންގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސްއެޅީ މި ޖަލްސާ ބާއްވަން އެ ސްކޫލުން އުޒުރުވެރިވާތީ އެ ސްކޫލްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ދިނުމަށްކަމަށެވެ. 

" އަލަށް އުފައްދަން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކުން މިރޭ ބާއްވަން ރާވާފައިވާ ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ މިރޭ އެހީތެރިކަން ދެއްވައިފައެވެ." ރައީސް އޮފީހުން ބުންޏެވެ.

ޖަލްސާ ބޭއްވުމަށް ގިޔާސުއްދީން ސްކޫލުން ހުއްދަދިނުމުން ޕީއެންއެފްއިން ވަނީ މިއަދު ހަވީރު ޖަލްސާއަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާވެސް ނިންމާފައެވެ. އެގޮތުން ސްޓޭޖް ތައްޔާރުކުރުމާއި އެހެނިހެން އިންތިޒާމުތައްވެސް އޮތީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ފަހުން އެ ސްކޫލުން ނިންމުން ބަދަލުކުރި ސަބަބު ބުނެދީނީ ރައީސް އޮފީހުންނެވެ.

 

" ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެކެވެ." ސްކޫލްގެ ނިންމުން ބަދަލުވި ސަބަބު ހާމަކުރަމުން ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ގިޔާސުއްދީންގައި ޖަލްސާ ނުބޭއްވޭތީ ސަރުކާރުގެ އަމިއްލަ އިސް ނެގުމަށް ޖަލްސާ ބާއްވަން ވަގުތުން ތަނެއް ހަމަޖައްސާދިން ކަމަށެވެ. 

" މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވާނީ ހަމަޖައްސައިދީފައެވެ." ރައީސް އޮފީހުން ބުންޏެވެ.

ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ޙަރަކާތަކަށްވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް ކުރިމަގުގައިވެސް ހެޔޮ ނިޔަތާއެކު މި ސަރުކާރުން ދާނީ ފަހިކޮށްދެމުންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެންކަމަށްވެސް އެ އޮފީހުން ބުނެއެވެ. 

" ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ޙަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެކަމާ، އަދި ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުޞަތެއް މި ސަރުކާރުން ފަހިކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ރައީސް އޮފީހުން ބުންޏެވެ.

 

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ޖަލްސާ ގިޔާސުއްދީންގައި ބާއްވަން ހުރަސްއެޅުމުން އެޕާޓީގެ ސަޕޯޓަރުން އެންމެ ފަހުން ޖަލްސާ ބާއްވަމުން ދަނީ ރާޅުގަނޑު ސަރަހައްދުގައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް