ads
މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ ޕޯސްޓަރަށް ގެއްލުން ދީފައި
ޕޯސްޓަރުތައް ހަލާކުކުރާތަން ފުލުހުންނަށް ފެންނާނެ، މައްސަލަ ބަލަންޖެހޭ: ހަބީބް
މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ބަހައްޓަމުންދާ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދޭ ތަން ފުލުހުންނަށް ބެލޭނެކަމަށާއި އެކަން ހުއްޓުވެންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބާއި ދިމާކޮށް ކެންޑިޑޭޓުން ކެމްޕެއިންނަށް ހަރުކޮށްފައީވާ ޕޯސްޓަރުތަކާއި ބިލް ބޯޑަށް ގެއްލުން ދޭ މައްސަލަތައް މިފަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ސަރުކާރާއި އިދިކޮޅު ކެންޑިޑޭޓުންްގެ ބޯޑުތަކަަށް ގެއްލުންދޭ މައްސަލަތައް ގިނައެވެ. 

މަގުމަތީގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ފޮޓޯއެއް ހިއްސާކުރައްވާ އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެސީ އާ ރަށްޓެހި ނޫން ބަޔަކު މި ހިންގާ ނާތަހްޒީބު ޢަމަލު ކެމެރާތަކުން ފުލުހުންނަށް ބެލޭނެކަމަށެވެ. އަދި މިއީ ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަކަށް އަރައިގަތުންކަމާއި މިފަދަ ކަންތައް ހުއްޓުވެންޖެހޭނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ. 

" ކެމްޕެއިން މެޓީރިއަލްސް އަށް ގެއްލުން ދިނުން ޢާންމު ކަމަކަށްވަމުންދާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ގާއިމް ކުރައްވާފައިވާ ކެމެރާތަކުގެ ބޭނުން ފުރިހަމައަށް ހިއްޕަވައިގެން މިފަދަ މަނާ ކަންތައްތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުއްވުން ވަރަށް މުހިންމު." ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންވަނީ އެމީހުންގެ ޕޯސްޓަރުތަކަށް ގެއްލުންދިން މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ. އެހެންނަމަވެސް މިކަމުގައި ފުލުހުން އަދި އެއްޗެކޭ ބުނެފައެއް ނުވެއެވެ. 

 މާލޭ ސަރަހައްދުގެ އިތުރުން  ރަށްރަށުގައިވެސް މި މައްސަލަވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ކަންކަމަށާއި ގުޅިގެން ހަމަނުޖެހުންވެސް ވަނީ ހިނގާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް