އިދިކޮޅު އެމްޑީޕީއާ ރައީސް ޔާމިންވެސް ގެންދަވަނީ މި ތުހުމަތުތައް އުފުލަމުންނެވެ. މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތަކުންވެސް މި ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އިހަށް ރޭ ޅ. ހިންނަވަރުގައި ސަރުކާުރު ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ސަރުކާރު ކޯލިޝަން ޖަލްސާއެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ފެލިވަރު މުވައްފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރަކު ވަނީ ގޮވާލާފައެވެ. ސަރުކާރު ކެންޑިޑޭޓަށް ވޯޓް ނުދޭނެ މީހުންނަށް ފިޔަވަޅު އަޅަން ގޮްވާލީ ވަޒީރުންވެސް ތިއްބަވަނިކޮށެވެ.
އެވާހަކަތައް ފެންމަތިވިތާ 72 ގަޑިއިރުވެސް ނުވަނީސް އެއަށް ވުރެ ނުރައްކާރި އިންޒާރެއް އަނެއްކާވެސް މި އޮތީ ދީފައެވެ. މިފަހަރު ގޮވާލީ ރައްޔިތުންނަށް ދިނުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ އަސާސީ ހިދުމަތެއް ވަކި ބަޔަކަށް ކަނޑާލުމަށެވެ.
މިއިން ކޮންމެ ކަމަކަށް ޕީއެންސީން ދޭނެ ޖަވާބެއްވެސް މިހާރު އޮތީ ތައްޔާރުކޮށްފައެވެ. ހަމަ އެންމެ ޖަވާބެކެވެ.
ވަޒީފާގެ ބިރު ދެއްކުމުގެ ވާހަކަތައް ފާޅުގައި ސަރުކާރު ހިންގާ ޕާޓީގެ ޕޯޑިއަމްތަކުގައި ޖެހިލުމެއް ނެތި ދައްކާއިރު މިކަން ކުރާ މީހަކާއި މެދު ޕާޓީން ފިޔަވަޅެއްވެސް ނާޅާކަން އެނގެއެވެ. އެޅި ނަމަ އެކަން އެންމެ އަވަހަށް ވަރަށް ބާރަށް އެޕާޓީން ބުނާނެކަން ޔަގީންނެވެ.
- އިތުރަށް ކިޔާލަން: މަޖިލިސް އިންތިހާބަށް ވަޒީފާގެ ބިރާ ނުފޫޒު ފޯރުވާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
ކެންޑިޑޭޓުންގެ ކެމްޕެއިން މެޓީރިއަލްސްތަކަށް ގެއްލުން ދިނުންވެސް މިވަނީ މީގެން ދުވަހަކު ނުދާހާ އިތުރުވެފައެވެ. އިދިކޮޅު ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ކަޅު ތެޔޮ ޖަހަނީއެވެ. ސަރުކާރާއި ދެކޮޅަށް ވާދަކުރާ ކެންޑިޑޭޓުން ބަހައްޓާފައި ހުރި ބޯޑުތައް ނަގާ އެއްލާލާ ސަރުކާރުގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ބަހައްޓަނީ އެވެ. ކެމްޕެއިން ޖަލްސާތަކަށް ވެރިން ރަށަށް އަންނާތީ އިދިކޮޅު ކެމްޕެއިން ޕޯސްޓަރުތަކުގައި ފޮތި އަޅާ ފޮރުވަނީއެވެ. ބިލް ބޯޑުތައްވެސް ކަފާ ކުދިކުރަނީއެވެ.
- އިތުރަށް ކިޔާލަން: މުވައްޒަފުންނަށް ބިރު ދެއްކި މައްސަލަ ހުށަހަޅަން އިލެކްޝަނުން އެދިއްޖެ
އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިހެން މުޅި މާލޭގައި ފުލުހުންގެ ކެމެރާ އެބަ ހުއްޓެވެ. ފުލުހުންނަށް މިކަން ކުރާ ބަޔަކު ހޯދޭނެެެެެވެ. އެހެންނަމަވެސް މިކަމާއި ފުލުހުން ފިޔަވަޅު އަޅާ ތަނެއް ނުފެނެއެވެ.
ރޭ ރައީސް ޔާމިން ވިދާޅުވި ވާހަކައެއް އެބައޮތެވެ. މިކަން ކަން ހިންގާއިރު ހަމަ ރައީސް މުއިއްޒަށް އެނގިވަޑައި ނުގަންނަނީބާ. ނޫނީ އެމަނިކުފާނަށް އެނގިގެން އެމަނިކުފާނު ބައިވެރިވުމެއް ނެތްކަން ދައްކަން ބަޔަކު ލައްވާ ކުރުވާ ކަމެއްތޯ. ޔާމިން ސުވާލުކުރެއްވި އެވެ. މި ސުވާލު ޖަވާބު ދޭން ދޫކޮށްލާނަމެވެ.