ads
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފެށުން
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާހާ އިންތިޚާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ފުލުހުންނާ ގުޅިގެން ކަމަށް ވެސް އީސީން ބުނެފައިވެއެވެ.

އީސީން ބުނީ ތަކެތި ފޮނުވުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މިއަދު ފަތިހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުން ކަމަށެވެ. ތ. ލ. ގއ. ގދ. ފުވައްމުލައް އަދި އައްޑު އަށް ތަކެތި ފޮނުވުމުގެ މަސައްކަތް ކުރަނީ ވައިގެ މަގުންނެވެ.

އީސީން ބުނީ މިއަދު ހަވީރު 5:30 ހަމައަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާ ހަމައަށް ވޯޓު ކަރުދާހާއި ބޭނުވާ އިތުރު ސާމާނު ފޮނުވުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގުލިބިގެންވެ އެވެ. 600އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް