ads
ފޮރިން މިނިސްޓަރު ޒަމީރު: އދ. ގެ މެންބަރުކަން ފަލަސްތީނަށް ދޭން ދެކޮޅު ހެދުމަކީ ރާއްޖެއަށް މާޔޫސްކަން ލިބޭ ކަމެއް ކަމަށް ވިދާޅުވި - ފޮޓޯ:ފޮރިން މިނިސްޓްރީ
އދ. ގެ މެންބަރުކަން ފަލަސްތީނަށް ދޭން ދެކޮޅު ހެދުމުން މާޔޫސްވޭ: ޒަމީރު
އދ.ގެ ފުރިހަމަ މެންބަރެއްގެ ދަރަޖަ ހޯދަން ފަލަސްތީނަށް ހޯދަން ކުރާ މަސައްކަތުގައި، އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމަށް ހުށަހެޅުމުން އެކަން އެމެރިކާއިން ވީޓޯކޮށް ހުރަސްއެޅުމަކީ ރާއްޖެއަށް މާޔޫސްކަން ލިބޭ ކަމެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނަށް އދ. ފުރިހަމަ މެންބަރެއްގެ ދަރަޖަ ދިނުމަށް ކުރަމުން އަންނަ މަސައްކަތް އަނެއްކާވެސް ނާކާމިޔާބުކޮށްލުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ އދ. ފުރިހަމަ މެންބަރެއްގެ ދަރަޖަ ފަލަސްތީނަށް ދޭން ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމަކީ ރާއްޖެއަށް ލިބޭ ބޮޑު މާޔޫސްކަމެއް ކަމަށެވެ.

އދ. ގެ 140 މެންބަރު ގައުމާ އެކު ފަލަސްތީނަށް މެންބަރެއްގެ ދަރަޖަ ހޯދައިދިނުމަށް ރާއްޖޭން ސާބިތުވެ އޮތް ކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވެފައި ވަނީ އިންސާފާއި ހަމަހަމަކަން އެންމެނަށް ދިނުމުގެ އުސޫލުތައް އދ. އިން ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޒަމީރު ވަނީ މި މައްސަލައިގައި ދެމިގެންދާނެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކޮށްގެން ކަމަށް ރާއްޖޭން ގޮވާލަމުން އަންނަ ގޮވާލުން ތަކުރާރުކުރައްވާފަ އެވެ.

މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ރޭ އދ. ގެ ސަލާމަތީ މަޖިލީހުގައި ކުރިއަށްދިޔަ ކުއާޓާލީ އޯޕަން ޑިބޭޓުގައި ރާއްޖޭން ވަނީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭން އދ. ގެ 192 މެންބަރު ގައުމަށް ގޮވާލާފަ އެވެ.

އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ އެތަކެއް ހާސް ރައްޔިތުންނަށް އިޒްރޭލުން އަނިޔާވެރިވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް އޮފީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ޕްރިންސިޕަލް ސެކްރެޓަރީ މުހައްމަދު ނަސީރު ވިދާޅުވި ގޮތުގައި މިކަމަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅައި އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ޖެހޭ ކަމުގަ އެވެ.

އދ. ފުރިހަމަ މެންބަރެއްގެ ދަރަޖަ ފަލަސްތީނަށް ދޭން އާންމު މަޖިލީހާ ހަަމައަށް ދިއުމުގެ ކުރިން އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށް އެކަން ހުއްޓުވާފަ އެވެ. ފަލަސްތީނަށް މެންބަރުކަން ދޭން ސަލާމަތީ މަޖިލީހުގެ 12 ގައުމަކުން ތާއީދުކުރި އެވެ. އެ ވޯޓުގައި އިނގިރޭސި ވިލާތާއި ސްވިޓްޒަލޭންޑުން ބައިވެރިވެފައެއް ނުވެ އެވެ.

އދ. ފުރިހަމަ މެންބަރެއްގެ ދަރަޖަ ހޯދަން ފަލަސްތީނުން ލޮބީ ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، އެ ގައުމަށް އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ ދީފައި ވަނީ 2012 ވަނަ އަހަރު އެވެ.

މިއަދާ ހަމަޔަށް އދ.ގެ މެންބަރު 140 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް