ads
މެޑިކަލް އެކްސްޕޯގައި ހަދާފައިވާ ދިރާގުގެ ސްޓޯލް -- ފޮޓޯ: ދިރާގު
ކަރަންޓީންގައި ތިބި މީހުން ބޭނުންކުރަން އިންޓަނެޓުގެ ކަންކަން ދިރާގުން ހަމަޖައްސަނީ
ކޮވިޑް-19 ގެ ޓާސްކްފޯސްގެ ބޭނުމަށާއި އެޗްޕީއޭގެ އެންގުމަށް އައިސޮލޭޝަންގަޔާއި ކަރަންޓީންގައި ތިބި މީހުން ބޭނުންކުރަން އިންޓަނެޓުގެ ކަންކަން ދިރާގުން ހަމަޖައްސަމުން ގެންދާ ކަމަށް ކޯވިޑް-19 ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިއަދު ވިދާޅުވީ މާލޭގައި ހުންނަ ކޯވިޑް-19 ޓާސްކްފޯސްގެ މަސައްކަތްތަކަށް ބޭނުންކުރާ ނެޝަނަލް އެމަޖަންސީ އޮޕަރޭޝަންސް ސެންޓަރަށް އިންޓަނެޓު ހިލޭ މިހާރު ހަމަޖައްސާދީފައިވާކަމަށެވެ.

އަދި ރަށްރަށުގައި ހުންނަ ކަރަންޓީން ފެސިލިޓީ ތަކަށް ހިލޭ އިންޓަނެޓް ދޭނެ ގޮތާ މެދު ދިރާގުން މަޝްވަރާކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ދެންމެ އަޅުގަނޑު ގުޅާލީމަ ބުނީ މިހާރު މަޝްވަރާ ކުރަނީކަމަށް، ނިންމަން އޮތް ހަމައެކަނި ކަމަކީ އެރަށްރަށުގެ ފެސިލިޓީތަކުގެ ލައިންތަކަށް ހިލޭ އިންޓަނެޓް ދޭނީތޯ ނުވަތަ ވަކިވަކި މީހުންގެ ފޯނަށް ޑޭޓާ ދޭނީތޯ. އެހެންވީމަ މިހާރު ދާދި ހަމަޖެހިފަ މިވަނީ" މަބްރޫކް ވިދާޅުވިއެވެ.

މިދެކަމުގެ އިތުރުން އާންމުންނަށް ދޭ އިންޓަނެޓުގެ އަގު ކުޑަކުރުމަށް މުވާސަލާތީ ކުންފުނިތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިފައިވާކަމަށް އަންގާރަ ދުވަހު ހަވީރު ރައީސް އޮފީހުން ޝާއިއުކުރި ދެންނެވުމެއްގައި ވެއެވެ.

މިދެންނެވުމުގައި ބުނެފައިވަނީ ރައީސް އުއްމީދުކުރަނީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލޮވަންސް ދެގުނައަށް އިތުރުކޮށްދިނުމެވެ.

މިގޮތް ނޫންނަމަ ރައީސް އެދުނީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުން ޑޭޓާ އެލަވަންސް ހަމަވުމުން ކޮންމެ ދުވަހަކު އާ ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުންކަމަށެވެ.

ރައީސް އޮފީހުން ދެންނެވުން ނެރުނު ފަހުން ދިރާގު ވަނީ އެކުންފުނިންދޭ ބައެއް ޕެކޭޖްތަކަށް އިތުރު އެލޮވެންސްތަކަކާއި ޑިސްކައުންޓް ތަކެއް އިއުލާނުކޮށްފައެވެ. އެކުންފުނިން ބުނީ އެ ލުއިތަކަކާއެކު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ލިބޭ ޑޭޓާ އެލޮވަންސް ދެގުނައަށް އިތުރު ވާނޭކަމަށެވެ.

ރާއްޖޭގައި އިންޓަނެޓް ދޭ އަނެއް ދެ ކުންފުނި ކަމަށްވާ އުރީދޫ އާއި އާރުއޯއެލް އިންވަނީ މަންތްލީ އެލޮވަންސް ހަމަވުމުން ޑެއިލީ ކޮންމެ ދުވަހަކު އާ ކުރެވޭ އެލޮވެންސެއް ދޭން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް