މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފީފާގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގައި ފުޓްބޯޅައިގެ މިހާރުގެ ހާލަތު ބަލައި، ކުރިއެރުމަށް ކުރަން ޖެހޭ މުހިންމު ދާއިރާތައް ދެނެގަނެ، ކުރިއެރުމަށް ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުން ކަމަށް އެމްއޯސީން ބުންޏެވެ.
މި ބައްދަލުވުމުގައި، އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި، ނައިބު ރައީސް އަހުމަދު އިސްމާއީލާއި، ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި، ފިނޭންސް ޑިރެކްޓަރު އިބްރާހިމް އަޒޫރު ބައިވެރިވިއެވެ.
އެފްއޭއެމުގެ އިންތިހާބާ ބެހޭ ގޮތުން އަދި އެ އިދާރާގެ އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ފީފާ އަށް ލިބިފައިވާ ޝަކުވާތައް ބަލަން އައި ފީފާގެ ޓީމުގައި ތިން އޮފިޝަލުން ހިމެނެއެވެ. އެއީ ފީފާގެ އޮފިޝަލަކާ އޭއެފްސީގެ ދެ އޮފިޝަލުންނެވެ.
ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.