ads
އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑޭވިޑް އާރް ބޮއިޑް - ފޮޓޯ:އެސްއާރް އެންވަޔަރަންމަންޓް
ރާއްޖެއަށް ވޭންދެނެވި މުސްތަގުބަލަކާ ކުރިމަތިލާން ޖެހިދާނެ: އދ
މުއްސަނދި ގައުމުތަކާއި މުއްސަނދި ފަރުދުންތަކެއް ކުރިމަތިކުރުވި ތިމާވެށީގެ ކުއްލި ހާލަތުގެ ސަބަބުން ރާއްޖެއަށް ވަރަށް ވޭންދެނެވި މުސްތަގުބަލަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ދުޅަހެޔޮ ތިމާވެއްޓެއް ލިބިގަތުމުގެ ހައްގާ ގުޅޭ އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑޭވިޑް އާރް ބޮއިޑް ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓާ ގުޅޭގޮތުން ކުރި ދިރާސާއަށް އިޝާރާތްކޮށް، ބޮއިޑް ވިދާޅުވީ ރާއްޖޭގެ އެންމެ އުސް ހިސާބު ވެސް އޮންނަނީ ކަނޑުގެ ލޮނު ގަނޑަށްވުރެ އެންމެ 2.2 މީޓަރު އުހުގައި ކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ މުޅިން އެއްކޮށް އަޑިއަށް ހިނގައިދާނެ ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކާ ކަަމަށެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި އިންތިހާ ގަދަ ހޫނާއި ފެންބޮޑުވުމާއި ގޮނޑުދޮށުގެ ވެލިގަނޑު ގިރުމާއި އާދަޔާ ހިލާފަށް މޫސުމީ ބަދަލުތައް މެދުވެރިވުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަކީ ދިރިއުޅެން އެކަށީގެން ނުވާ ތަނަކަށްވުން އެކަށީގެންވާ ކަމަށް ބޮއިޑް ފާހަގަކުރި އެވެ. އަދި އެ ކަންކަމަކީ ދުޅަހެޔޮ ތިމާވެއްޓެއް ލިބިގަތުމުގެ ހައްގު ފަދަ އިންސާނީ ހައްގުތަކަށް އަސަރުކުރާނެ ކަންކަން ކަމަށް ރެޕަޓުއާ ހާމަކުރެއްވި އެވެ.

ބޮއިޑްގެ ރިޕޯޓުގައި އޭނާ ވަނީ ކުނި އެންދުމާއި ކުނި އެޅުމާއި މައިކްރޯ ޕްލާސްޓިކްގެ ތަގައްޔަރުކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ކުނި މެނޭޖްކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ބައެއް ކަަމަށް ފާހަގަކޮށްފަ އެވެ.

"ކޮންމެ ތަނަކަށް ދަތުރުކުރި ނަމަވެސް، މަގުމަތިންނާއި އަތިރިމަތިންނާއި މޫދުމަތިން އަދި ގަސްތަކުގެ މޫތަކުގެ ތެރެއިން ވެސް ކުނިބުނި ހުންނަ ތަން ފެނޭ،" ބޮއިޑް ވިދާޅުވި އެވެ.

މީގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ބޭރު ގައުމުތަކުން އެތެރެކުރާ ތެލަށް ރާއްޖެ ވަރަށް ބޮޑަށް ބަރޯސާވެފައިވާކަން ފާހަގަކޮށް ބޮއިޑް ވަނީ އެއީ ނުހަނު އަގުބޮޑު، ވައި ތަގައްޔަރުވުމަށް މަގުފަހިކުރުވާ އަދި ތިމާވެށިގެ މައްސަލަތަކުގައި އިންސާފު ހޯދުމަށް އެންމެ ކުރީސަފުގައި އަޑުއުފުލާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަަތަށް ވެސް މިކަމުގެ ސަބަބުން ހުރަސް އަޅާ ކަަމަށް ރެޕަޓުއާ ފާހަގަކުރި އެވެ. އަދި ޕެޓްރޯލާއި ކަރަންޓުދޭ ތެލުގެ ސަބްސިޑީއަށް ވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ކޮންމެ އަހަަރަކަށް އެތަކެއް ސަތޭކަ މިލިއަން ޑޮލަރެއް ސަރުކާރުން ހަރަދުކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

އެހެންކަމުން ތެލުން ހަކަތަ އުފެއްދުމަށް އެންމެ އަވަސް މުސްތަގުބަލެއްގައި ދުރަށް ޖެހި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ނިޒާމަކަށް ބަދަލު ކުރުމަކީ ރާއްޖޭގެ އާބާދީގެ އިންސާނީ ހައްގުތައް ވަކިން ހާއްސަކޮށް ދުޅަހެޔޮ ތިމާވެއްޓެއް ލިބިގަތުމުގެ ހައްގު މިހާރަށް ވުރެ ރަނގަޅަށް ރައްކާތެރިކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައި ބޮއިޑް ވަނީ ހާމަކޮށްފަ އެވެ.

ސާފު ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ލިބިގަތުމުގެ ހައްގާ ގުޅޭ އދ. ގެ ސްޕެޝަލް ރެޕަޓުއާގެ މަގާމަށް ޑޭވިޑް އާރް ބޮއިޑް އައްްޔަނުކުރީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ. އޭނާއަކީ ބްރިޓިޝް ކޮލަމްބިއާގައި ގާނޫނާއި ސިޔާސަތު އަދި ދެމެހެއްޓެނިވި ސިޔާސަތު ކިޔަވައިދެއްވާ އެސޯސިއޭޓް ޕްރޮފެސަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް