ads
ބީއެމްއެލް: ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައި - ފޮޓޯ:ބީއެމްއެލް
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ފައިދާއެއް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 493 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލުން ބުނީ މި ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބިފައިވާއިރު، ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރުގައި 967 މިލިއަން ރުފިޔާގެ އާ ލޯނު ވަނީ ދޫކޮށްފައި ކަަމަށެވެ. އަދި އެ ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ކަމަށް ބީއެމްއެލުން ބުނެ އެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ބީއެމްއެލުން ބުނެފައި ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށާފައި ކަަމަށް ބީއެމްއެލުން ބުނެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް 2.5 އިންސައްތައަށް ކުޑަކޮށްފަ އެވެ.

"މި އަހަރު ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި. އިގުތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް އަޅުގަނޑުމެންނަށް ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި މިވަނީ 493 މިލިއަން ރުފިޔާ ލިބިފައި. އަޅުގަނޑުމެންގެ ސްޓްރެޓެޖީ އާ ހާސިލު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާސަނަލް ލޯނާއި ފައިނޭންސިންއަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިން ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މިފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލު ކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން،" - ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ

ފުރަތަމަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 708 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު 38 ބްރާންޗާއި ސާވިސް ސެންޓަރު، 86 ސެލްފްސާވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް