އެގޮތުން ސައީދު ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ ޗައިނާގެ ވީޗެޓް ޕޭ ގެ ހިދުމަތާއެކު، އިންޑިއާގެ "ރޫ ޕޭ" ގެ ހިދުމަތް ރާއްޖޭގައި ފެށިގެންދާއިރު ދިވެހި ފައިސާގެ އަގު ވަރުގަދަކުރެވޭނެ ކަމަށެވެ.
އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ އިން އިސްނަގައިގެން އުފެއްދި ހިދުމަތް "ރޫޕޭ" ރާއްޖޭގައި ބޭނުން ކުރަން ފަށާ އިރު ޗައިނާގެ މަގުބޫލު މޮބައިލް އެޕް ވެއިޝިން ޕޭ "ވީޗެޓް ޕޭ" މެދުވެރިކޮށް ބީއެމްއެލްގެ ކާޑު ޕީއޯއެސްތަކުން ޕޭމެންޓް ހެދޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ސައީދު ވިދާޅުވީ އިންޑިއާގެ އިންޓަނޭޝަނަލް ކާޑު ޕޭމެންޓް ނެޓްވޯކް، ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށާއި މިއާއިއެކު ޗައިނާ އަދި އިންޑިއާ ސަރުކާރާއެކު ކުރަމުންއަންނަ މަސައްކަތްތަކުން ދިވެހި ރުފިޔާގެ އަގު ވަރުގަދަކުރެވޭނެ ކަމަށެވެ.
ސަޢީދު ވިދާޅުވީ ޗައިނާ އަދި އިންޑިއާ މި ދެ ގައުމުން 1.5 މިލިއަނެއްހާ ޑޮލަރުގެ މުދާ އަހަރެއްގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވޭ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރުމަށް އަހަރަކު 700 މިލިއަނެއްހާ ޑޮލަރު ހޭދަކުރާއިރު އަދި ހަމަ އެ އަދަދާ ގާތްކުރާ އަދަދަކަށް ޑޮލަރުން ފައިސާ ދައްކައިގެން އިންޑިއާއިން ވެސް މިލިއަނުން މުދާ ގެންނަ ކަމަށެވެ.
އެހެންކަމުން ޗައިނާ އަދި އިންޑިއާއިން ގެންނަ މުދަލަށް ދިވެހި ފައިސާ ބޭނުންކޮށްގެން ބޭންކުތައް މެދުވެރިކޮށް އެ ގައުމުތަކުގެ ފައިސާއިން ފައިސާ ދެއްކޭގޮތް ހަދަން މަޝްވަރާ ކުރެވުމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ޓްރޭޑް ފެސިލިޓޭޝަނަށް ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރުވެސް އިންޑިއާ ސަރުކާރުގެ ޝައުގުވެރިކަން މިކަމުގައި ގެންގުޅޭ ކަމަށް ވިދާޅުވި ކަމަށެވެ.
ސައީދު ވިދާޅުވީ، އެކަން އެގޮތަށް ކުރެވިއްޖެނަމަ ދެ މާކެޓު އެއްކޮށްލުމުން އެ އަރާ 1.5 ބިލިއަން ރުފިޔާއިން 50 ޕަސެންޓު ކުޑަކުރެވޭނެ ކަމަށެވެ.
ދާދި ފަހުން އަތޮޅު ތެރެއަށް ކުރެއްވި ދަތުރެއްގައި ސައީދު ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގުތިސޯދު އޮތް ދަތި ހާލަތުން އަރައިގަނެވި، ޑޮލަރު ރޭޓު މަތިވިޔަ ނުދީ އެއްވަރެއްގެ ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއި ކުރެވުނު ބުރަ މަސައްކަތްތަކުގެ ސަބަބުން، މިދިޔަ ނޮވެމްބަރު މަހު ގައުމަށް ކުރިމަތިވެފައި އޮތް ދަތި ހާލަތުން އަރައިގަނެވިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުންދާ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އަނެއް ބަޔަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
އޭގެ ތެރޭގައި، ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ މުޅި އިގްތިސާދުގެ 70 ޕަސެންޓު ބަރޯސާވާ އިރު ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް، އިގުތިސޯދު ސިންދަފާތު ކުރުމުގެ ފުޅާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސައީދު އެ އިޝާރާތް ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު ސޮއި ކުރެވުނު އެއްބަސްވުމަށާއި އަދި އެސްއީޒެޑްގައި ހިމެނޭ މުހިންމު ދެ މަޝްރޫއެއް ދުބާއީގެ މަޝްހޫރު ކުންފުނި، އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އެކު ސޮއި ކުރެވުނު އެއްބަސްވުމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގު 15.42ރ. ގައި ހުރި ނަމަވެސް ކަޅު ބާޒާރުގައި 17ރ. އަށް ވުރެ މަތީގައި އުޅޭތާ ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ. މިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައެއް ނުވެ އެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ޑޮލަރުގެ އަގު 20ރ. އަށް ވެސް އެރި އެވެ. އެއަށް ފަހު ޑޮލަރުގެ އަގު އުޅުނީ 17.30ރ. އާއި 18.15ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70ރ. އާއި 18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު، މިހާރު ވަނީ ދަށަށް ގޮސްފައި އެވެ.
ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާ ގޮތުން، މިވަގުތު ޑޮލަރުގެ އަގު ހުރީ 17.30ރ. އާއި 17.65ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. މިއީ މި އަހަރު ފެށުނު ހުރި އަދަދަށް ވުރެ 30 ލާރި އާއި 20 ލާރި ކުޑަ އަދަދެކެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
ޝަފީގު ވިދާޅުވީ، އެމެރިކާ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް މޮނިޓަރިން ނިޒާމެއް އެކުލަވައިލާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ބޭންކިން ސިސްޓަމުގެ ތެރެއިން ޑޮލަރުގެ މުއާމަލާތްތައް ހިންގުން އަބަދުވެސް މަދުވެފައިވާތީ، ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހަތައް ހަމަޖައްސައިފި ނަމަ، ބޭންކްތަކުގައި ޑޮލަރު ބަހައްޓާ ވަރު އިތުރުވާނެ ކަމަށް ފިނޭންސުން ލަފާ ކުރެއެވެ.
ކުރީ ސަރުކާރުން ގެންގުޅުނު ފައިސާ ޗާޕު ކުރުން (ގޯސް ޕްރެކްޓިސް) ހުއްޓާލުމުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑޮލަރު ހޯދުމާއި ވިއްކުމުގެ ހުރިހާ މުއާމަލެއް މިހާރު ބޭންކްތައް މެދުވެރިކޮށް ކުރަން ފެށުމުން ވެސް، ކަޅު ބާޒާރުގައި އޮންނަ ޑިމާންޑު ދަށް ކުރެވިފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އެމްއެމްއޭއިން ބޭންކުތަކާއި އެސްއޯއީތަކަށް ވިއްކާ ޑޮލަރަކީ 15.42ރ. ގައި އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމުގެ ބޭނުމުގައި އިގުތިސޯދުގެ ތެރެއަށް ޕަމްޕުކުރާ ޑޮލަރެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ވިއްކި ޑޮލަރުގެ ބޮޑު ބައެއް ވިއްކީ ސަރުކާރު ކުންފުނި (އެސްއޯއީ) ތަކަށް ކަން އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.
އެމްއެމްއޭން ހުސްވި އަހަރުގެ ތެރޭގައި 995.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރެއިން 69 ޕަސެންޓު ނުވަތަ 687.8 މިލިއަން ޑޮލަރު ވިއްކީ އެސްއޯއީތަކަށެވެ. މިއީ ތެލާއި އަސާސީ ބާވަތްތަކާއި ބޭހާއި މެޑިކަލް ސާމާނު އިމްޕޯޓުކުރާށާއި ކުންފުނިތަކުން ބޭރުގެ ބޭންކުތަކަށް އަދާކުރަން ޖެހޭ ދަރަނިތައް އަދާކުރުމަށް ވިއްކި ޑޮލަރެވެ.
އެމްއެމްއޭން ދެން ޑޮލަރު ވިއްކީ ބޭންކުތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ބޭންކުތަކަށް 307.6 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އާންމުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ބޭންކުތަކަށް ވިއްކާ ޑޮލަރެވެ.
މިނިވަން އިގްތިސާދަކަށް މަންފާ ކުރާނެ "ދުޅަހެޔޮ މާލީ ނިޒާމެއްގެ ދިރުން" ގެނައުމަށްޓަކައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ "ގަޓް" ސަރުކާރުގައި ހުރިކަން ދަލީލު ކޮށްދިން ނިންމުމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލު މެވެ. އަދި ސަރުކާރުން ދާދިފަހުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމް އެޖެންޑާ އެވެ.
ދައުލަތް ހިންގުމުގެ ހަރަދު ދެކޮޅު ޖައްސަން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެފަހުން، ސަރުކާރުން ވަނީ ދަރަނި މެނޭޖުކުރުމާއި ބަޖެޓު ފޫބެއްދުމަށް ވަރުގަދަ ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފަ އެވެ.
އައިއެމްއެފް އިން ވެސް މަރުހަބާ ކިޔާފައިވާ އެ ރިފޯމް އެޖެންޑާގެ ދަށުން، ދައުލަތުން ކުރާ ހޭދައިގެ އިސްރާފު ކުޑަކުރުމަށްޓަކައި، ބޮޑެތި ހަފްލާތައް ބޭއްވުމާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.
އޭގެ އިތުރުން އާސަންދަ ސްކީމާއި ސަބްސިޑީ ދޭ އުސޫލަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރުމުގެ ފިޔަވަޅުތައް ވެސް ސަރުކާރުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދާދި ފަހުން އައިއެމްއެފްގެ ރިޕޯޓުގައި ވެސް ވަނީ އާ ސަރުކާރުން ސަބްސިޑީ ރިފޯމްކޮށް، ހަރަދުތައް ކުޑަ ކުރުމުގެ ވިސްނުން ހުރުމަކީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުމަށް އޮތް ބޮޑު އުންމީދެއް ކަމަށް ބުނެފަ އެވެ. އެގޮތުން ދައުލަތުގެ ފިސްކަލް ނުވަތަ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އައިއެމްއެފުން ވަނީ ދައުލަތް ހިންގުމަށް ކުރާ ހަރަދުތަކަކީ ލިބޭ އާމްދަނީއާ އެއް ހަމަކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. އަދި ރަނގަޅު ވިސްނުމެއްގައި އެޅޭ ފިޔަވަޅުތަކުން އިގްތިސާދު ކުރިއަށް އޮތްތަނުގައި ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
"ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް"ގެ ނަމުގައި ވޯލްޑް ބޭންކުން މިއަދު އާންމުކުރި އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ވެސް ވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން ސަލާމަތްވުމަށް ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެދިފައިވެ އެވެ. އަދި އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން ވަޒީފާތައް އުފެއްދުމަށް ބާރު އެޅުމަށް ވެސް ވަނީ އެދިފަ އެވެ.
ރިޕޯމުގެ މަސައްކަތްތައް ކުރިއަށް ގެންދާ އިރު ސަރުކާރުން އަންނަނީ ދައުލަތުގެ އާމްދަނީއަށް ބޮޑެތި ބަދަލުތައް އަންނަ ބިޔަ ޕްރޮޖެކްޓްތަކުގައި ސޮއިކޮށް އޭގެ މަސައްކަތްތައް ވެސް ފަށައިފަ އެވެ. އެ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ނަމަ، އެކަމުން އިގްތިސާދީ ބޮޑެތި މަންފާތަކެއް ލިބެން ފަށާނެ އެވެ.
އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އުފެއްދުމާއި ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފައްދުމަކީ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާއަކީ ބާރުގަދަ ފައިސާއަކަށް ހެދުމުގެ މަސައްކަތް ނުވަތަ ކަރަންސީ ސްވޮޕް އެރޭންޖްމެންޓާއި ޓްރޭޑް ފެސިލިޓޭޝަން ހަމަޖެހުމުގެ ފެށުން ކަމަށް ސައީދު ވިދާޅުވެ އެވެ.
ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް އުފެއްދުމަކީ ތާރީހީ ކުރިއެރުމެއް ކަމަށެވެ. އަދި އެ ބޭންކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއް އަންނާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ތަނަވަސްކޮށް ރާއްޖޭގެ އިގްތިސާދުގެ "އީކޯ ސިސްޓަމް" ވަރުގަދަ ކުރުމަށް އެމެރިކާއާއެކު މަޝްވަރާ ބޭއްވުމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކްއާ ގުޅޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އިނގިރޭސިވިލާތުގެ މާލީ ވުޒާރާތަކުގެ އެހީތެރިކަން ހޯދުން ވެގެން ދަނީ "ވާރުތަވި" ދަރަންޏާ އެކީގައި ވެސް އިގްތިސާދުގައި ބުންވަރު އިތުރު ކުރަން މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރާކަން ދުނިޔެއަށް ހާމަވާ ކަންކަމެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވާ ގޮތުން ނަމަ އެމަނިކުފާނު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުގައި ބޭރުގެ 120 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އެ ދަރަންޏަކީ ކުރީގެ ސަރުކާރުގެ ފަރާތުން ވާރުތަވެފައިވާ އިގްތިސާދީ ހާލަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ޖުމްލަ ދަރަނި ހުރީ 108.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެ އަދަދު މިދިޔަ ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.
އެތެރޭގެ ދަރަނި އިތުރުވި ނަމަވެސް، ބޭރުގެ ދަރަންޏަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. ޖުމްލަ ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސް މިނިސްޓްރީގެ "ކުއާޓާލީ ބުލެޓިން"ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 114 ޕަސެންޓެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.
ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމް ކުރުމާ ބެހޭ ގާނޫނު ފާސްވެ، ސަރުކާރުން އިއުލާނުކޮށްފައިވާ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުވާން ފެށުމުން ގޮންޖެހުން ބޮޑަސް މިނިސްޓަރު ސައީދު އެ ވިދާޅުވާ ހުވަފެން ނުދެކެންވީ ސަބަބެއް ނެތެވެ. ވައުދާ ހުވާކޮށް ދިވެހިންގެ ވިޔަފާރި އަތް ޗައިނާ އިންޑިއާ އާއެކު ގުޅާ ލެވިއްޖެ ނަމަ "ދިވެހި ފައިސާ ވަރުގަދަވެ، ޑޮލަރުގެ މައްޗަށް ގަދަވެގަތުން..!" މި ސޮފުހާ ދިވެހި އިގްތިސޯދު ގައި ލިޔެވިދާނެ އެވެ. ދުނިޔޭގައި އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތްދޭ މެޕަށް ރާއްޖޭ އެރި ފަދައިންނެވެ.