މިއަދު އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ ރާއްޖެއަކީ ބިޔަ ކަނޑެއްގެ ގައުމެއްކަން ފާހަގަކުރައްވާ އިންޑަސްޓްރީތައް ފުޅާކުރުމަށް ރާއްޖޭގެ ކަނޑުގެ ފުރިހަމަ މަންފާވެސް ލިބޭތޯ މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ރާއްޖޭގައި ލޮނު އުފެއްދުމަށްޓަކައި ބިޒްނަސް ސެންޓާ ކޯޕޮރޭޝަން (ބީސީސީ) އާއި މަސައްކަތް ހަވާލުކޮށް އެކަން ދިރާސާކުރުމަށް ޔޫއެންޑީޕީ ރީސާޗް އެއިޑް އާ މަޝްވަރާކުރައްވާފައިވާކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ސައީދު ވަނީ މިކަމާ ގުޅޭ ދިރާސާއަކީ މުހިއްމު ދިރާސާއަކަށްވުމުން ބޭނުމަކީ އަހަރުތަކެއް މަސްތަކެއް ގެއްލުވާލާކަށް ނޫންކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ރާއްޖޭގައި އޮތް ޓޫރިޒަމް އިންޑަސްތްރިއަށް ވަރަށް ކޮލިޓީ ލޮނު އިމްޕޯޓް ކުރާކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ ރާއްޖޭގައި ދިވެހިން ބޭނުން ކުރުމަށްޓަކައި ލޮނުގެ ބާވަތްތަަކާއި އެފަދަ ހުރިހާ އެއްޗެއް ރާއްޖޭގައި އުފައްދުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒުގެ 5 އަހަރުތެރޭ އެކަން ކުރައްވާނެކަމުގެ ޔަގީންކަން ސައީދު ވަނީ ދެއްވަވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ރާއްޖޭގައި ލޮނު އުފެއްދުމުގެ ވާހަކަތަކެއް ދެކެވުނެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އެއްވެސް މަސައްކަތެއް އަދި އެއްވެސް ދިރާސާއެއް ނުހަދަ އެވެ.
ރާއްޖޭގެ އިގްތިސާދު އެއްކަމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ އެކްސްޕޯޓުތައް ވެސް އިތުރު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.