ads
އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ސަތޭކަ މީހުން ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި ޓެންޓު ކޭމްޕެއްގެ ރޯވެ، 45 އަށް ވުރެ ގިނަ މީހުން ޝަހީދުވި
ރަފަހް އަނދަނީ ؛ ލަގްޒަރީ ލައިފް ގެއްލިދާނެތީ މުސްލިމް ވެރިން ފިލާ
ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަށް ފާޅުގައި "ނޫނެކޭ ބުނެ.." ފަލަސްތީނުގެ ނަސްލު ނައްތާލަން ޔަހޫދީން 1948 ވަނަ އަހަރު ފެށި އަނިޔާވެރި ގަތުލުއާންމާއެކު، މުސްލިމް ހުރިހާ ގައުމުތައް އެކަތިގަނޑަކަށްވެ "ފަލަސްތީން" ގައި އަރަބިން ހާއްސަކޮށް މުސްލިމުންގެ މަސްލަހަތު އޮތް ކަމަށް އިއުތިރާފް ވެ، ހިތާ ރޫހުން ބަހާއި އަމަލުން ފަލަސްތީނުގެ ހިމާޔަތުގައި ނުކުތެވެ. ނަމަވެސް ހިތާމައަކީ މިއަދު އެއީ މާޒީގެ ތަސްވީރެވެ.

އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، 1987 ވަނަ އަހަރު، ފަލަސްތީނުގެ ރައްޔިތުން ހަށިފޮޅާލާފައި ތެދުވި ފުރަތަމަ ތެދުވުމުގެ ތެރެއިން ނުވަތަ ފުރަތަމަ އިންތިފާޟާއަށް ފަހު، އަރަބިން ފަލަސްތީނު ދެކެން ފެށީ "ކަނު" ލޮލަކުންނެވެ. އެފަހުން ފަލަސްތީނުގެ ދިފާއުގައި އެގައުމުގެ މުޖާހިދުން ކުރި ހުރިހާ ހަނގުރާމައެއްގައި ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުން ތެދުވިއިރު މުސްލިމު ވެރިން ދިޔައީ ވެރިކަމުގެ ދަހިވެތިކަމުގައި މާއްދިއްޔަތަށް ހެއްލި ފަލަސްތީނާއި ފެޔަށް ޖެހެމުންނެވެ. 

އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ. 

އެގޮތުން "ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވާ އިންސާފު،" ކަމަށް ބުނެ ޔޫއަޕިއަން ޔޫނިއަން (އީޔޫ) ގެ އިއްތިހާދުގައި ހިމެނޭ ސްޕެއިން އާއި ނޯވޭ އަދި އަޔަލަންޑުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް އިއްޔެ ވަނީ ބަލައިގެންފަ އެވެ. 

އަދި ރަފަހްގެ ކޭމްޕަށް ދިން ހަމަލާއަށް ފަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ހައްގުގައި އުފުލަމުންދާ އަޑު ވަނީ ގަދަވެފަ އެވެ. ފާއިތުވި ދެ ދުވަހު މެކްސިކޯ، އިނގިރޭސި ވިލާތް އަދި ފްރާންސްގައި ވެސް އާންމުންގެ އެތައް ހާސް ބަޔަކު ވަނީ ނުކުމެ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

މި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމި ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ ވެސް ހިމެނެ އެވެ. އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.

your image"އޯލް އައިޒް އޮން ރަފަހް" ފޮޓޯ: މި ފޮޓޯ އެކި ޕްލެޓްފޯމުތަކުގައި ހިއްސާކުރި އަދަދު 50 މިލިއަނަށް އަރައިފަ

މުޅި ދުނިޔޭގައި އިސްރާއީލްގެ އަނިޔާއާ ދެކޮޅަށް އާންމު ރައްޔިތުން އަޑުއުފުލަނީ އެވެ. މުސްލިމުންނާއި ޣައިރުމުސްލިމުންގެ ތެރެއިންވެސް "އިންސާނިއްޔަތު" ގަބޫލުކުރާ އެންމެންނެވެ. އެހެނަސް މުސްލިމް ލީޑަރުން މިއަދު ކޮބައި ހެއްޔެވެ؟ ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 36,300އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު އެކުދިންގެ މާއްދީ ކުށަކީ ކޮބައި ހެއްޔެވެ؟ ދުނިޔެއަށް އުފަންވުން ހެއްޔެވެ؟ ނުވަތަ މާތްވެގެންވާ ފަލަސްތީނުގެ ބިމަށް ނިސްބަތްވުން ހެއްޔެވެ؟


ފަލަސްތީނަށްޓަކައި މުސްލިމު ގައުމުތަކުގައި މިހާރު ކުރެވޭހާ ވެސް ކަމަކީ ބަޔާން ނެރުމާއި އެކަން ކުށްވެރިކުރުމެވެ. އެކަން ޣައިރުމުސްލިމުންގެ ތެރޭގައި މާ ފޯރީގައި އެބަހިގަ އެވެ. އިޒްރޭލަށް ވާގިވެރިވާ ގިނަ ގައުމުތަކުގެ ފިއްތުންތައް ވެސް އިޒްރޭލަށް ވަނީ ބޮޑުވެފަ އެވެ. އޭގެތެރެގައި އިޒްރޭލު ހިމާޔަތްކުރުމަށް ވައުދުވާ އެމެރިކާ ވެސް މިހާރު ބައެއް ފަހަރު އިޒްރޭލުގެ އަސްކަރީ ވިސްނުމަށް ދެކޮޅު ހަދަ އެވެ.

ނަމަވެސް މުސްލިމު ލީޑަރުންގެ ކިބައިން ފެންނަނީ ޖަމާއަތުގެ ގުޅުންތައް ބައިބައިވެ ހަސްފަސްވުމުގެ ނަތީޖާ އެވެ. ވެރިންނާއި ރައްޔިތުންގެ ގުޅުން ކެނޑި މުސްލިމް މުޖުތަމައު ނިކަމެތިވެފައިވާ މަންޒަރެވެ. މުސްލިމު ވެރިންނަށް ގިނަ ދުވަހު ވެރިކަމުގައި ތިބެވޭނެ ފުރުސަތު ހޯދުމަށް ކުރެވޭ މަސައްކަތުގެ ހިތި ނަތީޖާ އެވެ. ދުނިޔޭގެ މާއްދީ އެދުމަށް އަރަބި އިސްލާމީ މުޅި އުއްމަތުގެ "ބައްޕަ" ސައުދީ ރަސްކަމުގެ ގަނޑުވަރުން ފެށިގެނެވެ.

މުސްލިމު ވެރިން ޔަހޫދީންގެ ޖީބުތަކަށް ވަނުމުގެ ނަތީޖާ އަކީ އަރަބި ބަހާރު މޫސުން ނިމި ހަރީފް ވުމެވެ. އަރަބިން އަރަބިންނާ މެދު ނަފްރަތު ކުރުމުގެ އޮއިވަރު ގަދަވެ މެދުއިރުމަތި ހިމެނޭހެން މުޅި ދުނިޔެއިން މުސްލިމުން ބަލިކަށި ވުމެވެ. ބާކީ ވުމެވެ. އެހެންވެ، ފަލަސްތީނުގެ ހައްގުގައި މުސްލިމް ގައުމުތަކުގެ އާންމުން ކުރިން އަޑު އުފުލި ގޮތަށް މިހާރު އެކަމެއް ވެސް ނުކުރެވެ އެވެ. އެމެރިކާގެ މަދަދާ އެކު ވެރިކަން ދަމަހައްޓަން ވެރިން ރައްޔިތުންގެ އަސާސީ ހައްގުތަށް ހަނިކުރާތީ އެވެ.

މުސްލިމު ގައުމުތަކުގެ ވެރިންގެ ހުރިހާ ސިޔާސީ ބޭނުމެއް އެމެރިކާ އަށް ބަރޯސާކޮށްގެން މި ކުރާ ނުރަނގަޅު މަސައްކަތުން ހުރިހާ މޮޅެއް އޮތީ އިޒްރޭލަށެވެ. އެއީ ފަލަސްތީނަށްޓަކައި އިސް ސަފުގައި މަސައްކަތްކުރަން ތިބި ގައުމުތަކުން އިސްކަންދޭ ލިސްޓުގެ ފަހަތަށް ފަލަސްތީނު ވެއްޓޭތީ އެވެ. އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބަހެއް ބުނެލުން ވެސް، އެމެރިކާ ނުރުހޭ ކަމަކަށް ވެދާނެތީ އިސްލާމީ ވެރިން ފަސްޖެހޭތީ އިޒްރޭލަށް ވަނީ އަނިޔާވެރިކަން އިސްކުރުމަށް އިތުރަށް ހިތްވަރު ލިބިފަ އެވެ. 

ރަފަހްގައި ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ އިޒްރޭލުގެ މައްޗަށް އަމުރެއް ވެސް ނެރެފަ އެވެ. އެކަމަކު އޭގެ ފަހުން ވެސް އިޒްރޭލުން ވަނީ އަސްކަރީ އޮޕަރޭޝަން ފުޅާކޮށް، ރަފަހްގެ ތެރެއަށް ވަދެގަނެ، އެ ސިޓީއަށް ވަދެވެން އޮންނަ މައި މަގުތައް ހިފައިފަ އެވެ.

ފަލަސްތީނު ހާއްސަކޮށް ދޮޅު މިލިނައެއްހާ ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ގާޒާގެ ދެކުނުގައި އޮންނަ ރަފަހް މިހާރު އެ އޮތީ ފަހުގެ ތާރީހެއްގައި ކުރިމަތިނުވާހާ ބޮޑު ބިރުވެރިކަމަކާއި ނާމާންކަމެއްގެ ތެރޭގަ އެވެ. އެ ވަގުތު އައި އިރު އަރަބި ގައުމުތަކުގެ ސިޔާސަތު އެނބުރިފައި ވަނީ އެމެރިކާ އާއި އިޒްރޭލު ބޭނުންވާ ގޮތަށެވެ. މިއީ މިއަދުގެ ހަގީގަތެވެ. ގަބޫލުކުރަން ހިތް ނޭދުނަސް ލޮލަށް ފެންނަ ހާލަތާއި ކަންހިގަމުން ދާގޮތެވެ. 

މެދުއިރުމަތީގެ ސުލްހަ ގުޅިފައި އޮތީ ފަލަސްތީނު ބިމަށެވެ. ފަލަސްތީނުގެ މައްސަލައަކީ މޭޒެއް ކުރިމަތީ ތިބެ ހައްލުކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ. އަދި، މުސްލިމް ސަރުކާރުތަކުންނާއި ޒައިނިސްޓުންގެ ލޮލު ކުރިމަތީ ހިނގަމުންދާ އިންސާނީ ޖަރީމާއަށް ބީރު ކަންފަތެއް/ ކަނު ލޮލެއް ދެމުން ދިޔަ ނަމަވެސް ފަލަސްތީނަކީ އެތަން ނަބީންނާއި ރަސޫލުންނެއް އުޅުއްވި އަހަރެމެން މުސްލިމުންގެ މާތް މުގައްދަސް ބިމެކެވެ. މުސްލިމެއްގެ ހަޔާތުގައި ދަތުރުކޮށްފައި އެ މިސްކިތަކަށް ދިއުމަށް އަންގަވާފައިވާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމެވެ. ހުރިހާ ގޮތަކުންވެސް މުޅި އިސްލާމީ އުއްމަތާ ގުޅިފައިވާ ބިމެކެވެ. 

މިއަދު އެ މާތް ބިން އެވަނީ މުސްލިމުންގެ ލެއިން ފޯވެފަ އެވެ. މިއަދު މި ހާލަތަށް އަޅުގަނޑުމެން ވެއްޓެންޖެހުނީ ކީއްވެތޯއެވެ؟ ކޮންކަމެއް، ކޮން އެއްޗެއް މަދުވެގެންތޯއެވެ؟ އަދިވެސް ފުރުސަތު އެބައޮތެވެ. މުސްލިމުންނަށް ލިބިފައިވާ އާރާބާރު ބޭނުންކުރަންވީ އެވެ. މާތްﷲ މުސްލިމުންނަށް ދެއްވާފައިވާ މަތިވެރި ނިއުމަތްތަކާއި ބާރުވެރިކަން ފަލަސްތީނަށްޓަކައި ހޭދަކުރާންވީ ވަގުތު އައިސް ޖެހިއްޖެ އެވެ. ރަފަހް އަނދަނީ އެވެ.

މި ހައްސާސީ ދަނޑިވަޅުގައި ލަގްޒަރީ ލައިފް ގެއްލިދާނެތީ މުސްލިމް ވެރިން ފިލާ ނުތިބެ މާތްﷲ އަށް ބިރުވެތިވެ ރައްޔިތުންގެ އަޑު އަހާ އެކުގައި ގުޅިގެން މަސައްކަތްކުރަންވީ އެވެ. އިސްލާމީ ގައުމުތަކުގެ ހާއްސަކޮށް އަރަބި ވެރިންނަކީ ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ އިޒްރޭލުން ކުރާ ހަނގުރާމައިގެ "އަސްކަރީ ޖަވާބު" ކަމަށް ދެކެންވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް