ads
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕި
އުޅެނީ ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް: އެމްޑީޕީ
ގައުމުގެ އިގްތިސާދީ ހާލަތު މިހާރު ވެސް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގުމުގެ މައްސަލައެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވަމުންދާ ކަމަށް ބުނެ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މާލީ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަން ފޮރުވުމަށް މި ސަރުކާރުން ހަގީގަތާ ހިލާފު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ތެރޭގައި އާމްދަނީ ލިބުން ދަށްވި ނަމަވެސް ކުރީ ސަރުކާރުން ދަރަންޏާއި ބިލްތައް ދައްކަމުން އައި ކަމަށް ވިދާޅުވެ އަމީރު ތުހުމަތުކުރެއްވީ މި ސަރުކާރުން ހާލަތާ ނުބައްދަލު ގޮތަކަށް ޚަރަދު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ދަރަނި ނެގުމުގެ އިތުރުން ދަރަނި އަދާކުރުމަށް ވެސް އެތައް ފައިސާއެއް ހަރަދު ކުރި ކަމަށް އަމީރު ވިދާޅުވި އެވެ. ނަމަވެސް, މި ސަރުކާރުން އެކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"24 ބިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރު ތެރޭ އަދާކުރިން. އެއީ ޔާމީންގެ ދައުރުގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދަރަނި ސާވިސްކޮށްފައިވާނެ. 2022 ވަނަ އަހަރު މެޗުއަރވި [ދައްކަން ޖެހުނު] ސަނީ ސައިޑް ބޮންޑު ކާމިޔާބުކަމާ އެކު ރީފައިނޭންސް ކުރިން. އެއީ ރާއްޖޭގެ ދަރަންޏަށް ދިމާވި އެންމެ ބޮޑު ހިރާސް," އަމީރު ކިޔައިދެއްވި އެވެ.

އެ ބޮންޑަށް ފައިސާ ދެއްކުމަށްޓަކައި މާކެޓަށް ގޮސް 500 މިލިއަން ޑޮލަރު ހޯދުނު ކަމަށާއި އޭގެ ތެރެއިން 250 މިލިއަން ޑޮލަރުން އެ ބޮންޑު އަދާކުރި ކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުން ނެގި ލޯނުތަކާއި، އޭރު ފިޔަވަޅުތައް އެޅީ ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ކުރަން ޖެހިގެންނެވެ. އޭރު ވެސް ދަރަނި އިތުރުވާނެ ކަން އޭރު ވެސް އެނގޭ ކަމަށާއި ނަމަވެސް އެ ހާލަތު ރަނގަޅު ކުރާނެ ގޮތުގެ ޕްލޭނެއް އޭރުގެ ސަރުކާރުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުގެ ހާލަތަށް ވެއްޓުނީ ސަރުކާރަށް މާލީ ގޮންޖެހުންތައް މެނޭޖު ނުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާއެކު ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް އަހަރެއް އަރާނެ ކަމަށް ލަފާކުރި ކަމަށާއި ރާއްޖޭގެ އިގުތިސޯދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރު ކުރެއްވި އެވެ.

"މައްސަލައަކަށް ވެގެން މިއުޅެނީ 2020 ވަނަ އަހަރު ނެގި މެޝާސްތައް [އެޅި ފިޔަވަޅުތައް], ނެގީ އެނގިގެން ތިބެއޭ. ހިސާބު ޖަހައިގެންނޭ. ފަހުން ކުރަން ޖެހޭ ކަންކަން ވެސް އެނގި ތިބެއޭ. އެއްވެސް އިރެއްގައި އެ މަސައްކަތް ކުރީ 2023 ވަނަ އަހަރު އިންތިހާބުގައި ބަލިވިޔަސް ދެން އަންނަ ބަޔަކަށް އެ ކަންކަން ކުރަން ނޭނގިގެން, ވަރަށް ނާގަބިލު ބައެއް އަންނާނެ ކަމަށް ބަލައިގެންނެއް ނޫން," ސަރުކާރަށް ފާޑު ވިދާޅުވަމުން އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖެ ޑެޑް -ރީސްޓަރަކްޗަރިންގެ ހާލަތަށް ދާން ގާތްނުވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ވެސް އޮތީ 2019 ވަނަ އަހަރާ ބަލާއިރު ރަނގަޅު ހާލަތެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަމީރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރަ އާއި ހަރަދު ވެސް އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން ދައުރު ބަދަލުވި އިރު ކުންފުނިތަކުގެ ޕޭރޯލް ހުރި މިންވަރާ އަޅައިބަލާއިރު މުސާރައިގެ ހަރަދު މިހާރު މަދުވެގެން 15 ޕަަސެންޓް މައްޗަށް އަރާފައިވާ ކަމަށ ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު އާންމުކުރި ތަފާސްހިސާބުތަކެއް:

  • 2023 ނިމުނު އިރު ފެނަކަގައި 74 މިލިއަން ރުފިޔާ، މިހާރު 84 މިލިއަން ރުފިޔާ
  • 2023 ނިމުނު އިރު އެމްޓީސީސީގައި 60 މިލިއަން ރުފިޔާ، މިހާރު 65 މިލިއަން ރުފިޔާ
  • 2023 ނިމުނު އިރު އާރުޑީސީގައި 22 މިލިއަން ރުފިޔާ، މިހާރު 28 މިލިއަން ރުފިޔާ
  • 2023 ނިމުނި އިރު ވެމްކޯގައި 21 މިލިއަން ރުފިޔާ، މިހާރު 31 މިލިއަން ރުފިޔާ
  • 2023 ނިމުނު އިރު ސްޓެލްކޯގައި 40 މިލިއަން ރުފިޔާ، މިހާރު 44 މިލިއަން ރުފިޔާ

އިތުރަށް ކިޔާލަން: ދަރަނީގެ ހާލަތު ގޯސްވެ، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި

ރާއްޖޭގެ އިގްތިސޯދީ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން އާންމުކުރި ލިޔުމުގައި މަށް ފަހު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅެކެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ:

1 . މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުން.

2 . މިނިވަން ދުވަހުގެ ޖަލްސާއެއް އެކަނި ބާއްވައި، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރަން ނިންމައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްވަތުގައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ. އެގޮތުން ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު ވަނީ އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ރިވިއުކުރުމާއި, އިމްޕޯޓް ޑިއުޓީ ރޭޓުތައް ރިވިއުކުރުމާއި އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ރިވިއުކުރުން ހިމެނެ އެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ.

ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުގެ ރޭޓިން ކޮމެންޓްރީގައި ލަފާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް