ads
ހުޅުމާލެ ފޭސް ތިނެއް ހިއްކުން
ތިންވަނަ ފިޔަވައްސޭ ކިޔާފައި ހިއްކީ ހުޅުމާލޭގެ ބަނދަރު: ތޯރިގު
ކުރީ ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސޭ ކިޔާފައި ހުޅުމާލޭގެ ބަނދަރު ހިއްކައިލުމުން، ހުޅުމާލޭގައި އޮޑިފަހަރު އަޅާނީ ކޮންތާކު ތޯ ވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ގޯތިތައް ދޫކޮށްފައިވަނީ ކަނޑުން ކަމަށާއި މިއަދު އެ ގޯތިތައް ނުދެވިގެން ލަސްވެގެން އެކަމާ ކަންބޮޑުވެގެން އެ ޕާޓީގެ މެމްބަރުން އުޅެން ލަދުގަންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހައުސިން މިނިސްޓަރު މިތަނަށް ހާޒިރުކޮށް ސުވާލުކުރުމުގެ ތެރޭގައި މަޖިލީހުގެ ނިޒާމު ނަގައިލި ކަންތަކުގައި އަޅުގަނޑަށް ފާހަގަވަނީ އެމްޑީޕީ މަޖިލިސް މެންބަރުންގެ ލަދުގެ ކަންފުޅެއްވެސް ނެތްކަން.،" ތާރިގު ވިދާޅުވި އެވެ.

ތާރިގު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ މަސްޓާ ޕްލޭނާ ހިލާފަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ނަމުގައި ކުރީ ސަރުކާރުން ހިއްކަމުންދަނީ އެ ރަށުގެ ފަޅު ކަމަށެވެ. އަދި އެތަން ހިއްކުމުން ހުޅުމާލެއިން ފުރައި ގާތްކޮށް އުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. 

"ހުޅުމާލޭގެ ތިންވަނަ ފިޔަވައްސޭ ކިޔާފައި ހުޅުމާލޭގެ ބަނދަރު ހިއްކައިލުމުން، ހުޅުމާލޭގައި އޮޑިފަހަރު އަޅާނީ ކޮންތާކު ތޯ،" ޓޮމް ސުވާލުކުރެއްވި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ކުރަމުން ނެވެ. އެޗްޑީސީއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހިން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާނެ އެވެ.

ޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ތިންވަނަ ފިޔަވަހީގެ އިތުރުން ޔޮޓް މެރީނާ ތަރައްގީކުރަން ހާއްސަކޮށްފައިވާ ދިޔަނެރު ފަޅާއި ތިލަފުށިވެސް ހިއްކާނެ އެވެ.

ގާތްގަނޑަކަށް 268 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އަގުހުރި މި މަޝްރޫއު ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ.

ހުޅުމާލެއަކީ ރަނގަޅު މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އައި ތަނެއްކަން ފާހަގަކުރައްވަމުން ތާރިގު ވިދާޅުވީ މާސްޓަޕްލޭނާ ހިލާފަށް ހުޅުމާލެއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެޗްޑީސީގައި ތިބި ރަނގަޅު ތަޖުރިބާކާރު ގިނަ ބަޔަކު އެ ކުންފުނި ދޫކޮށް ހިނގައްޖެ ކަމަށެވެ. 

"ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދަމުން ދިޔަ ނުވަތަ އޭގެ ތެރޭގައި ތިބި ރަނގަޅަށް ވިސްނުން ހުރި މީހުން ހިނގައްޖެ އިސްތިއުފާ ދީފައި. ދެން މި ބުނަނީ ކޮން އިރަކުންހޭ ގުޅިފަޅުން ގޯތި ދެނީ؟ އަޅެ އެ ތަން ހިއްކާ ނިމުނީމަ ނޫންތަ ގޯތި ދެވޭނީ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ގޯތި ދިނުމުގެ ނަމުގައި 8 ބިލިއަން ރުފިޔާގެ ބިން ވަނީ ހިލޭ ދޫކޮށްލާފައި ކަމަށާއި އެއީ ދައުލަތަށް ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ކޮބާތޯ އިންސާފު؟ އެއް ބަޔަކު ބިން ގަންނަންވީ 14 މިލިއަން ރުފިޔާ އަށް. ޖެހިގެން އޮންނަ ބިން އެ މަގު އަނެއް ފަޅިން ހިލޭ. ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން އެބައުޅޭ. މާލެ ސަރަހައްދުގައި ދެ ލައްކައެއްހާ މީހުން އެބައުޅޭ. އޭގެ ތެރޭގައި އެބައުޅޭ ރަށްރަށު މީހުން ވެސް. އެ މީހުންނަށް ފުރުސަތެއް ނުދޭ." ޓޮމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރި މައްސަލަ ހޫނުވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު މަޖިލީހަށް ވަޑައިގެން ދެއްވި ބައެއްް ޖަވާބުތަކާ ގުޅިގެންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން 699 ގޯތި ދީފައިވަނީ ފަޅުން ކަމަށާއި މި ސަރުކާރުން އެ ގޯތިތައް ހަވާލުކުރާނީ ބިން ހިއްކުމަށްފަހު ކަމަށެވެ.

"ފޭސް ތިނެއް ހިއްކާ ނިންމާ ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު ހާތަނުގަ،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

މިނިސްޓަރާއި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދިޔަ ގޮތުން އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާ ނުރުހުން ފާޅުކުރެއްވި. އެ މެމްބަރުން މިނިސްޓަރު ޖަވާބު ދާރީވެޑައިގަންވަމަުން ގެންދަވީ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކާގޮތަށް ޖެއްސުމުގެ ރާގެއްގައިކަމަށެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް