ads
ޝަންގްރިއްލާ އިން އައްޑޫގައި ހިންގާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ: ކޮވިޑް-19އާ އެކު އެ ތަން އޮތީ ބަންދުކޮށްފައި - ފޮޓޯ/ޝަންގްރިއްލާ
ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލު ކުރަން ދައުވަތު ފޮނުވައިފި
ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްވެފައިވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހިންގާ ކުންފުނީގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ ހުޅުވި ރިސޯޓެކެވެ. ސަރުކާރުން މިފަހުން ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.

އައްޑޫގައި މިއަދު ބޭއްވި ޑެސްޓިނޭޝަން އައްޑޫ ސަމިޓުގައި ފައިސަލް ވިދާޅުވީ ޝަންގްރިއްލާ ހުއްޓިފައި އޮތުމުން އައްޑޫ ރައްޔިތުންނަށް 500އެއްހާ ވަޒީފާގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެވުމާއެކު އައްޑޫގެ އިގްތިސާދުގަައި ދައުރުވާ ފައިސާ އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ފައިސަލް އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކަމަށާއި ޝަންގްރިއްލާގެ މެނޭޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުން އެތަން ހުޅުވުމަށް ބޮޑެތި މަރާމާތުކުރަންޖެހޭކަން އެނގިގެންދިޔަ ކަމަށެވެ.

"25 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމެއް އެއީ(ރިނޮވޭޝަން މަސައްކަތްތަކަށް). އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިން އަށް ދައުވަތު ދީފައިވާނެ،" އައްޑުއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެންބަރުންނާއި ޝަންގްރިއްލާގެ މެނޭޖްމެންޓާއި އެކު ޓޫރިޒަމް މިނިސްޓްރީގައި މިފަހުން ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވި އެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަކީ ގަން އިންޓަނެޝަނަލް އެއާޕޯޓުން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ރިސޯޓެކެވެ.

2009 ވަނަ އަހަރު ހުޅުވި މި ރިސޯޓް ކޮވިޑާ އެކު 2020 ވަނަ އަހަރުގެ ތެރޭ ބަންދުކުރި އެވެ. އައްޑޫގެ ވަރަށް ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ އެ ރިސޯޓު ނުހުޅުވާ އޮންނާތާ ހަތަރު އަހަރު ވެފައި ވާއިރު، އައްޑޫ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ޓޫރިޒަމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމުގެ ކަންބޮޑުވުންތައް އައްޑޫ ރައްޔިތުން ފާޅުކުރެ އެވެ. އެތަން އަލުން ހުޅުވުމަކީ އައްޑޫ މީހުންގެ އެދުމެކެވެ. 

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އައްޑޫގައި ހިންގި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަދި ޝަންގްރީލާ ހޮޓެލް އަލުން ހުޅުވާ އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު 21 އޮގަސްޓް 2023 ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމަށް "އައްސޭރި ޓޫރިޒަމް" ކޮންސެޕްޓްގެ ދަށުން އެ ސިޓީގައި 6،000 އެނދު ގާއިމް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ޝަންގްރިއްލާ ހުޅުވުމާއި އިތުރުކުރާ އެނދުތަކާ އެކު އައްޑޫގެ ޓޫރިޒަމަށް ބޮޑު ބަދަލެއް އަންނަ އިރު، އައްޑޫގެ އެއާޕޯޓު ތަރައްގީވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އެންމެ ހައެއްކަ ޑެސްޓިޝޭނަށް އުދުހިގެން މިކަން ވާކަށް ނެތް. އެހެންވީމަ، ޓޫރިޒަމް ފުޅާކުރުމުން އެ އަންނަ ޑިމާންޑް، އެ ޑިމާންޑް ހަގީގަތަކަށް ހެދޭނީ އެކިއެކި ޑެސްޓިނޭޝަނަށް އުދުހިގެން. އެހެންވީމަ، މި ސިޓީގެ އެއާޕޯޓު އިތުރަށް ފުޅާކޮށް، ވަރުގަދަކޮށް އެކި ތަފާތު ޑެސްޓިނޭޝަންތަކަށް އުދުހޭ ތަނަކަށް އެތަން ތަރައްގީކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަކީ ބިން ބޮޑު، އަތޮޅެކެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިންތަކެއް އޮތް ނަމަވެސް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް އަމަލީ ގޮތެއްގައި ފެށިފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް