ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު
ލޭނު އަޅަން ހުއްދަ ދިނުމާއި އެމްޑީޕީން ވެސް ދެކޮޅު ހަދައިފި
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން ސަރުކާރުން ހުއްދަ ދިނުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ވެރިން ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ މާޗް މަހު އެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ކެބިނެޓުން ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރީން ވަނީ ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދެއް އެކުލަވައިލާ އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފަ އެވެ.

އެ އުސޫލުގެ ދަށުން ލޭނު މަސްވެރިކަމަށް ހުއްދަ ދޫކުރާނީ ލޭނު މަސްވެރިކަމާ ގުޅިގެން ކުރިން ކުރެވިފައިވާ ތަޖުރިބާތަކަށް ރިއާޔަތްކޮށް ގެއްލުން އެންމެ ކުޑަވާނެ ގޮތަކަށް ކަމުގައި މިނިސްޓްރީން ބުންޏެވެ. 

އެ ގަވާއިދުގައިވަނީ ލޭނު އަޅައިގެން މަސް ބޭނުމުގެ ތެރޭގައި ބޭނޭ މިޔަރު ޕްރޮސެސްކުރުމަށް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން ވަކި ހާއްސަ ހުއްދަތަކެއް ދޫކުރުމަށް ކަނޑައަޅާފަ އެވެ. އަދި ލޭނު އަޅައިގެން މަސް ބޭނުމުގެ ތެރެއިން ބޭނޭ މިޔަރު ފިޔަވައި އިތުރު މިޔަރު ބޭނުން ހުއްދަނުކުރާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ. 

އެކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އެ ފިޔަވަޅަކީ ދުރު ރާސްތާ ނަތީޖާތަކަށް ނުވިސްނައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގަައި ލިބިފައިވާ ކާމިޔާބުތައް އެނިންމުމުގެ ސަބަބުން ގެއްލޭނެ ކަމުގައި ބުނެފައިވެ އެވެ. 

ޝާހިދު ވަނީ އެ ނިންމުން ބަދަލުކޮށް ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވެސް ވަނީ ލޭނުގެ މަސްވެރިކަން ހުއްދަ ކުރުމުގެ ސިޔާސަތު އަނބުރާ ގެންދިޔުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީ ސަރުކާރުން ރާއްޖޭގައި ލޭނުގެ މަސްވެރިކަން މަނާކުރީ އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ފައިދާތަކަށް ވިސްނުމަށްފަހު ކަމަށާއި މި ސަރުކާރުން އެކަންތައް ހުއްދަކުރީ ވަކިވަކި ފަރުދުންގެ ފައިދާއަށް ކަމަށެވެ. އެހެންކަމުން ލޭނުގެެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދަމަހައްޓަން ފައްޔާޒު ވަނީ ގޮވާލައްވައިފި އެވެ.

"މިސްރާބު ބަދަލުކޮށް އިތުބާރު ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތް. ލޭނުގެ މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން މަނާ ކޮށްފައި އޮތް އޮތުން އުވައިލަން ސަރުކާރުން ނިންމާފައިވާ ނިންމުން މިހާރުން މިހާރަށް ބަދަލު ކުރުމަށް އިލްތިމާސް ކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދީފިނަމަ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެކުލަވައިލުމަށް މަސައްކަތް ފަށާފައިވާ ފްރީ ޓްރޭޑު އެއްބަސްވުމުގެ މަޝްވަރާތަކަށް ހުރަސް އެޅިދާނެ ކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކުރިން ކަނޑައަޅުއްވާފައި ހުރި ސަފީރު، ޑރ. ފަރްހަނާޒް ފައިސަލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ފަރްހަނާޒް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި އެކުލަވައިލުމުގެ މަސައްކަތް ފެށުމަށް އެންމެ ބޮޑަށް ބާރު ލިބުނީ ވެސް ރާއްޖޭގައި މަސްވެރިކަން ކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ގޮތްތަކުގެ ސަބަބުން ކަމަށެވެެ. 

ފަރްހަނާޒްގެ ޕޯސްޓު ރީޕޯސްޓު ކުރައްވައި އިނގިރޭސިވިލާތުގެ ކުރީގެ ފޮރިން އޮފީސް މިނިސްޓަރު، ޒެކް ގޯލްޑްސްމިތު ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފެށީ ރާއްޖޭގައި މަސްވެރިކަން ކުރަމުންދާ ދެމެހެއްޓެނިވި ގޮތުގެ ސަބަބުން ކަމަށެވެ.

"ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވައިލަން އެއްބަސްވީ ރާއްޖޭގައި މަސްވެރިކަން ކުރާ ދެމެހެއްޓެނިވި ގޮތުގެ ސަބަބުން، މިހާރު [ދެމެހެއްޓެނިވި މަސްވެރިކަމަށް] މިއޮތީ ނުރައްކަލަށް ހުށަހެޅިފައި،" ޒެކް ވިދާޅުވި އެވެ.

ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ދެކޮޅުކަން އިނގިރޭސިވިލާތުގެ ސިޔާސި ޕާޓީތަކާއި ގުޅުން ބޮޑު ކުރީ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވައިފަ އެވެ.

ގިނަ ބަޔަކު ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުންނެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ. 

ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް