ads
ޕީޖީގެ ހުސެއިން ޝަމީމު
ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހުން ނިންމައިފި
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރަން މިރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި ޝަމީމް އެ މަގާމުން ވަކިކޮށްފި އެވެ.
Advertisement

ބަހުސް ކުރިއަށް ގެންދަނިކޮށް އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޝަމީމް އިސްތިއުފާ ދެއްވިކަން ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން އިއުލާނު ކޮށްފައިވާ ކަމަށާ އެހެން ކަމުން މިހާރު ހިންގާ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ.

ފަހުން ވެސް އެމްޑީޕީގެ މެންބަރުން ވަނީ ޝަމީމް އިސްތިއުފާ ދެއްވިކަން ކަށަވަރު ކުރެއްވުމަށް ފަހު ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ނާޒިމް ވިދާޅުވީ ޖަލްސާ ފެށުމުގެ ކުރީން ވެސް އެކަން ޔަގީން ކުރަން ރައީސް އޮފީހާއި މުއާމަލާތް ކުރެއްވި ކަމަށެވެ.

ނަމަވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ކަށަވަރުނުވާތީ ޖަލްސާ ކުރިއަށް ގެންދިޔައީއެވެ. އެއާއެކު މެމްބަރުން ބަހުސްކޮށް ނިމުމަށްފަހު، ޝަމީމް ވަކިކުރުމަށް ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށް ޓަކައި ވޯޓުގެ ރަނގަބީލު ޖެހިއެެވެ. 

"ސެކެރެޓަރީ ޖެނެރަލް ލަފާ ދެއްވައިފައި އޮތީ ވޯޓުގެ ރަނގަބީލުގެ ގަޑި ޖެހުނީމަ ވެސް ރައީސް އޮފީހަށް ގުޅައިފައި ސާފުކުރަން ސިޓީ ލިބުނުތޯ ނުވަތަ ނޫންތޯ. އެ ކަން ސާފުކުރައްވައިފި. ސިޓީ ލިބިފަކާއެއް ނެތް،" މަޖިލިހުގެ މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެވެ.

ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކުރީ 65 މެންބަރުންގެ ވޯޓާ އެކު އެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ޝަމީމް ވަނީ އެ އޮފީހުން ނުކުމެވަޑައިގެންފަ އެވެ. އޮފީހުން ނުކުމެވަޑައިގެންނެވިއިރު، ޕީޖީ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ރަތް ދޫލައިގެ އަލްވަދާއުއެއް ޝަމީމަށް ކިޔާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފަ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޑިސެމްބަރު 2019ގައި ޝަމީމް އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ އެ މަގާމުގައި ޝަމީމުގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ތިން މަހެއްހާ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް