ads
އަދާލަތު ޕާޓީގެ ރައީސް އިމްރާން: އެ ޕާޓީގެ މަޝްވަރާ މަޖިލިސް ޖަލްސާއެއް ޗެއާރ ކުރައްވަނީ
ފަލަސްތީނު މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުވި ކަމަށް ތުހުމަތުކޮށްފި
ދިވެހި ސަރުކާރުން ފަލަސްތީނު މައްސަލާގައި ޒަމާނުއްސުރެ ގެންގުޅެމުން އައިސްފައިވާ ރަނގަޅު "ހެޔޮ ސްޓޭންޑު" ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ މިހާރު އެބައޮތް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
Advertisement

އަދާލަތުން މިހެން ބުނެފައި މިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އެމްބަސީތައް ކައިރީ އަޑުއުފުލާ ދެ އަންހެނުން މިއަދު ހައްޔަރުކުރުމުން ނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދެ އަންހެނުންނަކީ:

  • ޑރ. ޝަޒްރާ އިބްރާހީމް

  • އާއިޝަތު ޝާދިޔާ

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާކޮށްފައިވާތީ ކަމަށެވެ.

އެ މައްސަލައާ ގުޅުވައި އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމިކަން ސަރުކާރުން މުޅި ދުނިޔެއަށް އިއުލާނުކޮށް އެތައް ސުރުހިތަކެއް ހަދައި، ފަލަސްތީނު ރައްޔިތުންނާއި މުސްލިމް އުންމަތުގެ މަގުބޫލުކަން ހޯދި ކަމަށެވެ. 

ނަމަވެސް އެ ފިޔަވަޅު ނޭޅުމާއި، ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ވިދިގެން ރަސްމީކޮށް ދިވެހި ދައުލަތުން އަމަލު ކުރި ގޮތުންނާއި، ޝާދިޔާ އާއި ޝަޒުރާ ހައްޔަރު ކުރުން ފަދަ ކަންކަމުން، ދިވެހިންގެ ހިތްތަކުގައި އިންތިހާއަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލާގައި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރު ކުރާ ކަމަށް ބެލެވޭ ކަމަށެވެ. 

"ދިވެހި ސަރުކާރުން ފަލަސްތީނު ގަޟިއްޔާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތްކަމުގައި މި ޕާޓީން ދެކެމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް މަސްޖިދުލް އަގުސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް އަދާލަތު ޕާޓީން ބުނެވެ.

އަދާލަތުން ވަނީ މިއަދު ހައްޔަރު ކުރި ދެ އަންހެން ކަނބަލުން ދޫކޮށްލައި ފަލަސްތީނުގެ މައްސަލާގައި ދައުލަތުން ކުރުމަށް ވައުދު ވެފައިވާ ކަންކަން ފުރިހަމަ ކުރަން ސަރުކާރަށް ގޮވާލާފަ އެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާ ކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތީ ކޮމިޓީ މަރުހަލާގައި ހުއްޓިފަ އެވެ. އެ ބިލުގެ މަސައްކަތް ކުރިއަށް ނުދާތީ ސަރުކާރަށާއި މަޖިލީހަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން. ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40،500 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ އަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ގާޒާގެ އޮފިޝަލުން ގަބޫލު ކުރެ އެވެ. ޔަހޫދީންގެ ރަހުމު ކުޑަ ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 93,778އަށް އުފުލިފަ އެވެ.

އިޒްރޭލުން ހިންގަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބެލެވޭތީ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އަމުރުކޮށްފައި ވާއިރު އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ހަމަލާތައް ހުއްޓާލަން ގޮވާލައި ގަރާރެއް ފާސްކޮށްފަ އެވެ.

އޮކްޓޫބަރު މަހު ގާޒާ ހަނގުރާމަ ފެށުމުގެ ކުރިން ގާޒާގައި 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅުނެވެ. އެ އާބާދީގެ ތެރެއިން މިހާތަނަށް 1.9 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް އެކި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް