ads
ވަޒީރުންގެ މަޖިލިސް
ޑޮލަރުން މުސާރަ ދިނުން ހުއްޓާލުން ހިމެނޭހެން ހަރަދުކުޑަކުރަން ފިޔަވަޅުތަކެއް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.
Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ހަމަ މަގަށް އެޅުއްވުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރިތަންތަނާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ސާކިއުލާގައިވެ އެވެ.

އެގޮތުން ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމަށާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމަށް ސާކިއުލާގައި އަންގާފައިވެ އެވެ.

ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ ދިގުނުވާނަމަ ފަސްޓް ކްލާހުގައި ދަތުރުނުކުރުމަށާއި އަދި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާވެސް ކުޑަކުރުމަށް ވެސް އަންގާފައިވެ އެވެ.

"ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމަށާއި އަތޮޅުތެރެއަށް ކުރާ ރަސްމީ ދަތުރުތަކުގއި ކެއުމާއި ހުރުމުގެ ހަރަދު އެންމެ ކުޑަވާނެ ގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުމަށް ވެސް އަންގަން" ސާކިއުލާގައި ބުނެފައި ވެއެވެ.

އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީ ނަމަވެސް ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަަކަށް ނުނެގުމަށާއި ޕީސީބިގެ ހުއްދައާއެކު މެނުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ފަދަ އެއްވެސް ބަދަލެއް ނުގެނައުމަށް ވެސް ވަނީ އަންގާފަ އެވެ.

ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށާއި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައި އިނާޔަތް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ތަމްރީނުތައް ހިންގުމުގައި ކުންފުނީގެ ކަމާގުޅޭ މުވައްޒަފުން ބޭނުން ކުރުމާއި ރާއްޖޭގެ ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމަށާއި އަދި ކޮންމެހެން މި ވަގުތަށް ކުރަންޖެހޭ މަސައްކަތެއް ނޫނީ އެހެން މަސައްކަތްތަކަށް އައުޓްސޯސްކޮށްގެން ނުކުރުމުގެ އިތުރުން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަށް ބަލައި މުވައްޒަފުން އިތުރުވާނަ ނުވަނަ އައިޑަލްޓައިމް ގިނަނަމަ އެފަދަ މުވައްޒަފުން ކުންފުނި ކޮންމެހެން ފަށަންޖެހޭ ޕްރޮޖެކްޓަރަކާއި ކުރިއަށް ޕްރޮޖެކްޓަކުގައި ބޭނުންކުރުމަށް ވެސް އަންގާފައިވެ އެވެ.

"ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކޮށް ކުންފުނީގެ ކަރަންޓު ހަރަދު ކުޑަކުރުމަށާއި ކަރުދާހާއި ސްޓޭޝަނަރީސް އަށް ކުރާ ހަރަދުކުޑަކޮށް މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުމަށާއި އިވެންޓްތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަަކަށް ވަސީލަތްތައް ހިއްސާކުރުން" ސާކިއުލާގައިވެ އެވެ.

އަދި އިވެންޓަކުގެ ރިފްރެޝްމަންޓްތަަކަށް ކުރާ ހަރަދު ވިހާވެސް ކުޑަކުރުމާއި ކުންފުނީގެ އެނައުލް ޕްރޮކުއުމަންޓް ޕްލޭނާއި ބަޖެޓާއި އެއްގޮތަށް ޕްރޮކިއުމަންޓްތައް ހިންގުމަށް ވެސް އަންގާފައިވެ އެވެ. ކޮންސިއުމަބަލް ގަތުމުގައި ކޮންމެހެން ބޭނުންވާ ވަރަށް ގަތުމާއި ސީއެސްއާރު އަދި ސްޕޮންސާޝިޕަށް ކުރާ ހަރަދުތައް މަދުކުރުމަށް ވެސް އަންގާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މީގެ ކުރިން ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަނުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅުއްވާފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލައި، އެހެން ކުންފުނިތަކެއް އުވާލަން ވެސް މި ހަފުތާގެ ތެރޭގައި ކެބިނެޓުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ނިންމީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ގެންނާށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ގެންނާށެވެ.

އުވާލަން ނިންމި ކުންފުނިތަކަކީ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އެވެ.

މި ފިޔަވަޅުތަކާއެކު ދައުލަތަށް ވަންނަ ބޭރުފައިސާގެ އާމްދަނީ އިތުރުކުރެވިގެންދާނެކަމަށް ސަރުކާރުން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.މީގެ ސަބަބުން ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެކަންވެސް ފިނޭންސުން ފާހަގަކުރެ އެވެ. މީގެ ބޭރުފައިސާއިން އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމަށް ފަސޭހަވެ، ކްރެޑިޓް ރޭޓިންއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ފިނޭންސް މިނިސްޓްރީން އުންމީދު ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އާމްދަނީ އިތުރު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި އެސްއޯއީތަކުގެ ހަރަދުތައް ކުޑަކުރުމާއި ޓާގެޓު ސަބްސިޑީއަށް ބަދަލުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ބަލްކް ޕްރޮކިއުމަންޓް ނިޒާމު މެދުވެރިކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެ ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް