ads
އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމައިފި
ދައުލަތުގެ ބަޖެޓުން ޖުމްލަ 42 މިލިއަން ރުފިޔާ ހަރަދުކުރި ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމައިފި އެވެ.
Advertisement

އެމްއައިޓީޑީސީ އާއި އެގްރޯނެޓް އުވާލަން ނިންމީ ހަރުދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ އާދީއްތަ ދުވަހު ކެބިނެޓުން ފާސްކުރި ނިންމުންތަކުގެ ތެރޭގަ އެވެ. 

ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި މިދިޔަ ޖޫން މަހާ ހަމައަށް ދައުލަތުގެ ބަޖެޓުން އެގްރޯނެޓަށް 33 މިލިއަން ރުފިޔާ އަދި އެމްއައިޓީޑީސީއަށް 8.1 މިލިއަން ރުފިޔާ ދީފައިވެ އެވެ.

މެދުފަންތީގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ކުރިއަރުވަން އެމްއައިޓީޑީސީ އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. މިދިޔަ ސަރުކާރުގައި އެގްރޯނެޓް އުފެއްދީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓުކޮށް، ވިއްކާށެވެ.

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލާއިރު އެ ކުންފުނިން މިހާރު ކުރިއަށް ގެންދަވާ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންގޮސް، މި ދާއިރާއިން އެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެއްވުމަށްޓަކައި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ މެންޑޭޓް، އެ ކުންފުނީގެ އަސާސީ ގަވާއިދަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެމްއައިޓީޑީސީ އުވާލުމަށް ފަހު އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްއެފްއެމްސީގެ ދަށަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރަން އުފައްދާފައިވާ އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.

އުވާލާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވާނޭ ގޮތެއް އަދި ސާފެއް ނުވެ އެވެ.  

ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުވާލަން ނިންމިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލަން އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އެއްކޮށްލުމަށް ނިންމި އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެނައުމަށްވެސް ނިންމި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް