ads
ބީއެމްއެލް ބޯޑަށް ސަރުކާރުން ނަން ހުށައެޅި ޝާހިދު އަދި އިރުފާން
ބީއެމްއެލްގެ ބޯޑަށް ޝާހިދާއި އިރުފާނުގެ ނަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަށް އަލީ އިރުފާނު އާއި މުހައްމަދު ޝާހިދުގެ ނަން ސަރުކާރުން ހުށައަޅައިފިއެވެ.
Advertisement

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އިތުރު ދެ ނަން ހުށައަޅާފައި މިވަނީ އެ ބޭންކުގެ މިހާރު އޮތް ޑިރެކްޓަރުންގެ ބޯޑުން "މާލީ ބަގާވާތެއް" ގެންނަން މަސައްކަތް ކުރިކަމަށް ސަރުކާރުން ބުނެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބީއެމްއެލްގެ ބޯޑަށް އައްޔަންކުރަން ނަން ފޮނުވާފައިވާ ޝާހިދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ސައިންސް (ފައިނޭންސް) އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އެކައުންޓިން އެންޑް ފައިނޭންސް (އޮނާސް) ހާސިލްކޮށްފައެވެ. އަދި ޝާހިދުވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިސް މަގަމާތައް ފުރުއްވާފައެވެ. އަދި މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުވެސް ޝާހިދު ވަނީ އަދާކޮށްފައެވެ. 

އަލީ އިރުފާނުވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ ހެރިއޮޓް-ވަޓް ޔުނިވާސިޓީއިން ބެޗަލާ އޮފް އާޓްސް އިން އެކައުންޓަންސީ އެންޑް ފައިނޭންސްވެސް އިރުފާނު ހާސިލުކޮށްފައެވެ. ޗާޓަޑް އެކައުންޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިރުފާނަކީ ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ. 

ބީއެމްއެލް ބޯޑުގައި އެތައް ދުވަހެއް ވަންދެން އިންނެވި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަނީ މިދިޔަ މަހު ބޯޑުން އިސްތިއުފާ ދެއްވާފައެވެ. 

ބީއެމްއެލްގެ ބޯޑުގައި ތިބޭ 11 މެންބަރުންގެ ތެރެއިން 8 މެންބަރުންނަކީ ސަރުކާރުން އައްޔަންކުރާ މެމްބަރުންނެވެ. ދެން ތިބޭ އަނެއް ތިން މެމްބަރުންނަކީ  އާންމު ހިއްސާދާރުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންނެވެ. 


ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވަން ހާއްސަ އާންމު ޖަލްސާއެއް މިމަހުގެ 21 ވަނަދުވަހު ބާއްވަން  އެ ބޭންކުން ވަނީ ނިންމާފައެވެ. ބީއެމްއެލުން ބުނީ ހާއްސަ އާއްމު ޖަލްސާއެއް ބާއްވަނީ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވަން ފިނޭންސް މިނިސްޓްރީން އެދިފައިވާތީކަމަށެވެ. އެދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެސް ވަނީ ހަމައެކަނި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވުން ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް