މިނިސްޓަރު ހަސަން ޒަރީރު މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ދަރަނިތައް އަދާކުރުމުގެ ޒަރޫރީ ބޭނުންތަކަށް އެތެރެކުރަންޖެހޭ މުދާ އެތެރެކުރުމަށް ބޭރުފައިސާ ހުސްވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދަރަނީގެ ޒިންމާތައް ސަރުކާރުން މެނޭޖް ކުރަނީ ޕްލޭންކޮށްގެން ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށްގެން ކަމަށެވެ.
ސަރުކާރުން ދަރަނި އަދާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސްޓޭޓް ބޭންކް އޮފް އިންޑީއާއިން މިދިޔަ ސަރުކާރުން ނަގާފައިވާ ޓްރެޝަރީ ބިލްތަކަށްވާ ފައިސާ އަނބުރާ ވަނީ ދައްކާފަ އެވެ. ކުރީ ސަރުކާރުން 3 ބަޔަށް ބަހާލައިގެން 2019 ވަނަ އަހަރު ނެގި ޓްރެޝަރީ ބިލްތަކުގެ ފަހު އިންސްޓޯލްމެންޓް ކަމުގައިވާ 50 މިލިޔަން ޑޮލަރު އަދާކޮށްފައިވަނީ މިއަދުއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ދަރަނި ބެލެހެއްޓުމުގައި ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުންވެސް ދަނީ ކުރިއަށް ގެންދަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ވަނީ ހާމަކޮށްފަ އެވެ. މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އުންމީދު ކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;