އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން ހިދުމަތް މިމަހުގެ 12 ވަނަ ދުވަހު ފަށާނެކަމަށް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ އިއުލާންކުރައްވާފައެވެ.
ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. މި ހިދުމަތް ދިނުމަށް އެސްޓީއޯއިން އަންނަނީ ތައްޔާރުވަމުންނެވެ.
ބަންކަރިންގެ ހިދުމަތުގައި ބޭނުންކުރުމަށް ގެންނަނީ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" ކިޔާ ދެ ބޯޓެވެ. މި ދެ ބޯޓަކީވެސް ވިޓޯލް ކުންފުނިން ސިންގަޕޫރްގައި ބޭނުންކުރަމުންދާ ދެ ބޯޓެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ގެންނަ ދެ ބޯޓް އަންނަ އާފިއްތަދުވަހު މާލެ ވަންނާނެކަމަށެވެ. އަދި މި ފެށޭ ހަފްތާ ނިންމެންވާއިރަށް ދެ ބޯޓްވެސް ރާއްޖޭގެ އުތުރަށް ދާނެކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
އިތުރަށް ކިޔާލުމަށް . ބަންކަރިންގެ ހިދުމަތަށް ފަށަނީ އޯފްޝޯ ބަންކަރިންގެ ގޮތުގައި: ޝިމާދު
ބަންކަރިންގެ ހިދުމަތަށް ފަށަނީ އޯފްޝޯ ބަންކަރިންގެ ގޮތުގައިކަމަށް ޝިމާދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް ފަށަނީ އެއްގަމުގައި ކުރާނަމަ އަނެއްކާވެސް އެކަމަށް އިތުރު ދުވަސްތަކެއް ނަގާނެތީކަމަށް އޭނާ ވިދާޅުވިއެވެ. ބަންކަރިން ހިދުމަތް ފަށާނީ ދެ ވައްތަރެއްގެ ކާގޯއިން ކަމަށްވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ. އެެއީ އެމްޖީއޯ މެރިން ގޭސް އޮއިލް އާއި ވީއެލްއެސްއެފްއޯ ފިއުލް އޮއިލް ވިއްކާ ގޮތަކަށްކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ހިދުމަތް މާކެޓްކުރުގައި ވިޓޯލް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބަންކަރިން ހިދުމަތް ދިނުމުގައި އެސްޓީއޯއާއި އެކު ބައިވެރިވަނީ އެމްޕީއެލްއެލްއެވެ. އެކުންފުނިންވެސް އަންނަނީ މިކަމަށް ބޭނުންވާ އޮފީސް އިމާރާތްތައް ތައްޔާރުކުރުމާއި އެހިދުމަތުގައި އުޅޭނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.