ފައްޔާޒު މިހެން މި ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަގުދު ފައިސާ ދެއްވާކަމަށް ބުނެ ނޫހަކުން ގެނައި ހަބަރަކީ ދޮގެއްކަމަށް ބުނެ އެ ނޫހާއި މެދު ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.
އަދަދު ނޫހަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށައެޅިކަމަށް ވިދާޅުވެ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެެއްވި ޕޯސްޓަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުންކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެކަމަސްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒު ވިދާޅުވީ ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭކަމަށެވެ. ފައްޔާޒު ވަނީ ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.