ads
ފޮޓޯ: ފިނޭންސް
މާލީ ހާލަތު ރަނގަޅުކުރުމަށް މިދަނީ ފިޔަވަޅުތައް ތަންފީޒުކުރަމުން: ފިނޭންސް
މާލީ ހާލަތު ރަނގަޅުކުރުމަށް ފަންނީ މަސައްކަތްތައް ނިންމާ މިދަނީ ފިޔަވަޅުތައް ތަންފީޒުކުރަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ފިނޭންސް އިން މިގޮތަށް ބުނީ މިއަދު ނެރުނު ބަޔާނެއްގަ އެވެ. 

މި ބަޔާން ނެރުނީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީއޭއޭ-1" އިން "ސީއޭއޭ-2" އަށް ދަށްކުރުމާ ގުޅިގެން ނެވެ. މޫޑީސް އިން ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް އިތުރުވުމާއި ގުޅިގެން ނެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ. 

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާ ގުޅިގެން ފިނޭންސުން ނެރުނު ބަޔާނުގައި ބުނީ މޫޑިސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަކީ ސަރުކާރުން މިހާރުވެސް އެކަންކަމާއި ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާ ކަންތައްތަކެއްކަން ވަނީ ފާހަގަކޮށްފަ އެވެ.

"މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކަމެއް ދޭނީ ފަގީރުކަން ނައްތާލުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް، މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ދައުލަތަށް ކުރިމަތިވެފައިވާ މާލީ ބުރައަށް ލުޔެއް ހޯދުމަށް، ކުންފުނިތައް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މި ދަނީ ތަންފީޒުކުރަމުން" ފިނޭންސް މިނިސްޓްރީން ބުންޏެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، ފަތުރުވެރިކަން ކުރިއަރަމުން ދިއުމުގެ ސަބަބުން އިގުތިސޯދީ ކުރިއެރުން ލިބި، މާލީ ހާލަތުވެސް ރަނގަޅުވެގެންދާނެކަމަށެވެ. އަދި ހަރަދު ކުޑަ ކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އިގްތިސާދީ ކުރިއެރުންތަކުގެ ސަބަބުން ދަރަނި ދެއްކުމަށް ހުރި ހިރާސްތައް ކުޑަކުރެވޭނޭކަމަށެވެ.

އަލަށް މި އަޅާ ފިޔަވަޅުތަކާއެކު ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަންވެސް މާލީ ހިސާބުތަކުން ދަނީ ފެންނަމުންނެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ރަނގަޅު ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް މަރުކަޒީ ބޭންކުންވެސް ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާަވަށްވެސް ކުރިއެރުން އަންނަމުންނެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފިނޭންސްއާއި އެމްއެމްއޭއާ ގުޅިގެން އެކުވެރި ދައުލަތަކާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ. މީގެ އިތުރުންވެސް ސަރުކާރުގެ ހަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިން މިއަދު ދަށްކުރި ނަމަވެސް، ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން މަރުކަޒީ ބޭންކް އެމްއެމްއޭއިން ވެސް މިއަދު ވަނީ ދީފަ އެވެ.

އެމްއެމްއޭ އިން ވަނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީހަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ. އަދި އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ވެސް މިފަހުން ވަނީ ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކޮށްފަ އެވެ. އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް