އެމްއެމްއޭއިން މިހެން ބުނެފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން މިއަދު ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އަށް ބަދަލުކޮށްފައިވަނިކޮށެވެ.
މޫޑީސްގެ ރޭޓިންގައި ކުރިން ރާއްޖެ އޮތީ އެއް ދަރަޖަ މަތި ރޭޓިންއެއް ކަމަށްވާ "ސީއޭއޭ1" ގަ އެވެ. އެ އަށް ވުރެ އެއް ދަރަޖަ މިފަހަރު ދަށް ކުރިއިރު ރާއްޖޭގެ އައުޓްލުކް ވަނީ "ރިވިއު" ގަ އެވެ. ރާއްޖޭގެ ރޭޓިން ރިވިއުގައި ބައިންދަން ނިންމީ، ރާއްޖެއިން ބޭރު ދަރަނި އަދާކުރަން ޖެހޭ ހާލަތު ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވާނެތީ ކަމަށް މޫޑީސް އިން ބުންޏެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ރިވިއުކުރާ މުދައްތުގައި ބޭރުން ފައިނޭންސިން ހޯދޭތޯ ބަލާނެ އެވެ. މޫޑީސް އިން ބުނީ، ބައިލެޓްރަލް ފައިނޭންސިން ނުވަތަ ރާއްޖޭއާ ގާތް ގައުމުތަކުން ފައިނޭންސް ހޯދައިގެން، މިހާލަތުން ހަރައި ގަންނަން ރާއްޖެއަށް ވަގުތު ލިބޭނެ ކަމަށާއި އޭރުން ގައުމު ޑިފޯލްޓަކަށް ނުގޮސް ސަލާމަތް ކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އެއާ އެކު ސަރުކާރުން އަޅަން ނިންމާފައިވާ ރިފޯމު ފިޔަވަޅުތައް ވެސް އެޅުމަށް ވަގުތު ލިބޭނެ ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.
މޫޑީސްގެ ނިންމުމާ ގުޅިގެން އެމްއެމްއޭއިން ދެންމެ ވަނީ ރާއްޖޭގެ ހާލަތު ކިޔައިދީ ބަޔާނެއް ނެރެފަ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތައިން މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 އިންސައްތާގައިކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުންކަމަށް އެމްއެމްއޭއިން އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މުމުއްދަތާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ. މީގެއިތުރުން މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ 7 އިންސައްތަ އިތުރުވެފައިކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފަ އެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގަ އެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.
މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކޮށް މި ބަދަލުތައް މި މަހު އިއުލާންކުރާނެ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އަދި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީހަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ ހާލަތު ކިޔައިދީ ނެރުނު ބަޔާން ނިންމާލަމުން އެމްއެމްއޭއިން ބުނީ އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވޭއިރު، މޫޑިސްގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްގެ ރޭޓިންގައި މިދިޔަ މަހު ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ވެސް ވަނީ ދަށްކޮށްފަ އެވެ.
ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.
ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.