ads
ބަންކަރިން ފެށުމަށް އެމްޕީއެލް އިން ހޯދި އުޅަނދުތައްވެސް ކުޅުދުށްފުށްޓަށް ގޮސްފި -- ފޮޓޯ: އެމްޕީއެލް
ބަންކަރިން ފެށުމަށް އެމްޕީއެލް އިން ހޯދި އުޅަނދުތައްވެސް ކުޅުދުށްފުށްޓަށް ގޮސްފި
ބަންކަރިން ފެށުމަށް އެމްޕީއެލް އިން ހޯދި އުޅަނދުތައްވެސް ކުޅުދުއްފުށި ސިޓީ ގައި ބަނދަރުކޮށްފި އެވެ.
Advertisement

މިކަން ހާމަކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އިސްމާއިލް ވަޖީހު އިބްރާހިމް އެވެ.

ވަޖީހު މިއަދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ ދެ ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ނިމިއްޖެ ކަމަށާއި އަދި މިފަދަ އިންޓަނޭޝަނަލް ހިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިންގ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީ އެއްވެ ނިމިއްޖެ ކަމަށެވެ.

"ޝުކުރިއްޔާ ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު. މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލް ތަކެއް ގެނެސް ދޭނެ ހިދުމަތެކެވެ. މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެކެވެ. މަނިކުފާނުގެ ދުރު ވިސްނުން ފުޅަށާއި ހިކުމަތްތެރި ކަމަށް އަޅުގަޑުމެން ޝުކުރު ދަންނަވަނެވެ" ވަޖީހު ޝޯޝަލް މީޑިއާ އަށް މިއަދު ދޫކޮށްލެއްވި ޕޯސްޓުގައި ވެއެވެ.

ބަންކަރިންގ ހިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް މިސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހި ވެގެން ދާނެ އެވެ. 

އެސްޓީއޯ އިން ރާއްޖެ ގެނައި ދެ ބޯޓުގެ ތެރެއިން ކޮންމެ ބޯޓަކީ ވެސް 4،000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ. މިހިދުމަތުގައި ބޭނުންކުރަން އެމްޕީއެލް އިން ހޯދާފައިވާ އުޅަނދުތައްވެސް މިހާރު ވަނީ ކުޅުދުށްފުށްޓަށް ގޮސްފަ އެވެ.

ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ހިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ހިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ހާއްސަ ވެބުސައިޓެއް ވެސް މިފަހުން ވަނީ ތައްޔާރު ކޮށްފަ އެވެ. އެއީ ums.mv އެވެ. އެ ވެބްސައިޓު މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރަށް ކުރިއާލައި ބުކިން ހެދޭނެ އެވެ. 

އުތުރުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގައި މުހިންމު ސަރަހައްދަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.

އޮފްޝޯކޮށް ދޭ މި ހިދުމަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯ އާއި އެމްޕީއެލް އެވެ. އޮފްޝޯކޮށް ހިދުމަތް ދޭއިރު ބަނދަރެއް ނެތް ނަމަވެސް ކަނޑު މަތިން ސީދާ ބޯޓު ތަކަށް ބޭނުންވާ ހިދުމަތް ދެވޭނެ އެވެ.

ބަންކަރިންގެ ހިދުމަތް ފަށާތީ އުތުރުގައި -- ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ އިދާރީ އޮފީސް ވެސް ހަދަމުން ދަނީ އުލިގަމުގައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450 އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރަމުންދާ ކަމަށެވެ. މީގެތެރެއިން އެއް ޕަސެންޓް ބޯޓަށް ބަންކަރިން ހިދުމަތް ދިން ނަމަވެސް ރާއްޖޭގެ ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު ފުރަތަމަ އަހަރުވެސް ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ ޖުމްލަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު އަހަރަކަށް. އެ އަދަދަށް އިތުރު 400 މިލިއަން ޑޮލަރު -- 6.2 ބިލިއަން ރުފިޔާ ފުރަތަމަ އަހަރުން ފެށިގެން ވަދެގެންދާނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް