ads
މޯލްޑިވިއަން އެއާބަސް
ބެއިޖިން، ގުއަންޒޯ އަދި ޗެންގްޑޫއަށް މޯލްޑިވިއަން އިން ދަތުރުތައް ފަށަނީ
ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށްޓަކައި ޖެނެރަލް ކާގޯ ސޭލްސް އޭޖެންޓުން (ޖީއެސްއޭ) ހޯދުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ފަށައިފި އެވެ.
Advertisement

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ކުންފުނިން ބުނީ ޗައިނާއަށް ދަތުރުތައް ފެށުމަށްޓަކައި އެ ގައުމުގައި މޯލްޑިވިއަންގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފައިވާކަމަށެވެ.

ޗައިނާގެ އޮޕަރޭޝަންތައް މި އަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ވަނީ ރޭވިފަ އެވެ. ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކުރަންޖެހެ އެވެ. 

ޖީއެސްއޭގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމާއި، އެގައުމުގެ އެކި ފަރާތްތަކާއި ގުޅިގެން ކުރެވިދާނެ މަރކެޓިންގެ މަސައްކަތްތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަންފީޒުކުރުން ހިމެނެއެވެ.

އައިލެންޑު އޭވިއޭޝަނުން ބުނީ އެޖެންޓާއެކު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ. 

ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއަހަރުގެ މިހާތަނަށް 200000 އަށްވުރެ ގިނަ ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

އިއްޔެ ދިވެހި ސަރުކާރުން ޗައިނާއާއެކު ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ހިންގުމަށް މަގުފަހިކުރާ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. 

މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ސްރީ ލަންކާގެ ކޮލޮމްބޯ އަށެވެ.

ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ދަނީ ކުރަމުންނެވެ.
އަދި އެ މަތިންދާ ބޯޓު ދަތުރުތަކުގައި ބޭނުންކުރަން ފެށުމުން ބޭރުގެ އެކި މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށިގެންދާނެ ކަަމަށް އައިލެންޑު އޭވިއޭޝަނުން ބުންޏެވެ.

އެއާބަސްގައި 3 ކުލާސް ހިމެނެ އެވެ. އެގޮތުން ބިޒްނަސް ކުލާހާއި ޕްރިމިއަމް އިކޮނޮމިކް ކުލާހާއި އިކޮނޮމިކް ކުލާހެވެ. ބޯޓުގައި ޖުމްލަ 264 ގޮނޑި ހިމެނެ އެވެ. އެގޮތުން މި މަތިންދާ ބޯޓު ރާއްޖެ ގެނެސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ޗައިނާއަށް ފެށިގެންދާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް