ads
ދޫކޮށްފައި ނުދާށޭ.. - 40 ވަނަ ބައި (ނިމުން 2)
އެޕިސޯޑް 40 (ނިމުން 2 ފަހުބައި)
Advertisement

ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ

ކުރިއެކޭވެސް އެއްގޮތަށް އަޔާންއޮތީ އަމީރާގެ އުނގުގައި ބޯއަޅާލައިގެންނެވެ. މަންމަގެ ޑައިރީން ފަހަރަކު ސަފްހާއެއް ކިޔަމުންގެންދިޔައީ އެއަށްވުރެން މުހިއްމުކަމެއް ނެތްކަމަށް ދެކިގެންނެވެ.

"މަންމަގެ އުއްމީދަކީ މަންމަގެ ދަރިފުޅު މަންމަގެ މިވާހަތަކާއިމެދުގައި ވިސްނައި އިބްރަތް ހާސިލްކުރުމެވެ. ދަރިފުޅަށްޓަކައި އެންމެ ފަހު ވަގުތާއިޖެހެންދެންވެސް މަންމަ ހިތްވަރުކުރިކަން ގަބޫލުކުރުމެވެ. ވަރުބަލިކަމާއި އެކުވެސް ލޯހުޅުވީމެވެ. މާޔޫސްކަމާއި އެކުވެސް އުއްމީދުކުރީމެވެ. ހާސްކަމާއި ބިރުވެރިކަމުގައިވެސް ރޭދުވާ ގުނީމެވެ. ފިކުރުތަކުން މަންމަގެ ސިކުނޑިއާއި ހިތް ވަރުބަލި ކޮށްލާފައިވިޔަސް، ކޮޅަށް ތެދުވީމެވެ. އުނދަގުލުންވެސް ދަރިފުޅަށްޓަކައި މަންމަ ހިނިތުންވީމެވެ. 

ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ މީހަކު ބުނެފާނެ އިހާނެތި ބަހަކަށްވިޔަސް މަންމަ ފަރުވާތެރިވީމެވެ. މަންމަގެ ހިތުގައި އޮތް ބިރުވެރިކަން ދުވަހަކުވެސް އެހެންމީހަކާއި ހިއްސާނުކުރަމެވެ. ވަށައިގެންވާ ހަތަރުފާރުވެސް އެކަމަށް ހެކިކުރުވަން ބޭނުންނުވާތީ އެވެ. ދިރިހުރި ކޮންމެ ވިންދެއްގެ އަޒުމަކަށްވީ، ދަރިފުޅު ފަހުރުވެރިވާނެފަދަ މަންމައަކަށް ވެވޭތޯ އެވެ.

މަންމަގެ މިހިތުގައި ދަރިފުޅަށް އޮތް ލޯތްބަށް ދުވަހަކުވެސް ނިމުމެއް ނެތެވެ. މަންމައަކީ ދަރިފުޅުގެ ފަހުރަށް ނުވިޔަސް، ދަރިފުޅަކީ މަންމަގެ ފަހުރެވެ.

މިހިތުގައި ފަހު ވިންދު ޖަހާނީ ކޮންވަގުތަކުކަމެއް ނޭގެ އެވެ. ނަމަވެސް ދަރިފުޅުގެ ލޯތްބެއް މިހިތާއި ދުރެއް ނުކުރެވޭނެ އެވެ. 

ހަޔާތުން ހުރިހައި މަގުސަދެއް ހާސިލްވެފައި އޮތަސް، މިމަންމަގެ އަމިއްލަ އެދުމެއް އެބައޮތެވެ. އެއީ ދަރިފުޅުގެ ދެއަތުގެ ތެރޭގައި މަންމަގެ ފަހު ނޭވާ ދޫކޮށްލުމުގެ ޝަރަފެވެ. ދެމީހުން މި ތިބީ ދުނިޔޭގެ އެތައް ހާސް މޭލެއް ދުރުގައިކަން އެނގިހުރެ، މި ސިއްރު ސަފްހާގައި މި އެދުން މި ހިމަނާލީ ކޮންމެވެސް ދުވަހަކުން މިކަންވެސް ދަރިފުޅަށް އެނގެން މަންމަ ބޭނުންވާތީ އެވެ. ފުރާނައިގެ ކުރު، ނުވަތަ ދިގު މިނަކީ ﷲތައާލާގެ ހައްގެކެވެ! 

ދަރިފުޅު ދޫކޮށް މަންމަގެ ފަހު ނޭވާ ދޫކޮށްލާން ބޭނުމީ، މަންމަ މުސްކުޅިވެ، ގައިބާރު ދެރަވެގެން ނޫނެވެ. ނުވަތަ ކެންސަރުގެ ވިހަގަދަ ވޭނަން ކެތްނުކުރެވިގެން ނޫނެވެ. އެކަމަކު ދަރިފުޅާ އެވެ. މިއަދު މަންމަ ވަރުބަލިވެ ވެއްޖެ އެވެ! މަންމަގެ ވަގުތު ގާތްވެއްޖެކަން އިހްސާސްވާން ފަށައިފި އެވެ.

ދަރިފުޅާ އެވެ! ލިބުނު ހުރިހައި އުފަލަކާއި ކާމިޔާބަކަށް ޝުކުރުވެރިވަމެވެ. ކޮންމެ ހާލެއްގައިވާންޖެހުނަސް، އަންކަލްއާއި ބޮޑުދައިތަ ދޫކޮށްނުލައްޗެވެ. މަންމަގެ ހަމައެކަނި އާއިލާއަކީ އެއީ އެވެ. ދަރިފުޅު ދޫކޮށް މަންމަ މިދަނީ ދުނިޔަވީ ބައެއްކަންކަން ހަނދާންކޮށްދެމުންނެވެ. 

މަންމަގެ ބަނޑުގައި ނުވަމަސް ވަންދެން ރައްކާތެރިކަމާއެކު ދަރިފުޅު އުފުލީމެވެ. 

މަންމަގެ އުރުގައި ތިން އަހަރު ދަރިފުޅު އުފުލީ ނުހަނު ހިތްވަރުކޮށްގެންނެވެ.

މަންމަގެ ހިތުގައި މުޅި އުމުރަށް ދަރިފުޅުގެ ލޯބި ދަމަހައްޓާނަމެވެ.

ދަރިފުޅު ދޫކޮށްފައި މަންމަ މިދަނީ ހިތްހަމަޖެހުމާއެކު އެވެ.

ދަރިފުޅަށް ބައިވެރިޔަކު ލިބި، މާބަނޑުވާ ދުވަހުން ފެށިގެން ލޯތްބާއި އަޅާލުންދިނުމުގައި ހިނދުކޮޅަކަށްވެސް ފަރުވާކުޑަ ނުކުރައްޗެވެ.

އަންހެނެއްގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްތަކަކީ މާބަނޑުވެ، މަންމައަކަށްވެ ތުއްތު ދަރިފުޅު އުރުގައި ގެންގުޅޭ މުއްދަތެވެ. އެކަމަށް އަބަދުވެސް އހްތިރާމް ކުރައްޗެވެ.

ކޮންމެ ކަމެއްގައި އަނބިމީހާގެ ހުއްދައަށް އިހްތިރާމް ކުރާށެވެ.

އަމީރާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައަށް ނިމުމެއް ނެތެވެ. މުޅި ޑައިރީ އެކުގައި ކިޔަން އަޔާން ކިތަންމެ ހިތްވަރެއް ކުރިޔަސް، އެކަމެއް ނުވި އެވެ. ފަހުބައި ފުރިހަމަކޮށްދިނީ އަމީރާ އެވެ. ތެދެކެވެ!

ދިރިއުޅުމަކީ ދެކޮޅަށް ދަތުރުކުރާ މަގެކެވެ. 

"ދެން އޮތީ އެންމެ ފަހު ގަނޑު.. ދެމީހުން އެކުގައި އެ ސަފްހާއަށް ދިޔުން ކިހިނެއްވާނީ..؟" ކަރުނައިގެ ތެރެއިން ލޯތްބާއެކު އަމީރާ ސުވާލުކޮށްލީ ވަރަށް މަޑުމަޑުންނެވެ. ކުރިއަށްވުރެން ބާރަށް އަޔާން އަމީރާ ގައިގައި ބައްދާލި އެވެ. 

"ބީ ސްޓްރޯންގް ސްވީޓް ހާޓް.." އަމީރާ ބުނެލީ ވައިއަޑުންނެވެ. އަޔާންގެ ނިއްކުރީގައި ކިސްކޮށްލީ ދެ ލޯމަރައިލާފަ އެވެ. ފުން ނޭވާޔަކާއެކު ދެމީހުން އެކުގައި ފަހު ސަފްހާއަށް އެއްލި އެވެ. 

"ހަސަދަވެރިންނަށް ނަފްރަތް ނުކުރާށެވެ. އެމީހުން ހަސަދަވެރިވަނީ، އެމީހުންނަށްވުރެން އަނެކުން ހުރިހައި ގޮތަކުންވެސް ކާމިޔާބުކަމަށް އެމީހުން ގަބޫލުކުރާތީއެވެ." 

ޕެރެގްރާފް ކިޔައިލުމަށްފަހު ސުވާލު އުފެދިފައި އަޔާން ބަލައިލީ އަމީރާގެ މޫނަށެވެ.

"ދެންމެ މިނިންމާލި ހަތަރު ސަފްހާގައި އޮތީ އަޔާންގެ މާމަ ވާހަކަ ދޯ..! އެހެންވީމައި މަންމަ އެހެން ލިޔެފައި އެއޮތީ އަޔާންގެ މާމައަށް ނިސްބަތްކޮށްފައި.. އެދުވަހުގެ އެހުރިހައިކަމެއް ރާވައިގެން އެވަރުބޮޑު ދެރައެއް އަންހެން ދަރިޔަކަށް އެދިނީ މަންމައަކު ފަރުދާ ފުރަގަހުގައި ހުރެކަން، ކާކު ގަބޫލުކުރާނީ..؟ ދަރިޔަކު ސްކޫލުގެ ހުރިހައި ވާހަކައެއް ކޮންމެ ދުވަހަކު ގެއަށްއައިސް، މައިންބަފައިންނާއި ހިއްސާކުރަނީ އެކުއްޖަކަށް އެންމެ ރައްކާތެރި ހަޒާނާއަކީ މައިންބަފައިންގެ އިތުބާރުކަން އެނގޭތީ.. އެކަމަކު ކްލާހުން ހަސަދަވެރިންނަކީ ކޮބައިކަން ހޯދައިގެން، މަންމައަކު އެވަރުގެ ރަހުމުކުޑަ އަމަލެއް ހިންގާނެކަމަށް ގަބޫލުކުރާނީ ދުނިޔޭގެ ކޮން ސިކުނޑިއަކުން..؟ އެ ލިއަމްއަކީ މަންމައަށް އެތައް ފުރައްސާރައެއްކުރި ކުއްޖެއް.. އެކަމަކު މާމަ އޭނާއާއިވެސް ގުޅުން ހިންގިކަން މަންމައަށް އެއޮތީ އެނގިފައި.. ކާފައާއި މަންމަދެކެ މާމަ ދުވަހަކުވެސް ލޯބިވެފައެއް ނެތް..! ވވިޔަފާރިއާއި ފައިސާއާއި މުއްސަނދިކަން ފޭރިގަންނަން މާމަ އެކުރި ކަންކަމުގެ ހައްގު އަދަބު ލިބެންޖެހޭނެ.. ދުވަހަކުވެސް އެމީހުން ޖަލުން މިނިވަންވިޔަކަ ނުދޭނަން.." އަޔާންގެ ގައިގައި ބައްދާލަމުން އަމީރާ ބުނެލި އެވެ. ޑައިރީގެ އެކި ސަފްހާތަކުން ފާހަގަކުރެވުނު ބައެއްކަންކަން ދެމީހުން ހިއްސާކުރި އެވެ. 

"ކިޔަވަން ފުރަން އޮތް ދުވަހު މަންމަ މާމައަށް ނުގުޅިނަމަ، މިހަގީގަތް މަންމައަށް ނޭގުނީސް.. އެދުވަހު ކިތަންމެ ހިނިތުންވެފައި މަންމަ ހުއްޓަސް، މަންމަގެ ހިތުގައި އަޅަމުންދާނެ ވޭން ހިތައް ގެންނާކަށްވެސް މިއަދު ބޭނުމެއް ނޫން.." ބބެދިފައިވާ އަޑަކުން އަޔާން ބުންޏެވެ.

"މަންމައަށް ހީކުރެވުނީ އެފަދަ ބޮޑު އުފަލެއްގައި މާމަވެސް ބައިވެރިވާން ބޭނުންވާނެކަމަށް.. އަދި މާމަ ދަރިފުޅަށްޓަކައި އުފާކުރާނެކަމަށް.. ފުރައްސާރައާއި މަލާމާތާއި ރަހުމުކުޑަ ހަޑިހުތުރު ބަސްތަކުން މަންމައަށް އިތުރު ވޭންތތަކެއް ދޭން މާމައަށް ކެރުނީތީވެސް ހައިރާންވަން.." އަޔާންގެ ވާހަކަ ފުރިހަމަކޮށްލީ އަމީރާ އެވެ.

"މި ބިރުވެރި ހުވަފެން އަހަރެންގެ ހަޔާތުން ދުވަހަކުވެސް ދުރައްނުދާނެ.." ގޮތް ހުސްވެފައި އަޔާން ބބުނެލި އެވެ.

"އެކަމަށް ވަގުތު ނަގާނެ ބޭބީ..! މި ސަފްހާތަކުގައި މިހުރީ އަޔާން ވަރަށް ބޮޑަށް ތަފްސީލް އެނގެން ބޭނުންވި ވާހަކަތަކެއް..! ދެން ދަސްކުރަންޖެހޭނީ މި ހަގީގަތުގެ މަތީގައި ދިރިއުޅުން އާރާސްތުކުރަން..! އަޔާން ނިންމާ ކޮންމެ ނިންމުމަކަށް އަހަރެން އިހްތިރާމްކުރާނަން.. ޗުއްޓީގައި ކުރިއަށް އޮތީ ހަފްތާއެއް.." އަމީރާ ވާހަކަދެއްކީ އަޔާންއަށް ވިސްނައިދިނުމަށެވެ.

"ލަންޑަންއަށް ދިއުމުގެކުރީން އަމީރާގެ އާއިލާއާއެކު މާލޭގައި ދުވަސްކޮޅެއް ހޭދަކޮށްލުން ވަރަށް މުހިއްމު.. ކުރިއަށް މި އޮތް ހަފްތާގައި މި ރަށުގައި ހުރުން މުހިއްމެއް ނޫން.. މި ރަށުގައި ނޫޅުނަސް، ކްލިނިކްގެ ކަންތައްތައް ވަރަށް ގާތުން ބަލާނަން.. އަންކަލް އަދި ބޮޑުދައިތައަށް އަހަރުމެންގެ ނިންމުން ބުނެދޭންވީ ވަގުތު މިއީ.." އަމީރާގެ އަތުގައި ހިފައިގެން އަޔާން ނިކުތީ ކޮޓަރީން ބޭރަށެވެ.

ގޭތެރެއިން ނިކުމެވުމާއެކު އަމީރާ ބަލައިލީ ގަސްތަކަށް އެޅިފައިވާ ހިތްގައިމު ހަނދުވަރުގެ އަލިކަމަށެވެ. ހިތުގެ ނުތަނަވަސްކަން ލުއިވެގެންދިޔައީ ފޮޅިފައިވާ ކުލަކުލައިގެ މާތަކުން ތާޒާ މީރުވަސް ގޯތިތެރޭގައި ހިފާލާފައިވާތީ އެވެ. އިހްތިޔަރަކާއި ނުލައި ހިނިތުންވެވުނީ ހިތަށް ލުއިކަމެއް އިހްސާސްވުމުންނެވެ.

އަޔާންގެ އަތުގައި ހިފައިގެން އަމީރާ އިށީނީ ބަނބުކެޔޮ ގަހުގައި އެލުވާފައިވާ ބޮޑު އުނދޯލީގަ އެވެ. އިރުކޮޅަކަށްފަހު ތެދުވެގެން ދެމީހުން ނިކުތީ އަތުގުޅުވާލައިގެންނެވެ. 

 މުންޝިރްއާއި އައިޝާ ދިމާވީ ފިހާރައިންނެވެ. އަޔާން ފެނުމާއެކު ދެމީހުންވެސް ނިކުތީ ބޭރަށެވެ. ހަތަރު މީހުން އެކުގައި ހިނގާލާފައި ނިކުތީ އަތިރިމަތީގައި އޮންނަ ބޮޑު ދޮންވެލި ތުނޑިއަށެވެ.

...................

އުޑުމަތި ސާފު ވިލާ މަދު ރެކެވެ. ދުރުދުރުން ފެށިގެން ފެންނަނީ ގުދުރަތީ ހިތްގައިމުކަމެވެ. ތޭރަވިލޭގެ ހަނދު ދުނިޔެއަށް އަލިކޮށްދެނީ އުފާވެރިކަމެއްގެ ގޮތުގަ އެވެ. ރިހިކުލައިގެ ތަރިތައް ލަދުން އިސްޖަހާލާފަދަ ފުރިހަމަކަމެއް ކާއިނާތުގައި މިރޭ ވެ އެވެ. ތުނޑިމަތީގައި އެކުވެފައިވަނީ އާދަޔާހިލާފް ހިތްގައިމުކަމެކެވެ. ދުރުން ފެންނަ ގަސްތަކަށް އެޅިފައިވަނީ ރިހި ހަނދުވަރުގެ ނަލަ އަލިކަމެވެ. އަޔާން ލޯ މަރައިލަމުން އަމީރާގެ އަތްގެނެސް އަތުތެރޭގައި ބޮނޑިކޮށްލި އެވެ. އަދި ލޯތްބާއެކު އެ އަތުގައި ބޮސްދިނެވެ.

މުންޝިރުގެ ލޮލުން އިޝާރާތްކޮށްލީ ވާހަކަ ކުރިއަށްގެންދިއުމަށެވެ. ވަރަށް ހިތްވަރުކޮށްފައި މަޑުމަޑުން އައިސް އަޔާން ހިފައިލީ އައިޝާގެ އަތުގަ އެވެ. 

"ބޮޑުދައިތާ.. އަންކަލްއާއި ބޮޑުދައިތަގެ ބަލަދުވެރިކަމާއި އަޅުގަނޑު ހަވާލުވުމަށް މަންމަ ވަސިއްޔަތްކޮށްފައި އެބައޮތް.. އެކަން ކުރާނަން އިން ޝާ ﷲ.. އެކަމަކު... " އަޔާން އިސްޖަހައިލަމުން ވާހަކަ މެދުކަނޑައިލި އެވެ. 

އަޔާންއާއި ގާތަށް ޖެހިލާފައި އަޔާންގެ ބުރަކަށީގައި އަމީރާ ފިރުމާލި އެވެ. އެއް އަތުން އަމީރާގެ އަތުގައި އަނެއް އަތުން އައިޝާގެ އަތުގައި އަޔާން ހިފަހައްޓާލި އެވެ. ފަހަރަކު މީހަކަށް ބަލައިލަމުން ހިންދިރުވާލި އެވެ. 

"އަމީރާގެ މަންމައާއި ބައްޕަ ބޭނުންވަނީ އަންނަ ޖެނުއަރީގެ ފުރަތަމަ ހަފްތާގައި އަހަރުމެންގެ ކައިވވެނި ހަމަޖައްސަން.. ދިރިއުޅޭނެ ތަނެއް އިހްތިޔާރުކުރަން އޮތީ އަހަރުމެންނަށް ދޫކޮށްލާފައި.. އަހަރުމެން ދެމީހުން މި ވިސްނަނީ ޒިއުރިކްގައި ދިރިއުޅުން އާރާސްތުކުރަން.. ޖެނުއަރީގެ ނިޔަލަށް ވަޒީފާވެސް ޒިއުރިކްއަށް ބަދަލުކުރެވޭނެ.. މިއީ ބޮޑުދައިތަ އެއްބަސްވާނެ ނިންމުމެއް ނޫންކަންވެސް އިނގޭ.. އެކަމަކު ބޮޑުދައިތާ..! އަމީރާއާއި ދޭތެރޭގައި ވިސްނާލަބަލަ..! އަމީރާގެ ނަމުގައި އެ އާއިލާއިން ހުރިހައި ވިޔަފާރިއެއް އެ އާރާސްތުކުރަނީ ޒިއުރިކްގައި.. އެހެންވީމަ އެކަމަށް އިހްތިރާމްކުރަން އަޔާން ބޭނުން.." އަމީރާއަށް ބަލައިލަމުން އަޔާން ބުނެލީ ލޯތްބާއެކު އެވެ.

"އަދި މިރޭ މިވަގުތު، ފެންނަން އިން ހަނދު ހެކިކޮށް މިވައުދުވަނީ، އިން ޝާ ﷲ އަހަރަކު ދެފަހަރު އަންކަލް އާއި ބޮޑުދައިތަ އަހަރުމެންގެ ކައިރިއަށް ގެންދާނަން.. މިއަށް ބަދަލުގެނެވޭނެ އަންކަލްއާއި ބޮޑުދައިތަ ބޭނުންވެއްޖެ ކޮންމެ ހިދެއްގައި.. ކޮންމެ މަހަކު ދެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާނަން.. ފިހާރައާއި ކްލިނިކް އަދި މުސްތަގްބަލްގައި 'އަޔާންޒީ ކެންސަރ ހޮސްޕިޓަލްގެ' ހުރިހާ ފައިދާއަކީ އަންކަލްއާއި ބޮޑުދައިތަގެ ހައްގެއް.. މަސައްކަތުން ހުސްކޮންމެ ވަގުތަކު އަޅުގަނޑާއި ފޯނުންގުޅޭނެ.. އަޔާންގެ ބެލެނިވެރިންނަކީ ތިއީ.. ދެން މާދަމާ ހެނދުނު މާލެއަށް ދާން ފުރަން ނިންމައިފިން.." ވަރަށް އަދަބުވެރިކަމާއިއެކު އަޔާން ވާހަކަދެއްކީ ލަސްލަހުންނެވެ. ކެތްތެރިކަމާއެކު އަޔާންގެ އަޑުއަހަން ހުރި އައިޝާގެ ކަރުނަ ފޮހެލައިދިނީ އަމީރާ އެވެ. 

"އަންކަލްގެ ބަހެސްވެސް ތީގައި ހިމަނާލަންވާނެދޯ.." މުންޝިރުގެ އަޑަށް އެންމެން ބަލައިލި އެވެ. އާއެކޭބުނުމަށް އަޔާން ބޮލުން އިޝާރާތްކޮށްލި އެވެ.

"ފިހާރައަކީ މަންމަގެ އުފެއްދުމެއް... ކްލިނިކްއަކީ މަންމަގެ ރަމްޒެއް.. އެތަން ހޮސްޕިޓަލަށް ބަދަލުކުރިއަސް އެކަމަށް ބަދަލެއް ނާންނާނެ.. އެހެންވީމައި އެ ދެތަނުން ލިބޭ ފައިދާ މީގެކުރިންވެސް ބައި އެޅިގޮތަށް ދެންވެސް ޖެހޭނީ ބައި އަޅަން.. އެނޫން ގޮތަކަށް އަންކަލްއަށް އެއްބަހެއް ނުވެވޭނެ.. އޭރު މަންމަގެ ހައްގަކީ، މިއަދު އަޔާންގެ ހައްގެއް..!" މުންޝިރުގެ ނިންމުމަށް އަޔާން ދެކޮޅު ނުހަދާނެކަން މުންޝިރާއި އައިޝާއަށްވެސް ޔަގީނެވެ. އެއްބަސްވުމަށް އަޔާން ބޮލުން އިޝާރާތްކޮށްލި އެވެ.

"ބޮޑުދައިތަ ދެރަނުވައްޗޭ... ދުވަހަކުވެސް އަޔާންގެ އާއިލާއާއި އަޔާން ދުރުނުކުރާނަން.. ބައްޕަ ބޭނުންވަނީ މާލޭގައި ބޮޑުދައިތަމެން ދިރިއުޅެން... އެކަމަކު މިރަށުގައި ވިޔަފާރިއާއި ކްލިނިކްވެސް ހުރުމާއެކު، މިވަގުތަށް އެވާހަކަ ދެއްކުން ބައްޕަ މަޑުޖައްސާލީ.. އަދި އެކަން ބޮޑުދައިތަގެ އިހްތިޔާރަށް ދޫކޮށްލަން ބައްޕައާއި މަންމަ ބޭނުންވަނީ.." ވަރަށް ލޯތްބާއެކު އަމީރާ ބުންޏެވެ.

"ކިތަންމެ ދުރުގައިތިއްބަސް، މިގުޅުން ދުރެއް ނުވާނެ.. ލޯބިވާ މައިންބަފައިންނާއި ދަރިންގެ ގުޅުމަކކީ ދުވަހަކުވެސް ހީނަރުވާނެ އެއްޗެއް ނޫން.." އަޔާންގެ އަތުގެ ތެރޭގައި އައިޝާ ބޮޑިކޮށްލި އެވެ. ފެންކަޅިވެފައި ހުރި އަމީރާ މުންޝިރުގެ އަތުރެތެރޭގައި ބޮނޑިކޮށްލި އެވެ. 

"ދަރިފުޅުމެންގެ ނިންމުމަށް އަންކަލްއާއި ބޮޑުދައިތަ އެއްބަސް.. ދަރިފުޅުމެން ބޭނުން ގޮތަކަށް ދިރިއުޅުމުގެ ކަންކަން ރާވަންވީ.." މުންޝިރު ބުންޏެވެ. ނަމަވެސް އަޑުގައި ހުރި ރިހުން ސިއްރެއްނުވި އެވެ. ހަމައެވަގުތު ދެބުމަ ގާތްކޮށްލާފައި އައިޝާ ބަލައިލިބަލައިލުމުން މުންޝިރު އިސްޖަހައިލި އެވެ. އަޔާންއާއި އަމީރާއަށް ހިނިތުންވެވުނީ އިހްތިޔާރަކާއި ނުލަ އެވެ. ނުރައްކަލުގެ ދިދަ ހެލިލީކަން އެގުނެވެ.  

"އަލީޒީގެ ވަކިވުމަކީ ހިތުގެ އެއްފަޅި ހަށިގަނޑާއި ވަކިވެދިޔުން...! އަޔާން އަހަރުމެންނާއި ވަކިވެގެން އެހައި ދުރަށްދާން ބޮޑުދައިތަ އެއްބަހެއް ނޫން.. އެކަމަކު އަޔާނގެ ނިންމުން ބަދަލުކުރާކަށްވެސް ނުބުނާނަން..؟ މަންމަގެ ވަކިވުން ދުވަހަކުވެސް ބޮޑުދައިތަގެ ހަޔާތުން ފަނޑުނުވާނެ.. ދަރިފުޅާއި ނުލައި އުޅޭނީ ކިހިނެއް..؟" އައިޝާގެ އުފާވެރިކަން މުޅިން ގެއްލިއްޖެ އެވެ.

"ބޮޑުދައިތާ... ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ..؟ ބޮޑުދައިތަ ދޫކޮށްލާފަ ދާކަށް ނޫނޭ މިއުޅެނީ.. ބޮޑުދައިތައަށް މަތިންބޯޓްގައި ގިނަގިނައިން ދަތުރުކުރެވޭނެ ގޮތް ހަދައިދޭން މިއުޅެނީ.. މަޑުކެހެރި ހެދުންލައިގެން ސްނޯއާއިކުޅެން އިނދެވޭނީވެސް ގިނަގިނައިން ލަންޑަން ނޫނީ ޒިއުރިކްއަށް އަހަރެން ގާތަށް އައީމާދޯ.." މަޖާކޮށްލުމަށް އަޔާން ބޭނުންކުރި އުކުޅު މުންޝިރަށް ވަރަށް ކަމުދިޔަ އެވެ. ހިފެހެއްޓުމެއް ނެތި މުންޝިރުގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

"ބޮޑުދައިތަ ސްނޯބޯލް ހަދަން ބައިންދާފައި އަންކަލް ދާނީ ދޮންކުދިން ހޯދަން.. ދޯ އަންކަލް.." އަޔާނންގެ ޖުމުލައާއެކު މުންޝިރާއި އަމީރާ ނުހަނު ބާރަށް ހޭންފެށި އެވެ. 

"ރަގަޅަށް ދޮންކުދިން ހޯދަން ފޮނުވާލަދޭނަމޭ.. ހުރެބަލަ.."

އެވަގުތު އައިޝާގެ އަތަށް ތެތްވެލި ގުޅައެއް ނަގާފައި މުންޝިރާއި ދިމާއަށް އެއްލި އެވެ. އަޔާންއާއި އަމީރާގެ އަނގަމަތީގައި އަތްއެޅީ ހިނިގަނޑު މައިތިރިކުރާށެވެ. ހަމައެވަގުތު އަޔާންގެ އަރިމަތީގައި ބާރަށް އައިސްޖެހުނީ ތެތްވެލިގުޅައެކެވެ. ހައިރާން ކަމާއެކު ބަލައިލެވުނީ އުނަގަނޑުގެ ދެފަރާތުގައި އަތް ވިއްދާލައިގެން ހުރި އައިޝާއަށެވެ. 

"އަންކަލްއަށް ދޮން ކުއްޖަކު ހޯދައިދިނުމާއި، ބޮޑުދައިތަ ދޫކޮށްފައި ދާން ނިންމުމުގެ ނަތީޖާ ތިފެންނަނީ.." އެއާއެކު އެކަކު އަނެކެއްގެ ފަހަތުން ތެތްވެލި އުކަމުން ދުއްވައިގަތީ މުޅި ތުނޑީގައި ހިނިތުންވުމުގެ އަޑު ގުގުމާލަމުންނެވެ.

-ނިމުނީ-

ޝައުގުވެރިކަމާއެކު ވާހަކައަށް އިންތިޒާރުކުރެއްވީތީ ޝުކުރިއްޔާ! ފުނަމާ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް