ads
އާޓްވޯކް: ރަޒީން / ސީއެންއެމް
ވައުދު ނުފުއްދާ މަގާމުގައި ދެމި ނުހުރެވޭނެ ގޮތެއް ހޯދަން މަޖުބޫރު!؟
ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް އަދި ސިޔާސީ ޕާޓީތަކުން ވެސް ކުރިއަރުވާ އަދި ރައްކާތެރިކުރީ ބޮޑެތި ފައިސާވެރިންނެވެ. އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން އިތުރަށް ކުރިއަރުވާފައިވަނީ ކަނާތު ފިޔައިގެ ސިޔާސަތުތައް އިސްކޮށްގެނެވެ. ދުނިޔޭގެ އޮއިވަރާ އެއްގޮތަށް މިމަގުން މިކަން ހިގިޔަސް ދުނިޔޭގެ ސިޔާސީ ޗާޓު ބަލާއިރު، ދިވެހިރާއްޖެ އަކީ ވެސް ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކާއި އެއް ހަމައެއްގައި "ސިޔާސީ ހަރަކާތުގައި" ފައިހަމަކޮށްފައިވާ ގައުމެކެވެ.
Advertisement

އެގޮތުން ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުވައި ސިޔާސީ ކުޅިވަރަކީ ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުމެކެވެ. އަދި ހަމަ އެބީދައިން ރައްޔިތުންނަށް ދޮގު ވައުދުތަކާއި ހުވާތައް ވިއްކައިގެން ސިޔާސީގޮތުން ބޭނުންވާ ލަނޑުދަނޑިތަކެއް ހާސިލްކޮށް މަންފާތައް ހޯދައި މަގާމުތަކަށް ވެރިވެގަތުމެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮންނަ އުސޫލުން، ރާއްޖޭގައިވެސް ސިޔާސީ ކުޅިގަނޑު ކުޅެމުން އަންނަނީ މި ބުނިގޮތުގެ މަތިންނެވެ. ކޮންމެ އިންތިހާބެއްގައިވެސް ސިޔާސީ ޕޯޑިއަމްތަކާއި އެހެނިހެން ތަންތާގައި ކޮށްދޭނެ ކަަމަށް ބުނެ އެތަކެއް ވައުދުތަކާއި އަހުދުތަކެއް ސިޔާސީވެރިން ވަމުން އާދެ އެވެ.

އެހެން ނަމަވެސް އިންތިހާބު ނިމި، އެމީހުން ބޭނުންވާ މަގުސަދުތައް ހާސިލް ވުމަށް ފަހު، ކުރިން ވީ ވައުދާއި އަހުދުތައް ވެގެން ދަނީ ބިލާހަކަށެވެ. މިއީ ވަރަށް އާންމުކޮށް ސިޔާސީ ބޮޑުންގެ ފަރާތުން ފެންނަމުން އަންނަ ހަގީގަތަކަށް ވަނީ ވެފަ އެވެ.

މިފަދަ މައްސަލަތައް ރާއްޖޭގައި ބޮޑުވަމުން ގޮސް މިހާރު ޓްރެންޑަކަށް މިކަން ވެފައިވާއިރު، އެފަދަ ފަރާތްތަކަށް ރައްޔިތުންގެ އިތުބާރާއި ލޯބި މިވަނީ ގެއްލިފަ އެވެ. ސިޔާސީގޮތުން މަގާމުތައް ހޯދުމަށް ނުވަތަ ސިޔާސީ ގޮތުން އެފަދަ ބޭފުޅުން ބޭނުންވާ މަގުސަދުތައް ހާސިލް ކުރަމުން އަންނައިރު، ރައްޔިތުންނަށް ވާ ވައުދުތަކާއި އަހުދުތައް ބޮލާލާ ޖަހައި މަގާމުގެ ފޮނިމީރުކަން ހާސިލް ކުރަމުން ގެންދާއިރު، މިއީ ރައްޔިތުންނަށް ކުރާ އިހުތިރާމް ބޮލާލާޖެހުމެވެ.

ރައްޔިތުންނަށް ވާ ވައުދުތަކާއި އަހުދުތަކަށްް އިހުތިރާމް ނުކުރާ ބޭފުޅުން ގައުމުގެ އެކިއެކި މަގާމުތަކާއި ހަވާލުވެ ތިބުމަކީ ގައުމުގެ ސަލާމަތާއި ހަމަޖެހުން ގެއްލިގެން ހިނގައިދާނޭ ކަމެކެވެ. ކަންވެފައި އޮތީވެސް އެހެންނެވެ.

ކެމްޕޭން ތެރޭގައި ނުވަތަ މިގޮތައް ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ފެރިން ދައްކާ މިފަދަ ވާހަކައަށް މި ކިޔައި އުޅެނީ ސޯޝަލް ކޮންޓްރެކްޓެވެ. ސޯޝަލް ކޮންޓްރެކްޓަށް ނުވަތަ މި ބޮޑު މައްސަލައަށް ހައްލެއް މިހާތަނަށް ހޯދިފައި ނުވާއިރު، މިކަމަށް ވަކި ގާނޫނެއްް ވުޖޫދުކޮށްގެން މިކަމުގެ ހައްލު ލިބިދާނެ ކަމަށް ގަބޫލުކުރެވޭބާވަ އެވެ.

ގައުމުގެ ވެރިޔަކަށް ގެންނަ މީހާ އިންތިިހާބުކުރުމަށާއި މަގާމާއި ހަވާލުވުމަށް ވެސް ވަކި ގާނޫނުތަކެއް ހެދި، އެ ގާނޫންތައް ތަންފީޒުކުރާ ފަދައިން ދޮގު ހުވަޔާ ވަދުތައް ވެ، ބަހާއި އަމަލާއި ދިމާނުވާ ވެރިން މަގާމުން ދުރުކުރުމަށްވެސް ގާނޫނެއް ހެދިފައި އޮންނަ އެބަޖެހެ އެވެ. ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައި ބަހާއި އަމަލު ދިމާނުވާކަން ސާބިތުވެއްޖެނަމަ އެފަދަ ވެރިޔަކު މަގާމުން ދުރުކުރެވޭނެ ގޮތެއް ވެސް އޮންނަން ވެރިކަމުގެ ނިޒާމުގެ ތެރޭގައި އޮންނަ އެބަޖެހެ އެވެ. 

ދޮގުހުވާތަކާއި ވައުދުތައް ވެގެން ވެރިކަމަށް އަންނަ ވެރިޔެއްގެ ސަބަބުން ރައްޔިތުންނަށާއި މުޅި މުޖުތަމައުއަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކޮށް އެތަކެއް ގެއްލުންތަކެއް ރައްޔިތުންނަށް ވަމުން އަންނައިރު، މިކަން މިގޮތަށްވާން ދޫކޮށްލައިގެން އަތް އުރާލައިގެން ބަލަން ހަމަތިބެންވީ ތޯއެވެ.؟

ތަހުޒީބު މުޖުތަމައުއަކަށް ސޯޝަލް ކޮންޓްރެކްޓް ގާނޫނެއްގެ މުހިންމުކަން ބޮޑުވަނީ މިހެންވެ އެވެ. ތަހުޒީބު މުޖުތަމައުއެއް ބިނާކުރެވޭނީ އެކަމަށް ހަރުދަނާ ގާނޫންތަކެއްވެސް ހަދައިގެންކަމަށް ވާތީ އެވެ. އެ ގާނޫންތަކަށް އަމަލުކޮށް ތަންފީޒުވެސް ކޮށްގެންނެވެ. ވެރިކަމަށް އަންނަ ވެރިޔާ އިންތިހާބާއި ދިމާކޮށް ރައްޔިތުންނަށް ވާ ވައުދާއި އަހުދުތައް، ނުވަތަ ކޮށްދޭނެކަމަށް ބުނާ ކަންކަން ނުކޮށްދީ، މަގާމުގައި ދެމިނުހުރެވޭނޭ ގޮތަށް ސޯޝަލް ކޮންޓްރެކްް ގާނޫނެއް ހަދައި އެއަށް އަމަލުކުރުން މުހިންމުވެ އެވެ. 

މިފަދަ ގާނޫނެއް ހަދައި މިކަން ގާނޫނީ ނިޒާމުގައި ވެސް އަދި ގާނޫނު އަސާސީގައިވެސް ހިމަނާ އެއަށް އަމަލުކުރަން އެބަޖެހެ އެވެ. ކޮންމެ ގޮތަކުންވިޔަސް މިއީ ހައްލު ނުހޯދައި ދޫކޮށްލައިގެން ތިބެވޭނޭކަމެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން އެބަޖެހެ އެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނޭ ހަގީގަތެކެވެ.

"ސޯޝަލް ކޮންޓްރެކްޓް" ގާނޫނެއްގެ ބަހުސަށް ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު " ސީއެންއެމް" އަށް ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރަން ރާއްޖޭގައި ވަރަށް ގިނަ ގާނޫންތަކެއް މިހާރުވެސް ހެދިފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގައި ކަންކަން ހައްލުނުވެގެން އުޅެނީ ގާނޫނުގެ މައްސަލަައަކުން ނޫންކަަމަށެވެ.

އުމަރު ވިދާޅުވީ ދޮގުހުވާތައް ކޮށްގެން ވެރިކަމަށް އަންނަ ވެރިމީހާ އަޒުލުކުރުމަށް އިތުރު ގާނޫނެއް ހަދަން ނުޖެހޭ ކަމަށާއި މިހާރު ހުރި ގާނޫނު ތަކުންވެސް އެކަން ހާސިލްވާން އެބައޮތްކަމަށެވެ. ނަމަވެސް އެކަން ހައްލުނުވެގެން އުޅެނީ ހެދިފައި ހުރި ގާނޫނުތައް އެންފޯސް ނުކުރާތީ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ކަަމަށްވެސް ވަކި ގާނޫނެއް ހެދިފދައި އެބައޮތް ކަަމަށާއި ނަމަވެސް އެ ގާނުނުތަކުގެ ބޭނުން ނުހިފޭކަމަށެވެ.

އުމަރު ވިދާޅުވީ ދޮގުހެދުމަށް ވެސް ގާނޫނެއް ހަދައި އެކަން މަނާވެސް ކުރެވިދާނެކަމަށާއި ނަމަވެސް އެ ހެދޭ ގާނޫނެއްވެސް އޮންނާނީ ހަަމަ އޮތްތަނުގައި ކަމަށެވެ. އަދި އެގާނޫނަކުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނޭކަަމަށާއި ސަބަބަކީ މި ގައުމުގެ ޕޮލިޓީޝަނުންނަކީ "ވެލިއުއެއް" ނެތް ބަޔަކަށް ވުންކަމަށެވެ.

"ރާއްޖޭގެ 25 ޕަސެންޓު ސިޔާސީ މީހުން ނޫނިއްޔާ އަނެއް 75 ޕަސެންޓު މީހުންނަކީ އެއްވެސް އަގެއް ނެތްބައެއް" އުމަރު ވިދާޅުވީ އެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު "ސީއެންއެމް" އަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަން މިހާރު މި އޮތްގޮތުން ސޯޝަލް ކޮންޓްރެކްޓް ގާނޫނަކުން މިކަން ހުއްޓުވިދާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެނީ އަނެއްކާވެސް ތަންފީޒުނުކުރެވޭ ގާނޫނެއް ހެދީމަ ގާނޫނީ އޮނިގަނޑު ވާނީ ބަލިކަށިކަމަށެވެ.

އާޒިމާ ވިދާޅުވީ މިހާރުވެސް އޮންނަނީ ގާނޫނާއި ގަވައިދު މުހިންމު ނުވުމުގެ ސަގާފަތެއް ކަމަށާއި ކަންކަން ރަނގަޅުނުވުމުގެ އަސްލަކީ ސޯޝަލް އޯޑަރ ބްރޭކްވުންކަމަށެވެ. 

"ހަގީގަތަކީ މިއީ، މިކަން ދިރާސާ ކުރާ ބޭފުޅުންނަށް އެނގިލައްވާނެ މިކަން މިގޮތަށް މި ދިމާވަނީ ސޯޝަލް އޯޑަރ ބްރޭވެގެންކަން. މި ދަންނަވާ ސޯޝަލް އޯޑަރ އޮންނާނެ ކޮންމެ މުޖުތަމައުއެއްގަވެސް. ސޯޝަލް އޯޑަގައި ހުންނާނެ، ކާކު، ކޮންކަމެއް، ކޮންއިރަކު، ކޮންގޮތަކަށް، އޭގެތެރޭގަ ގާނޫނުތައްވެސް މި ހިމެނެނީ. އެހެންވީމަ ސޯޝަލް ކޮންޓްރެކްޓާ ބެހޭ ގާނޫނެއް އެކުލެވުމަކުންނެއް ސޯޝަލް އޯޑަރ ގެނެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން." އާޒިމާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ކަމުގެ ތަރުރިބާކާރެއް ވެސް ވަނީ އެ ބޭފުޅާގެ ސުއޫރު މިކަމުގައި ހާމަކުރެއްވާފަ އެވެ. ވިދާޅުވީ މިކަމުގައި ޒިންމާނަގައިގެން ތިބޭ މުއައްސަސާތަކެއް އެބައޮތްކަމަށާއި އެންޓިކޮރަޕްޝަން ކޮމިޝަން އާއި ހިއުމަންރައިޓްސް ކޮމިޝަން ފަދަ ތަންތަން އެބަހުރިކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައަކީ އެ މުއައްސަސާތަކުން ނަގަންޖެހޭ ޒިންމާތައް ނުނެގުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ހުރިހާ މުއައްސަސާއެއްގަ ވެސް މި އޮންނަނީ އެމީހުންގެ ބޮޑުން ކަޓުވާލުމުގެ ބައި. އަނެއްކަމަކީ މަދަނީ މުޖުތަމައުއަށް މާބޮޑު ފުރުސަތެއް ނެތް. މީޑިއާ ތަކަކީ ޖުމުލަގޮތެއްގައި މިނިވަން މީޑިއާތަކެއް ނޫން. ސޯޝަލް ކޮންޓްރެކް ގާނޫނެއް ވެސް އަދި އެހެނިހެން ގާނޫނެއްވެސް އޮވެގެން ކަމެއް ހައްލުވާނެ ކަމަށް ގަބޫލެއް ނުކުރަން."

އިންތިހާބުތަކުގައި ވާ ދޮގުވަދުތަކާއި އަހުދުތައް މިހާރު ސަގާފަތަކަށް ވެފައި ވާއިރު، މި ސަގާފަތް ފެށިގެން މި އަންނަނީ މުއްސަނދިކަމާއި ނަސަބުން ނާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލިސްގެ ތެރެއިންނެވެ. އުފެދޭ ސުވާލަކީ ރާއްޖޭގައި މި އޮތް ސަގާފަތް ބަދަލުކުރަން ސަރުކާރުތަކުން ނުވަތަ ސީޔާސީ ޕާޓީތަކުން ކުރަނީ ކޮންކަމެއްތޯ؟

ގިނަފަހަރަށް ގައުމުގެ ކަންކަން ގޯސްވާއިރު، ގޯސްއެވަނީ އެ އޮންނަ ބާރުގަ ތިބޭ މީހުން އުފަންކުރާ "ފިތުނަވެރި ވާހަކަ" ތަކާއި ސިއްރުންވާ އެއްބަސްވުންތަކުން އުފަންކުރާ ބާރުތަކެއްގެ ސަބަބުން ނުވަތަ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ނު ރަނގަޅު އާދަކާދައެއްގެ ސަބަބުންނެވެ.

ދުރާލާ ސިޔާސީ ގޮތުން "ސިޔާސަ" ދޮގުވެރިން ނުހުއްޓުވިއްޖެ ނަމަ ދީނީ މަގުސަދެއް އޮވެގެން އުފަން ކުރާ ނުރަގަޅު ހަރަކާތެއް ހިންގުމަށް ވުރެ ސިޔާސީ ބޭނުމެއްގައި އަދިރި ދައުލަތް ތަކުން އުފަން ކޮށްފާނެ އިތުރު "މޭ ހައެއް" ތަކުރާރު ވުމަށް އޮތް ފުރުސަތު ވަކި ކުޑަ ނޫން ކަމަށް "މިނިވަން ރިފޯމިސްޓުން" އަންނަނީ ވިދާޅުވަމުންނެވެ.

އެކަމަށް ބާރު ދެނީ ސިޔާސީ ބޭނުމެއްގައި، ސިޔާސީ ގޮތުން ހައްދުފަހަނައަޅާ ދިއުން މިއަދު ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމުގެ މައްޗަށް ގަދަވެގަތުމެވެ. 

މިކަންކަން ސަރުކާރުން ކަނޑައަޅާ ސިޔާސަތުން ހުއްޓުވޭނެ މަގެއް މިއަދު ރާއްޖެއަށް ވަނީ ބޭނުން ވެފަ އެވެ. އެއީ ސޯޝަލް ކޮންޓްރެކްޓް ގާނޫނަކުން ވިޔަސް މެއެވެ. އަދި ގާނޫނަކުން އެކަން ހާސިލު ނުވާ ނަމަ ގާނޫނު އަސާސީގައި ލިޔެގެން އެ ފަދަ ދޮގުވެރިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރަން ޖެހެ އެވެ. 

އެ ބާވަތުގެ ކަމެއް ދިމާވެއްޖެ ނަމަ އެކަން ބަލައި ފިޔަވަޅު އެޅުމުގައި ނަތީޖާ އަކަށް ވާނީ ދިވެހި ސިޔާސީ ވެށިން ފެންނަ ދޮގުވެރިންގެ ކެހިތަކުން ދިވެހިން މިންޖު ވުމެވެ. ރައްޔިތުންނަށް އަޅާލުމާއި ލޯބި އިސްކޮށް، ބަދަލު ހިފުމާއި، ހަސަދަ އަދި ނަފްރަތުން އެއްކިބާވެފައިވާ ސަރުކާރެއް އުފަން ވުމެވެ. އަދި ވައުދު ނުފުއްދާވެރިންނަށް އޮތް ފުރުސަތު އަބަދަށް ބަންދު ވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް