ads
ރޮނާލްޑޯއާއި ބެކަމް
ރޮނާލްޑޯއާއި ބެކަމްގެ އަސަރުގަދަ ވީޑިއޯ ކޯލް
ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯއާއި ޑޭވިޑް ބެކަމްއާ ދެމެދު އިންސްޓަގްރާމް ލައިވްގައި ކުރެވުނު އަސަރު ގަދަ ވީޑިއޯ ކޯލަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ރޮނާލްޑޯ ކުރި މި ލައިވް ވީޑިއޯ ކޯލްގައި ދެ ކުޅުންތެރިންގެ އިތުރުން ރިއާލް މެޑްރިޑުގައި ރޮނާލްޑޯއާއެކު ކުޅުނު ރޮބާޓޯ ކާލޮސް އަދި ލުއިސް ފީގޯއާ ކަސިއާސް ވެސް ބައިވެރިވި އެވެ. އެހެންނަމަވެސް މީގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޑޭވިޑް ބެކަމްއާ ރޮނާލްޑޯގެ ކޯލަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ، ވޯލްޑްކަޕް ވެސް ހޯދާފައިވާ ރޮނާލްޑޯއަށް ބެކަމް ފެނުމާއެކު އެންމެ ފުރަތަމަ ވެސް އުފަލާ އެކު ހިނިތުންވެ ގާތް އެކުވެރިޔާއޭ ކިޔާ ގޮވާލަ އެވެ. އެއާ އެކު ބެކަމްވެސް ހިނިތުންވެ ހުރެ އެންމެ ފުރަތަމަވެސް ރޮނާލްޑޯގެ އިނގިރޭސިން ވާހަކަ ދެއްކުން މިހާރު ކިހިނެތްތޯ ސުވާލު ކުރެ އެވެ. އަދި ޖަވާބުގައި އިނގިރޭސި ބަހުން ރޮނާލްޑޯ އޭނާގެ އިނގިރޭސި ވަރަށް ދަށްވާނެ ކަމަށް ބުނުމުން އެކަމަށް ދެބަސްވެ ބެކަމް ބުނަނީ ރޮނާލްޑޯގެ އިނގިރޭސި ހަމަ އެންމެ ރަނގަޅު ކަމަށެވެ. އިނގިރޭސި ބަހުން ދެ މީހުންވެސް މުއާމަލާތް ކުރި މި ކޯލް ގާތްގަނޑަކަށް ސާދަ މިނިޓަށް ދިގު ދެމިގެން ދިޔައިރު އެތައް މިލިއަން ބަޔަކުވަނީ މި ވީޑިއޯ ބަލާ، އަދި ސޯޝަލް މީޑިގާއި ވީޑިއޯ ޝެއާކޮށްފަ އެވެ. ވީޑިއޯ ޝެއާކުރި ބައެއް މީހުން ބުނި ގޮތުގައި މިއީ މިހާތަނަށް ފެންނާނެ އެންމެ އުފާވެރި ވީޑިއޯ ކޯލެވެ. އަދި ބަލިމަޑުކަމެއްގެ ތެރޭގައި އެންމެން ގޭގައި ތާށިވެފައި ތިބޭއިރު ބަލާލަން މިއަށްވުރެ ވަކި އިތުރު ހިތްހަމަ ޖެހޭނެ އުފާވެރި ވީޑިއޯއެއް ނުލިބޭނެ ކަމަށް ބައެއް މީހުން ކޮމެންޓްކޮށްފައި ހުއްޓެވެ.

ވީޑިއޯ ކޯލުގައި ރޮނާލްޑޯއާއި ބެކަމް މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ދެ ކުޅުންތެރިން އެކުގައި ރިއަލް މެޑްރިޑަށް ކުޅުނު ދުވަސްވަރުގެ އުފާވެރި ހަނދާންތަކުގެ ވާހަކަ އެވެ. ދެ ކުޅުންތެރިންގެ ހާލު އޮޅުންފިލުވާ ދެ މީހުންގެ ދަރިންގެ ވާހަކަތައް ވެސް މި ކޯލުގައި ހިއްސާ ކުރެ އެވެ. އަދި ދަރިން މިހާރު ބޮޑެތިވެ، ކުރަމުން އަންނަ މަސައްކަތްތައް ވެސް އެކަކު އަނެކަކަށް ކިޔާދެ އެވެ.

ރޮނާލްޑޯ މި ކޯލުގައި ބުނި ގޮތުގައި އޭނާ އަދި ބްރެޒިލްގެ އެހެން ކުޅުންތެރިން އަބަދުވެސް ދުށް ގޮތުގައި ބްރެޒިލްގެ ގައުމީ ޓީމަށް ބްރެޒިލުން ބޭރުން އެއްވެސް ކުޅުންތެރިއަކަށް ފުރުސަތެއް ލިބޭނެ ނަމަ އެ މީހަކީ ބެކަމް އެވެ. އަދި އޭނާގެ ނަޒަރުގައި ބެކަމްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ސެންޓްރަލް މިޑްފީލްޑަރު ކަމަށާއި، ބޭނުން ކޮންމެ ތާކަށް ހުރަސް ކޮށްލުމުގެ ހުނަރު ބެކަމްއަށް ލިބިފައިވާކަން ފާހަގަކޮށް ބެކަމްއަށް ތައުރީފް ކުރެ އެވެ.

"އަހަރެން ނުވެސް ބަލާ ހުރެ ދުއްވައިގަންނަ އިރަށް އަހަރެންގެ ކުރިމައްޗަށް ޕާސް ޖަހާލާ. އަހަރެންނަށް ދިން އެތައް ޕާހަކަށް އަދިވެސް އެއް ފަހަރު ޝުކުރިއްޔާ،"

ރިއާލް މެޑްރިޑުގެ ޑްރެސިން ރޫމުން އެންމެ ފުރަތަމަ ރޮނާލްޑޯއާ ބައްދަލުވި ދުވަހުގެ ހަނދާންތައް އާކުރަމުން ބެކަމް ބުނި ގޮތުގައި އޭނާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރިއާލް މެޑްރިޑަށް ބަދަލުވެ އެންމެ ފުރަތަމަވެސް ބައްދަލުވީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށްވާ ރޮނާލްޑޯއާ އެވެ.

ދެ ކުޅުންތެރިންގެ ވީޑިއޯ ކޯލް ނިންމާލީ، ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޗެއް ކުޅެން ރޮނާލްޑޯ ހުށަހެޅި ހިޔާލަށް ތާއީދު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް