ބޭރު ފައިސާއާ ބެހޭ ގަވައިދު އިސްލާހުކޮށް އިއްޔެ ގެޒެޓު ކުރުމާ އެކު، އިއްޔެ އިން ފެށިގެން އާ ގަވާއިދަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ. މި ބަދަލާ އެކު، އެމްއެމްއޭ އިން 1 މާޗް 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު އުވުނީ އެވެ.
އެ ގަވާއިދުތައް އެކުލަވާލީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ފަންނީ ބޭފުޅުންގެ ލަފައާއެކު ކަމަށާއި އެ ދެ ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ޕީއެސްއެމްގެ "ރާއްޖެ ޕްރޮގްރާމް"ގައި ރޭ ވާހަކަ ދައްކަވަމުން ގަވަރުނަރު ވަނީ ރާއްޖޭގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން ފަތުރުވެރިންނަށް ދިވެހި ރުފިޔާގެ ބޭނުން އެހާ ވަރަށް ނޯންނަކަން ފާހަގަ ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެއީ އެހެން ގައުމުތަކުގައި ކަންހިނގަމުން އަންނަ ގޮތް ނޫން ކަމަށް ގަވަނަރުނަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އައު ގަވާއިދުގެ މަގުސަދަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމެވެ.
ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކުރަން ދެން މަޖުބޫރުވުމުން ޓޫރިސްޓުންގެ ތަފާތު ހިސާބަށް ބަލާއިރު ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން ބޭންކްތަކަށް އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެ އެވެ.
އެއީ މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 1.5 މިލިއަން ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި އެވެ. އެހެންވެ، އެ އަދަދުން ބަލާނަމަ ރިސޯޓަށް އެތެރެވާ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، ޑޮލަރު މާރުކުރަން މަޖުބޫރު ވުމުން އަހަރަކު ރާއްޖޭގެ ބޭންކުތަކުން މަދުވެގެން 750 މިލިއަން ޑޮލަރު ލިބޭނެ އެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މި ބަދަލު ގެނައުމުން އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ ލިބި، ބޭންކުތަކުން ރައްޔިތުންނަށް ޑޮލަރު ދޫކުރަން ބޭނުންވާ އަދަދަށް ބޭރު ފައިސާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭންކުތަކުން ދެމުންދާ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ދިނުމަށް ބާރު އެޅޭނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެ އެވެ.