
އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ މިހާރުވެސް ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގާ ކަމަށާއި އެހެންނަމަވެސް އޭގެ ބޮޑު ބައެއް އިސްރާފުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ބިލިއަނުން ގެއްލުންވަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ މިފްކޯއިން އެކަނި ވެސް މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަންއަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ފައިސާގެ ގެއްލުންވި ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ދެކޮޅު ނޫން ކަމަށެވެ. އެހެންނަމަވެސް ޓެކްސް ނަގައިގެން ލިބޭ ފައިސާ ބޭނުންކުރަންވާނީ އެންމެ ރަނގަޅު ގޮތުގައި ކަމަށާއި އެ ފައިސާއިން ވައްކަން ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފައިސާ ފޭރިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓެކުހުގެ ގޮތުގައި 5 ބިލިއަން ޑޮލަރު ލިބޭ ކަމަށާ އެކަމަކު މީގެ ތެރޭން ދެ ބިލިއަން ޑޮލަރު އަޅަނީ ކަނޑަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހުގައިވަނީ:
- ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް.
- ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް.
މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރުމަށެވެ. އެގޮތުން:
- އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނެތް.
- އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައި.
- ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އިސްލާހުގައި ވަނީ 120 ޑޮލަރު ނެގުމަށް ހުށަހަޅައިފައި.
- ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައި.
- ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު 120 ޑޮލަރު މިހާރު ނަގާއިރު އިސްލާހުގައި ވަނީ 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅާފައި.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.
- އިތުރަށް ކިޔާލަން: ޓެކްސް ބޮޑުކުރުމުން އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ: ފައްޔާޒު
ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ކުރާ މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި، އިގުތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބުނެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ އެހެން ބައެއް މެންބަރުންވެސް ކަންބޮޑުވުން މިއަދު ފާޅުކުރެއްވި އެވެ.
އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ނަތީޖާ ފެންނަވަރުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މަސައްކަތް ނުކުރާއިރު ހަމައެކަނި ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަކީވެސް މުޅި މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ނޫން ކަމަށެެވެ.
އެ ބިލަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެނުކު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
ނާޒިލް ވިދާޅުވީ، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު މަދުވާނެ ކަމަށާއި އޭގެ ސަބަބުން ފައިދާވާނީ އަވައްޓެރި ގައުމުތަކަށް ކަމަށެވެ.
އެ ބަހުސްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކުއްލިއަކަށް ޓެކްސްއަށް މި ސަރުކާރުން ގެންނަ ބަދަލާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ފަރާތްތަކުން ކަންބޮޑުވާންޖެހޭ ކަމަށެވެ.
އެ ފަދަ ބޮޑު ބަދަލެއް ގެންނައިރު، ފަތުރުވެރިކަމާ ގުޅުން ހުރި ބޭފުޅުންނާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާއަކީ ވެސް ކޮންމެ ވެސް ވަރަކަށް ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތެއް ކަމަށެވެ. ނަމަވެސް، އެނގޭ އެއްޗަކީ އެ ބަދަލު ގެނައުމުން އޭނާއަށް ވެސް އެކަމުން އުނދަގޫތަކެއް ކުރިމަތިވާނެކަން ކަމަށް މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ، ކޮންމެ ދަތިތަކަކާ އެކު ވެސް ސަރުކާރު ބުނާ ގޮތަށް ރައްޔިތުން ތިބީ ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރަން ތައްޔާރަށް ކަމަށާއި އެހެންކަމުން ދެން އޭނާ ވެސް އަދި އެހެން މީހެއް ވެސް އެ ކަމަށް ކުރާނެ ޝަކުވާއެއް ނެތް ކަމަށެވެ.
ރައްދުގައި ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވީ ޓެކްސް ބޮޑުކުރުން އެއީ ގައުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލެއް ކަމަށެވެ.
ޓެކްސް ބޮޑު ކުރުމުގެ ބިލަށް ރިސޯޓު އޯނަރުން ނުރުހިދާނެ ކަމަށް ފަލާހު ވިދާޅުވީ، މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދަށް ރައްދެއް ދެއްވުމަށް ކަމަށް ބެލެވެ އެވެ. ފަލާހު ވާހަކަ ދެއްކެވީ ސިޔާމަށް ފަހެވެ. ސިޔާމަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގާ އެކަކެވެ.
ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރުކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފަ އެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.