ވިފާގު މަރުވީ އުސް އިމާރާތަކުން ވެއްޓި އެވެ. އެ މައްސަލައާ ގުޅޭގޮތުން ވަރަށް ތަފްސީލީ ޑޮކިއުމަންޓަރީއެއް ޗެނަލް 13 އިން ވަނީ ގެނެސްދީފަ އެވެ.
އެ ޑޮކިއުމަންޓަރީގައި ވިފާގު، ނަފްސާނީ މައްސަލަތަކެއްގައި ހޭދަކުރި ދުވަސްތަކާއި އޭނާގެ ވަރަށް ގިނަ މައުލޫމާތުތައް ވީޑިއޯއާ ފޮޓޯ ބޭނުންކޮށްގެން ގެނެސްދީފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ނާޒިމް މިހާރު އުޅެނީ ވިފާގުގެ މަންމައާ ކައިވެނި ކޮށްގެނެވެ.
އަންހެން ކުއްޖާގެ ނަފްސާނީ ފަރުވާއާ ގުޅޭގޮތުން، ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި އެ ކުއްޖާގެ ބައްޕަ އިބްރާހިމް އަދުނާން އަނީސް އާއި އިންޑިއާގެ ހޮސްޕިޓަލާ ދެމެދު ކުރި އީ-މެއިލްގެ ސްކްރީންޝޮޓް އަދި ބޭސް ސިޓީގެ ފޮޓޯތަކާއި އަނީސްއާ ދެމެދު ދެއްކި ވާހަކަތަކުގެ ސްކްރީންޝޮޓު ޗެނަލް 13 އިން ދެއްކި އެވެ.
ފުލުހުން ރޭ ބުނީ އިމާރާތެެއްގެ މަތީން "ވިފާގު ވެއްޓި" މަރުވި ހާދިސާގެ ރިޕޯޓް ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި މިހާރު ދައުރު ކުރަމުން ދަނީ ސައްހަ ލިޔުމެއް/ރިޕޯޓެއް ނޫން ކަމަށެވެ.
ޗެނަލް 13 އިން ދެއްކި ރިޕޯޓަށް ފަހު، ވިފާގު ޒާތީ މައުލޫމާތު ފުލުހުން ވެސް އާއްމުންނަށް ދޫކޮށްލި އެވެ. އެގޮތުން ފުލުހުން މިފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ، ވިފާގު ވަރަށްފަހު އަމާޒުވި ތުހުމަތުތަކުގެ ދިފާއުގައި، މަރުގެ މައްސަލައެއްގައި އާއްމުކުރަން ނުވާ ވަރުގެ ގިނަ މައުލޫމާތުތަކެއް އާއްމުކޮށްފަ އެވެ.
ނަމަވެސް އެމައުލޫމާތު އާންމުކުރެވުނީތީ ފުލުހުން ވަނީ މައާފަށް އެދިފަ އެވެ.