ads
މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފައިވާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވުން
މަޖިލީސް ރައީސްވެސް މުސާރައިގެ 50 ޕަސެންޓު ނުނަންގަވަން ނިންމަވައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފައިވާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރައިގެ 50 ޕަސެންޓް ނުނަނަގަވާ ގޮތަށް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ނިންމަވާފަ އެވެ. އެ ނޫން ވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވި އެވެ.

އަބްދުއްރަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ މުސާރާއިން 50 ޕަސެންޓް ނުނަންގަވަން ނިންމެވީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މިހާރުގެ މުސާރައަކީ 73،125ރ. އެވެ. މި ބަދަލާ އެކު، މުސާރައިގެ ގޮތުގައި ދެން ނަންގަވާނީ 36،562.5ރ. އެވެ.

މަޖިލިސް މެންބަރުންގެ މުސާރަތައް ކަނޑައަޅަނީ މެންބަރުން އަމިއްލަފުޅަށް ކަމަށްވާއިރު، މެންބަރުންގެ މުސާރައަކީ މިހާރު ކޮމެޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް ބޮޑުވެ ސަރުކާރުގެ ހަރަދުތައް އިތުރުވެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއް ގަ އެވެ. އެ ހާލަތު ބަދަލުކޮށް އިގްތިސާދު ދުޅަހެޔޮ ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް