ޒަރީރު ވިދާޅުވި ގޮތުގައި މި ސިސްޓަމަކީ އީ-ޓެކްސް އިންވޮއިސް ސިސްޓަމެއް ކަމަށާއި، މި ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މީރާގެ އިންވޮއިސް ސިސްޓަމް ގުޅާލެވޭނެ އެވެ. އަދި މިހާރު ހުރި ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށް ފަހު އާ ސިސްޓަމް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީރާއިން މިހާރު ދަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންނެވެ. މި ޕްލޭން އެކުލަވާލުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ހިޔާލު ހޯދަމުންދާ ކަމަށް މީރާއިން ބުނެ އެވެ.
މީރާގެ އަމާޒަކީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށް ވުން ކަމަށާއި، އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ. މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މީރާގެ ހިދުމަތްތައް ޒަމާނީ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.