ސިޔާސީ ވައުދު ފުއްދުމަށް އެކަށީގެންވާ އާމްދަނީއެއް އެޑްމިނިސްޓްރޭޝަންތަކަށް ނުލިބޭތީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އެހެނިގެން ވެސް ހިންގުމުގެ ހަރަދުތަކަށް މިހާރު ހަމަޖައްސަމުން ގެންދަނީ ތަފާތު ބޮންޑްތައް ވިއްކައިގެން ބޭރުގެ ގައުމުތަކުން ދަރަންޏަށް ލިބޭ ފައިސާއިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެ ގޮތުން މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަށްވެ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކަން ޖެހި، އިސްލާމީ ސޮވެރިން ދަރަނި ނުދައްކާ ފުރަތަމަ ގައުމަކަށް ރާއްޖެ ވެދާނެ ކަމުގެ ކަންބޮޑުވުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރުގަ އެވެ. މިއީ ޖީޑީޕީގެ 116 އިންސައްތައެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ބޭރުގެ ދަރަނި އެވެ. މީގެ ތެރެއިން ބޮޑު ބައެއް ދައްކަންޖެހެނީ ސަރަޙައްދީ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއަށް 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއަށް 124 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. މީގެއިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
- އިތުރަށް ކިޔާލަން: ރާއްޖޭގެ އެތެރޭގެ ދަރަނި 74 ބިލިއަނަށް އަރައިފި
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާތަކުން ދެމުން އައި ލަފަ އާއި އިންޒާރުތަކުގެ ތެރޭގައި ތިއްބައި، މާލީ ހާލަތު މި އޮތީ ނުރައްކާތެރި ފައްތަރަަކަށް ވެއްޓިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ރިޒާވް އަޑިއަޅާލީ މި އަހަރެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް ހުސްވެދާނެ ކަމަށް ވެސް ލަފާކުރެވުނެވެ.
އެތެރެގޭ ދަރަނި ދުވަހުން ދަވަހަށް ބޮޑުވަމުންދާ އިރު ގައުމަށް ލިބޭ އާމްދަނީއާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. މި ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ބަޖެޓު ދިރާސާކުރާ ކޮމެޓީން އިއްޔެ ވަނީ ރުހުން ދީފަ އެވެ. ސަޕްލިމަންޓަރީ ބަޖެޓުގެ ގާތްގަނޑަކަށް %40 އަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
ޕީއެސްއައިޕީ މަޝްރޫއުތަކަށް 2 ބިލިއަން ރުފިޔާ
އެސްއޯއީތަކަށް 441.1 މިލިއަން ރުފިޔާ
ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
ސްޓޫޑެންޓު ލޯނު ދޫކުރުމަށް 458 މިލިއަން ރުފިޔާ
މެޑިކަލް ކޮންސިއުމަބަލްސް އަށް 200 މިލިއަން ރުފިޔާ
ބޭސް ފަރުވާގެ އެހީއަށް262.6 މިލިއަން ރުފިޔާ
ސަބްސިޑީ އަށް 1.02 ބިލިއަން ރުފިޔާ
މުސާރަ އައި އުޖޫރައަށް 24.4 މިލިއަން ރުފިޔާ
ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު 54.9 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. އަދި ބަޖެޓުގެ ޑެފިސިޓު ޖުމްލަ 18 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގައި އަންދާޒާކުރެވެ އެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ. އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ދިން ލަފާގައި އެމްއެމްއޭ އިން ބުނީ، ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށް ވަރަށް ބޮޑަށް ބަރޯސާވާއިރު، މިހާރުގެ މާކެޓްގެ ޓްރެންޑަށް ބަލާއިރު ޓީބިލް ގަންނަ ބޭންކްތަކަށް ސެކިއުރިޓީ ވިއްކޭ މިންވަރު ދަށްވަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިއަހަރަށް ސަރުކާރުން ކުރިން ލަފާކުރި މިންވަރަށް ސެކިއުރިޓީ ނުވަތަ ޓީބިލް ނުވިއްކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، ޑޮމެސްޓިކް މާކެޓުން ހޯދުމަށް ސަޕްލިމެންޓްރީ ބަޖެޓުގައި ކަނޑައަޅާފައިވާ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ދަތިތައް އެބަހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އިގްތިސާދީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވީ އަހަރުން އަހަރަށް ސަރުކާރުގެ ދަރަނި ބޮޑުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވުން ކުރިޔަށް އޮތް ތަނުގައި ނިސްބަތުން ބޮޑު އަދަދެއް ލޯނު ދެއްކުމަށް ހޭދަވެގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރަސްމީ ރިޒާވަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ރިޒާވް އިތުރުކުރެވޭނެ ފަދަ އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރާ އިރު. ސަރުކާރުގެ ދަރަނި މިހާރު ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އަދި އަހަރު ނިމޭ އިރު އެ އަދަދު ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިގެން ދިޔުމުގެ ނަތީޖާއަކަށްވެފައި ވަނީ އެ ތަންތަން ފޫބެއްދުމަށް ވެސް އިތުރު ދަރަނިތައް ނަގަންޖެހުމެވެ.
- އިތުރަށް ކިޔާލަން: ވެލާނާ އެއަރޕޯޓު މަޝްރޫއަށް ނެގި ލޯނު ދައްކަން އިތުރު ލޯނެއް ނަގައިފި
ރާއްޖޭގެ އިގްތިސާދަށް އޮތް މައިގަނޑު ދެ ނުރައްކަލެއްގެ ވާހަކަ ކުރިން ވާހަކަދެއްކެވި އިކޮނޮމިސްޓް ވިދާޅުވެ ދެއްވި އެވެ. އެއީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނެގުމުގެ ސަބަބުން އެތެރޭގެ ދަރަނި މައްޗަށް ދިއުމާއި ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރުމެވެ.
އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި ހިންގާ ޕަކްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލުވާނެ މައިގަނޑު އަމާޒެއް ފެންނަން ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރިއަށް އޮތް ތަނުގައި ކުރިމަތިވެވަޑައިގަންނާވެ އެންމެ ބޮޑު މާލީ އިމްތިހާނަކީ މި ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލު ކުރުމެވެ. ރާއްޖެއަށް މާލީ ގޮންޖެހުންތައް ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓިން ވެސް މިހާރު ވަނީ ދަށްކޮށްފަ އެވެ. ދަރަނިތައް ފޫބެއްދުމަށް ސަރުކާރަށް އޮތް ހަމައެކަނި މަގަކީ އިގްތިސޯދަށް ވަންނަ ފައިސާ އިތުރުކުރުމެވެ. އެއީ ބޭރުގެ އިންވެސްޓަރުން އައިސްގެން ނޫނީ ނުވާނެ ކަމެކެވެ. ނަމަވެސް އެ އިންވެސްޓަރުންނެއް ރާއްޖެއަކަށް ނާދެ އެވެ. ކޮރަޕްޝަނާއި ތަފާތު ޓެކްސްތަކުން އިންވެސްޓަރުން "ތަޅު" އަޅުވާތީ ޓުއަރިޒަމަށް ރަށެއް/ފަޅެއް ވިއްކުމަކީ މިހާރު އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.
- އިތުރަށް ކިޔާލަން: ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން ޖެހޭ: ސިޔާމް
ރާއްޖޭގެ އިގުތިސޯދު އަލުން ކޮޅަށް ޖަހައި "ބުންވަރު" ހުރި އިގުތިސޯދަކަށް ހަދާނެ ކަމުގެ ވައުދަކީ މި ސަރުކާރުގެ ވައުދެކެވެ. ދައުލަތުގެ ދަރަނި ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައި ވާތީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން އަންނަ މަހު އަހަރު ފުރޭ ސަރުކާރުން މިހާރު އޮތީ ނިންމައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ވާހަކައިގެ ހަގީގަތަށް ވާސިލް ވުމަށް ވަށާޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަކީ ރާއްޖޭގެ މާލީ ހާލަތް ތަންދޭ، މާލީ ގޮތުން ވެސް އިގުތިސޯދީ ގޮތުން ވެސް ގައުމު ކުރިއަރައިދާނެ ފަދަ ސިޔާސަތެއް ގެންގުޅުން މުހިއްމެވެ. އަދި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތަކާއި ސްޓްރެޓީޖިކް ޕްލޭންގެ ދެފުށް ރައްޔިތުންނަށް ފެންނަން ޖެހެ އެވެ.
ނޫންނަމަ، ފާއިތުވެދިޔަ އެޑްމިނިސްޓްރޭޝަންތަކުގެ ދިގު މާޒީގެ ތެރޭގައި ނެގި ދަރަނިތަކާއި ހުރިހާ އިސްރާފާއި ވައްކަމާއި ހިޔާނާތުގެ ސަބަބުން، "ފުޑުނު" އިގްތިސާދަށް ދިރުމެއްނެތެވެ.
އަދި އެއް ވާހަކަ އެވެ.
ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކުގެ ލިސްޓުން ސަލާމަތްވުމަށް ރާއްޖެ އަށް އޮތް އެންމެ މުހިންމު ފުރުސަތަކީ، "ހައްދުފަހަނައަޅާފައިވާ ކޮރަޕްޝަން" މި ގައުމުން ނައްތާލުމެވެ. ރައްޔިތުން އުފުލަން ޖެހޭ ބުރައަކަށް "ކޮރަޕްޝަނުން ވާރުތަވި ދަރަނި" ވިޔަ ނުދޭށެވެ!