މި މަސައްކަތް ކުރިއަށް ގެންދަނީ "ދިވެހިރާއްޖޭގެ އިގުތިސާދީ ފުރަމަލަ 2025" ގެ ނަމުގައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ މަޝްރޫއެއްގެ ދަށުންނެވެ.
ބީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދާނެ ކަމަށެވެ. އަދި މި މަސައްކަތް އަމަލީ ގޮތުން ހއ. އަތޮޅުގައި މި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވިޔަފާރިއާއި އިގުތިސާދީ ދާއިރާގެ ހިދުމަތްތައް ބައްޓަންވާނީ މި ފުރަމަލައިގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތުގައި ވަރަށް ފަރުވާތެރިކަމާއެކު ކޮންމެ ރަށެއް ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވި، ދިރާސާ ކުރެވިގެން އެ ރަށެއްގައި މިހާރު ހިނގާ އިގުތިސާދީ ހަރަކާތްތަކަކީ ކޮބައިކަމާއި އެ ރަށެއްގައި ކުރެވިދާނެ އިގުތިސާދީ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.
ބީސީސީގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މުޅި ރާއްޖޭގެ ފުރިހަމަ އިގުތިސާދީ ފުރަމަލައެއް އެކުލަވާލައި އިފްތިތާހުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށްވެސް މަގުފަހިވާނެ ކަމަށް ބީސީސީން ބުނެފައިވެ އެވެ.