މީޑިއާ ރެގިއުލޭޓްކުރަން މިހާރު އޮންނަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލާ އެއްކޮށްލަން 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ނަމުގައި މަޖިލިހަށް ބިލެއް ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރުއެވެ.
މި ބިލް މަޖިލިހަށް ހުށައެޅުމުން ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބިލް މަޖިލިހަށް ހުށައެޅުމުން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީ ވެރިންގެ ނާގާބިލުކަމާއި ފަސާދަ ފޮރުވަން ކުރާ މަސައްކަތެއްކަމަށެވެ. އަދި މި ސަރުކާރުން މުޅިވެސް ފެންނަނީ ހުދުމުހުތާރުކަމުގެ ސިފަތައްކަމަށް ޝާހިދު ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަންގެ ބިލް ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ 7 މެމްބަރުންގެ މައްޗަށެވެ. އޭގެތެރެއިން 4 މެމްބަރުންނަކީ ރައީސް އައްޔަންކުރައްވާ ހަތަރު މެމްބަރުންނެވެ. އަނެއް ތިން މެމްބަރުންނަކީ މީޑިއާތަކުން އިންތިހާބު ކުރާ ބައެކެވެ.
މި ބިލުގައި ވަނީ އަލަށް އުފެދޭ ކޮމިޝަނަށް ނޫސްވެރިން ބޮޑެތި އަދަދު ޖޫރިމަނާކުރުމާއި ލައިސަންސް ބާތިލުކުރަން ކޯޓަށް ދިއުމުގެ ބާރު އެ ކޮމިޝަނަށް ދީފައެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް މިއަދު މަޖިލީހަށް ހުށަހެޅި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި އެ ބިލް ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ ދިރާސާކޮށްފައިކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.